"އިންޑިއާ އައުޓް"ގެ ދުމުގައި ނުޖެހޭ އެއްވެސް މީހެއް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ( ޕީޕީއެމް ) އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގައި ސިޔާސީ އިސް ސަފުގައި ނުހުންނާނެ ކަމަށާ، އެކަން ދޮގުކުރައްވަނީ ސިޔާސީ އޮއި ބަދަލުވީމަކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު އެފަދައިން ވިދާޅުވީ ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި އާދިއްތަ ދުވަހުގެ ރޭ ވާހަކަދައްކަވަމުންނެވެ.
އެ ޖަލްސާގައި އެ މަނިކުފާނު ވަނީ އިންޑިއާ އާ ދެކޮޅަށް ރާއްޖޭގައި ހިންގި "އިންޑިއާ އައުޓް" ހަރަކާތަކީ ރައީސް ޔާމީން ހިންގެވި ހަރަކާތެއް ކަމަށާއި، ރައީސް މުއިއްޒުގެ ސަރުކާރުން އެ ހަރަކާތާ މުޅިން ވަކިވެ ދުރައްޖެހިފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލު ވިދާޅުވެފައިވާތީ އެކަމަށް ރައްދުދެއްވާފައެވެ. އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ މީޑިއާ އެއް ކަމަށްވާ ވިއޯން އަށް ދެއްވި ބަސްދީގަތުމެއްގައި ޚަލީލު ވިދާޅުވީ، "އިންޑިއާ އައުޓް" ހަރަކާތް އިސްކޮށް ހިންގެވީ ކުރީގެ ރައީސް ޔާމީން ކަމަށާއި، އެމަނިކުފާނާއި މިހާރުގެ ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
އިންޑިއާ އައުޓް ކެމްޕެއިން ފެށީ އެ މަނިކުފާނުގެ އިސް ނެގުމާއި އެކުގައިކަމަށް ފާހަަގަކުރައްވާ ރައީސް ޔާމީން ވަނީ އެ މަނިކުފާނު އެ ޒިންމާއިން ރެކިވަޑައިގަންނަވަން ބޭނުންފުޅު ވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. މިއަދުވެސް މޮޓޯ އެއްގެ ގޮތުގައި ގެންގުޅުއްވަނީ އޭރުވެސް ގެންގުޅުއްވި މޮޓޯ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އެ މަސައްކަތުގައި ރައީސް ޔާމީން އިސް ނެންގެވި ނަމަވެސް އެ މަސައްކަތުގައި ނޫޅޭ ސިޔާސީ މީހެއް ޕީޕީއެމް، ޕީއެންސީގައި ނުހުންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ހުދު ޑރ.ހަލީލު ވެސް އެ ރަށަށް ކުރި އިންޑިއާ އައުޓް ދަތުރުގައި ޚަލީލުގެ ބައްޕަ ވެސް ރައީސް ޔާމީންގެ އިސްތިގްބާލަށް ގޮވައިގެން ވަޑައިގަންނަވާފައިވާ ކަމަށެވެ. އެންމެ ފުރަތަމަ ވެރިކަމަށް ވަޑައިގެން އަލްޖަޒީރާ އަށް ދެއްވި އިންޓަރވިއުގައި ވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަތައް ދެއްކެވީ އިންޑިއާ އައުޓް ކެމްޕެއިނާއި ތައީދުކުރައްވައި ރައްޔިތުން ދިން ވޯޓުން ކަން އެ މަނިކުފާނު ހޮވިވަޑައިގަތީ، އެހެން ކަމާއި އެކު ރައްޔިތުންގެ އެދުމަށް އިހުތިރާމް ކުރައްވާ ނެކަމުގައި ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވާ ކަމުގައެވެ. އަދި ހަމްދާން ޝަކީލަކީ ރައީސް މުއިއްޒުގެ ނުރަސްމީ ތަރުޖަމާނެއް ކަމަށް ސިފަކުރައްވާ ރައީސް ޔާމީން ވަނީ، އިންޑިއާ އައުޓްގެ ކެމްޕެއިނަކީ ރައީސް މުއިއްޒު އިސްނަންގަވައިގެން ހިންގެވި ކެމްޕޭން އެއް ކަމަށް ހަމްދާން ޝަކީލް ވެސް ސިފަކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ. އޭރު އޮޔާ އެއްކޮޅަށް ދަތުރުކުރާ އޮޑިއެއް ކަމަށް ދެކިގެން އެ ވާހަކަތައް ދެއްކެވީ ކަމަށާއި ހާލަތު ފުރޮޅުމުން ވާހަކަ ބަދަލުކުރެއްވީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އަޅުގަނޑު