ކ. މާލެ
|
27 ސެޕްޓެންބަރ 2024 | ހުކުރު 13:12
ރައީސް މުއިއްޒު ޕްރިންސްޓަން ޔުނިވާސިޓީގައި ތަގުރީރުކުރައްވަނީ
ރައީސް މުއިއްޒު ޕްރިންސްޓަން ޔުނިވާސިޓީގައި ތަގުރީރުކުރައްވަނީ
ރައީސް އޮފީސް
އިންޑިއާ ރާއްޖެ ގުޅުން
އިންޑިއާ ކަނޑުގެ ހަމަޖެހުން ޤާއިމްވެ އޮތުމަށްޓަކާ ރާއްޖެ އާއި އެމެރިކާގެ ގުޅުން މުހިއްމު - ރައީސް މުއިއްޒު
ދިވެހިރާއްޖެއަކީ ބާރުގަދަ، ފުދުންތެރި އަދި މިނިވަން ޤައުމެއްގެ ގޮތުގައި އޮންނަން ޖެހޭކަމަށް ރައީސް ވިދާޅުވި
ދިވެހިރާއްޖޭގެ އިސްތިރާޖީ މިނިވަންކަން މުހިންމުކަމަށް ރައީސް ފާހަގަކުރެއްވި
ޖަޒީރާ ޤައުމުތައް ކުރިއެރުވުމަކީ ބައިނަލްޢަޤުވާމީ ގޮތުން ބެލިއަސް މުހިންމު ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި

އިންޑިއާ ކަނޑުގެ ބާރުތަކުގެ ތަރުތީބު ކަށަވަރުކުރުމަށް ރާއްޖޭގެ މިނިވަންކަން މުހިންމު ކަމަށާއި އިންޑިއާ ކަނޑުގެ ހަމަޖެހުން ޤާއިމްވެ އޮތުމަށްޓަކާ ރާއްޖެ އާއި އެމެރިކާގެ ގުޅުން މުހިއްމުކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، އެމަނިކުފާނު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޔުނިވަރސިޓީތަކުގެ ތެރޭގައި ގުނާލެވޭ ޕްރިންސްޓަން ޔުނިވަރސިޓީއަށް ޒިޔާރަތް ކުރައްވައި، އެ ޔުނިވަރސިޓީގެ ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަރނޭޝަނަލް ޕޮލިސީގެ "ޑީންސް ލީޑަރޝިޕް ސީރީސް"ގައި ދެއްވި ތަޤުރީރެއްގައެވެ.

ރާއްޖެ އާއި ދުނިޔޭގެ ބޮޑު އެއް ބާރާއި ދެމެދު ގުޅުން ބަދަހިވާން ޖެހޭ ކަމަށް ޤަބޫލުކުރައްވާ ސަބަބާއި މެދު އެ މަނިކުފާނު ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން އިންޑިއާ ކަނޑުގެ ބާރުތަކުގެ މެދުގައި އޮންނަ ހަމަޖެހުމަށްޓަކައި ދިވެހިރާއްޖޭގެ އިސްތިރާޖީ މިނިވަންކަން މުހިންމުކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެއަކީ ބާރުގަދަ، ފުދުންތެރި އަދި މިނިވަން ޤައުމެއްގެ ގޮތުގައި އޮންނަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެ ޝާމިލު، ފުދުންތެރި މުޖުތަމަޢެއްގެ ގޮތުގައި ޤައުމު ބައްޓަންކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ޙައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ އެ މަނިކުފާނުގެ އަމާޒެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ ބައިނަލްއަޤުވާމީ މާލީ އާކިޓެކްޗަރ އިސްލާޙުކުރުމަކީ އެ މަނިކުފާނުގެ ޢަޒުމެއްކަން ރައީސް ހާމަކުރެއްވިއެވެ.

