Advertisement
ކ. މާލެ
|
16 ޖުލައި 2025 | ބުދަ 16:49
ރައީސް ޑރ. މުހައްމަދު މުޢިއްޒު
ރައީސް ޑރ. މުހައްމަދު މުޢިއްޒު
ރާއްޖެއެމްވީ
ސިޔާސީ މަގާމު
ސިޔާސީ މަގާމުތަކުގެ އަދަދާ ބެހޭ ގޮތުން ސަރުކާރުން ހެދީ ދޮގު: އަމީރު
އާންމުކޮށް ބަޖެޓް ހަދާ ގޮތައް ބަލާއިރު އޮކްޓޫބަރު 2024 ގައި 2280 ސިޔާސީ މަގާމަށް މީހުން އައްޔަންކޮށްފައިވޭ
ސަރުކާރުގެ ޚަރަދުކުޑަކުރުމަށް ބުނެ ވަކިކުރި ކަމަށް އިއުލާންކުރި 248 ސިޔާސީ މުވައްޒަފުން ކަނޑާލިކަމަށް ބެލިކަމުގައި ވިޔަސް، ނުކަނޑާ ބެލިކަމުގައި ވިޔަސް 2032 ސިޔާސީ މީހުން ތިބޭނެ
ސަރުކާރުން ބުނީ ސިޔާސީ މަގާމުތަކުގައި ތިބީ 922 ކަމަށް، ކޮންމެ މިނިސްޓަރަކަށް 11 ޑެޕިއުޓީ މިނިސްޓަރު އެބަތިއްބެވި

ސިޔާސީ މަގާމުތަކުގެ އަދަދާ ބެހޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލައިފި ކަމަށް ކުރީގެ ފިނޭންސް މިިނިސްޓަރ އިބްރާހިމް އަމީރު ހާމަ ކުރައްވައިފިއެވެ.

އަމީރު ވިދާޅުވީ، އާންމުކޮށް ބަޖެޓުން ސިޔާސީ މާގާމްތަކުގެ އަދަދު ބަލާ ގޮތުން ނަމަ، އޮކްޓޯބަރު 2024 ގައި 2280 ސިޔާސީ މަގާމަށް މީހުން އައްޔަން ކޮށްފައިވާ ކަމަށެވެ.

ރައީސް އޮފީހުން އަންގާރަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ މަގާމުތަކަށް އައްޔަން ކޮށްފައިވާ ތިބި މުވައްޒަފުންގެ އަދަދަކީ 922 ކަމަށެވެ.

މި އަދަދާ ބެހޭ ގޮތުން ކުރީގެ ފިނޭންސް މިނިސްޓަރު ވިދާޅުވީ "އަނެއްކާ އަނެއް އޮޅުވާލުން". ކަމުގައެވެ.

އަމީރު ވިދާޅުވީ، ސަރުކާރުގެ ޚަރަދު ކުޑަ ކުރުމަށް ކަމަށް ބުނެ ވަކި ކުރި ކަމަށް އިއުލާނު ކުރި 248 ސިޔާސީ މުވައްޒަފުން ކަނޑާލިކަމަށް ބެލި ކަމުގައި އަދި ނުކަނޑާ ކަމަށް ބެލި ކަމުގައި ވިޔަސް، 2032 ސިޔާސީ މީހުން ތިބޭނ ކަމަށެވެ.

"އޭގެ ފަހުން ވެސް އެތައް މުވައްޒަފުންނެއް ނަގައިފި. ސަރުކާރުން މިހާރު މި ބުނާ ގޮތަށް ބަލާނަމަ، ރައީސް އޮފީހާއި މުލިއާގެ އާއި އަދި ހިލާލީގެ އެއްކޮށް 1،100 އަށް ވުރެ ގިނަ މުވައްޒަފުން ތިބޭނެ ކަމަށް ލަފާކުރެވޭ. 2023 ނިމުނު އިރު މި އަދަދު ހުރީ 409 ގައި؛" އަމީރު އެކްސްގައި ކުރެއްވި ޕޯސްޓް ގައި ވިދާޅުވިއެވެ.

ރައީސް އޮފީހުން ހާމަ ކުރި ސިޔާސީ މަގާމުތަކުގެ އަދަދަކީ ހަގީގީ އަދަދު ނޫން ކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޑު ކިޔަމުން ގެންދާއިރު، ސަރުކާރުން ހާމަ ކުރި އަދަދަކީ މުއިއްޒު ވައުދުވެވަޑައިގެންނެވި އަދަދަށް ވުރެ ގިނަ އަދަދެއްކަން ވަނީ ފާހަގަ ކުރެވިފައެވެ. އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އޭރު ވިދާޅުވެފައި އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާ ސިޔާސީ މުވައްޒަފުންގެ އަދަދު، ސަރުކާރުގެ މިނިސްޓްރީ ތަކާއި، ރައީސް އޮފީހާއި، ރައީސް އާއި ނައިބު ރައީސްގެ ރަސްމީ ގެކޮޅާއި، މި ހުރިހާތަނެއް ހިމެނޭހެން 700 އަށް ވުރެ ގިނަ ނުވާނެ ކަމަށެވެ.

ސަރުކާރުން ހާމަ ކުރި 922 ސިޔާސީ މަގާމުތަކުގެ ގިންތި ތަކަށް ބަލާއިރު އެންމެ ގިނައީ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން ކަން ފާހަގަ ކުރެވެއެވެ. އެ މަގާމުގައި 318 މީހުން ތިބި ކަމަށް ހާމަވެއެވެ. އޭގެ އިތުރުން 20 މިނިސްޓަރުން ތިއްބެވި އިރު ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 މީހުން ވަނީ އައްޔަން ކޮށްފައެވެ. އެއީ ކޮންމެ މިނިސްޓަރަކަށް ގާތްގަނޑަކަށް 11 ޑެޕިއުޓީ މިނިސްޓަރުންނެވެ. އޭގެ އިތުރުން ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20 މީހުން ވަޒީފާ ގައި ތިބި ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

- ކޮމެންޓް