ބުނަމުން ދަނީ އަޅުގަނޑުމެންނާ އިންޑިއާ އާއި ދެމެދު މައްސަލައެއް އޮތީކީ ނޫނޭ. ވަރަށް ގާތް، ވަރަށް އުޙުވަތްތެރި. އަޅުގަނޑުމެންނަށް ދިމާވާ ކޮންމެ ދަތިކަމެއްގައި އިންޑިއާ އާދޭ ޝައްކެއް ވެސް ނެތް. އަޅުގަނޑުމެން ރެސްކިއު ކުރަން އާދޭ. މައްސަލައަކަށްވީ އިންޑިއާ އިން ރާއްޖޭގެ ދާހިލީ ކަންކަމަށް ބަސްބުނުން. މިކަން އެންމެ ރަނގަޅަށް ކިޔާދިނީ އަަޒާން. ގަބޫލުކުރެވޭ ވަރަށް. އެ ހިސާބުން އަޅުގަނޑުމެންވެސް މިނިވަން ދާހިލީ ސިޔާސަތު ހިންގަން ދަތިވާތީ މަސައްކަތްކުރެއްވީ. މައްސަލައަށް ވަނީ އެއްވެސް އަސްކަރިއްޔާ އެއް ތިބޭ ތިބުން.ކުރީގެ ރައީސް އަބްދުﷲ ޔާމީން
މިކަމުން ވެސް އެނގެނީ ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަތުގައި މައިބަދަ އެއް ނެތްކަން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މީގެ އިތުރުން އިންޑިއާ އިން ރާއްޖޭގެ ދާހިލީ ކަންކަމަށް ބަސްބުނުމަކީ އެއްވެސް ސިފައެއްގައި ރުހިވަޑައިގަންނަވާ ކަމެއް ނޫންކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އެކަމުގެ ސަބަބުން ދާހިލީ ސިޔާސަތު ހިންގަން ވެސް ދަތިވިކަމަށާ، އިންޑިއާ އަށް ރާއްޖޭގައި ދާއިމަށް ފޯރާ ގޮތް މެދުވެރިވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ޤާނޫނު އަސާސީން ރާއްޖޭގައި ބޭރުގެ އެއްވެސް ސިފައިންގެ ބަޔަކު ތިބުން ހުއްދަ ނުކުރާ ކަމަށެވެ. އެކަން ކަށަވަރުކުރުމަށް މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުން ޤާނޫނު އަސާސީ އަށް އިސްލާހެއް ގެނެސްފައިވާ ކަމަށާއި އެ އިސްލާހަކީ މަޖިލީހުގެ ހުއްދަ ނުނަގާ ރާއްޖޭގައި ބޭރުގެ ސިފައިންނަށް ނުތިބެވޭ ގޮތަށް ގެނައި އިސްލާހެއްކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
އެ އިސްލާހަށް ބަލާލުމުން ގޯހެއް ހެދިގެން އުޅޭކަން ސަރުކާރަށް އެނގޭކަން ހާމަވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެ މަސައްކަތް ކުރީ އެތެރެ ކޮއިލުން ކަމަށާއި، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް މިހާތަނަށް ވެސް ހުއްދަ ނަގާފައި ނުވާތީ އެ މީހުން ރާއްޖޭގައި ދެމިތިބީ ޤާނޫނާއި ޚިލާފަށް ކަމަށް ޤަބޫލުކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އިންޑިއާ ރުޅިއަންނަން ޖެހުނީ ރައީސް މުއިއްޒުގެ ބޮޓުންކޮޅު ދެއްކި ވާހަކައިން ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މިހާރު މި ހުންނެވި ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް އިތުބާރު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ރައީސް މުއިއްޒު ހައްދަވާ ދޮގު ތެދުކުރުމަށް ވެސް ހައްދަވަނީ އިތުރު ދޮގުތައް ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. އެ މަނިކުފާނަށް އާއްމުންގެ އިތުބާރު ގެއްލުނު އެންމެ ބޮޑު ސަބަބަކީ އެއީ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
، ރައީސް ސާލިހުގެ ވެރިކަމުގެ ދުވަސްވަރު ޑޯނިއާ ދުއްވަން އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ކަމަށް ބުނެ އިންޑިއާ އައުޓްގެ ނަމުގައި ޕީޕީއެމް ޕީއެންސީން ވަނީ މުޒާހަރާކޮށްފައެވެ.