އިންޓަރނޭޝަނަލް ބަލްކް ކާގޯގެ ތިން ބައި ކުޅަ އެއްބައި ދަތުރުކުރަނީ އިންޑިއާ ކަނޑު ހުރަސްކޮށްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އޭޝިއާ އާއި ޔޫރަޕް އާއި މެދު ހިނގާ ވިޔަފާރީގެ މުއާމަލާތްތަކުގެ 75% ހިނގަނީ އިންޑިއާ ކަނޑު މެދުވެރިކޮށް ކަމަށާއި ދުނިޔެއަށް ބޭނުންވާ ތެޔޮ އުފުލުމުގައި 50% ހިއްސާ ކުރަނީ އެ ސަރަހައްދުކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރާއްޖެ އޮތް ސަރަހައްދު މުހިންމުވުމުން ރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

Advertisement

ގައުމެއްގެ ނުފޫޒު ނުވަތަ ބާރު ހުރި މިންވަރަކީ ހުރިހާ ފަހަރު ގައުމުގެ ކުޑަ ބޮޑު މިނަށް ބަރޯސާވާ ކަމެއް ނޫން ކަމަށް ފާހަގަކުރައްވާ އެ މަނިކުފާނު ވަނީ ރާއްޖޭގެ މުހިންމު ބައެއް ސިފަތަކަށް އަލިއަޅުވާލައްވާފައެވެ. ބަައިނަލްއަޤުވާމީ ގޮތުން ބަލާއިރު ރާއްޖެ އަކީ މުދާ އުފުލާ ބޯޓުފަހަރު އާއްމުކޮށް ދަތުރުކުރާ ސަރަހައްދަކަށް ވުމާއި އެކު މުދާ އުފުލާ ރޫޓުތަކަށް ބަލާއިރު ރާއްޖެ އަކީ މުހިންމު ޤައުމެއްކަން ރައީސް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ. އަދި ސަރަހައްދީ ގޮތުން ބަލާ އިރު ރާއްޖެ އަކީ މުހިންމު ޤައުމެއް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް ރާއްޖޭގެ ތާރީހަށް ބަލާ އިރު ރާއްޖެ އެނގެން އޮތީ ރާއްޖެ ސްޓްރެޓީޖިކް ގޮތުން މުހިންމުވުމުން ނޫން ކަމަށާއި ރާއްޖެ އަކީ މިހާރު ވެސް ވަރަށް ބޮޑަށް ބަދަލުވަމުންދާ ޤައުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރާއްޖެ އަށް މިނިވަންކަން ލިބުނު ހިސާބުން ފެށިގެން މި ހިސާބަށް ރާއްޖޭގެ ތާރީހު ހިނގަނމުން އައި ގޮތަށް އެ މަނިކުފާނު ވަނީ އަލިއަޅުވާލައްވާފައެވެ. މިއަދު ރާއްޖެ އަކީ ކުރިއަރަމުން އަންނަ ކާމިޔާބު ޤައުމެއް ކަމަށާއި، ރާއްޖެއަކީ ޑިމޮކްރަސީ ހަރުދަނާވަމުން އަންނަ ޤައުމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެ އާއި ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ އަށް މޫސުމީ ކާރިސާއެއް އަޔަނުދިނުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތަކާމެދު އަޑުއުފުލުމަށް ރާއްޖެ އަދާކޮށްފައި ވަނީ ހައްސާސް ދައުރެއް ކަމަށެވެ. ތިމާވެށި ޙިމާޔަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ދިވެހިން އިޚްލާސްތެރިކަމާއެކު މަސައްކަތްކުރާނޭކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ އަރުވާފައެވެ. ޑިޖިޓަލް ޓްރާންސްފޯމޭޝަނަށާއި، އާޓިފިޝަލް އިންޓެލިޖަންސް ބޭނުންކުރުމަށް ރާއްޖޭގައި މަސައްކަތްތަކެއް ކުރާނޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިހާރު ބައިނަލްއަޤުވާމީ ނިޒާމު ބިނާވެފައި އޮތް އަސާސީ އުޞޫލުތަކަކީ، ޤައުމުތަކާއި ދައުލަތްތަކުގެ މެދުގައި އިސްތިޤުލާލީ ހަމަހަމަކަމަށް އިޙްތިރާމްކުރުމުގެ ސިފަ ދެމެހެއްޓުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުދި ޖަޒީރާ ޤައުމުތައް ކުރިއެރުވުމަކީ ބައިނަލްޢަޤުވާމީ ގޮތުން ބެލިއަސް މުހިންމު ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް