ކ. މާލެ
|
25 ސެޕްޓެންބަރ 2024 | ބުދަ 00:33
އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ތުރުކީގެ ރައީސް އުރުދުޣާން ވާހަކަފުޅު ދައްކަވަނީ
އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ތުރުކީގެ ރައީސް އުރުދުޣާން ވާހަކަފުޅު ދައްކަވަނީ
ރޮއިޓާސް
ތުރުކީގެ ރައީސް އުރުދުޣާން
އިޒްރޭލުން ޣައްޒާއަކީ ކުޑަކުދިންނާ އަންހެނުންގެ ދުނިޔޭގެ އެންމެ ބޮޑު ގަބުރުސްތާނަށް ހަދައިފި: އުރުދުޣާން
70 އަހަރު ކުރިން އިންސާނިއްޔަތުގެ އިއްތިހާދަކުން ހިޓްލަރު ހުއްޓުވި ފަދައިން، ނަތަންޔާހޫ އާއި އޭނާގެ މަރުގެ ވިއުގަ ހުއްޓުވަންޖެހޭނީ އިންސާނިއްޔަތުގެ އިއްތިހާދަކުން ކަމަށް އުރުދުޣާން ވިދާޅުވިއެވެ.

ޣައްޒާ ގައި ހިނގަމުންދާ ހަނގުރާމަ އާ މެދު ބައިނަލްއަގްވާމީ މުޖްތަމައުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އދ.ގެ އާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވިދާޅުވީ އިޒްރޭލުން ޣައްޒާ ވަނީ "ކުޑަކުދިންނާއި އަންހެނުންގެ ދުނިޔޭގެ އެންމެ ބޮޑު ގަބުރުސްތާނަށް" ހަދާފައިވާ ކަމުގައެވެ.

އުރުދުޣާންގެ ވާހަކަފުޅުގައި ލުބުނާން އަށް އިޒްރޭލުން ދީފައިވާ ހަމަލާތަކަށް އަލިއަޅުއްވާލައްވަމުން ލުބުނާން އަށް ތާއީދު ކުރައްވާ ވިދާޅުވީ، ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން އުޅެނީ މުޅި މެދުއިރުމަތި "ހަނގުރާމައިގެ ތެރެއަށް" ވައްޓާލުމަށް ކަމުގައެވެ.

އުރުދުޣާން ވަނީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކަށް، ޣައްޒާ އާއި ހުޅަނގު އައްސޭރީގައި އުޅެނީ އިންސާނުންތޯ ސުވާލު ކުރައްވާފައެވެ.

އދ. ސެކިއުރިޓީ ކައުންސިލް އިން ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް އަމުރު ނުކުރުމުން އުރުދުޣާން ވަނީ ސެކިއުރިޓީ ކައުންސިލް އަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"ދުނިޔެ ފަހަކަށް ވުރެ ބޮޑުވާނެ،" އިޒްރޭލުގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިވާ އެމެރިކާ ހިމެނޭ ކައުންސިލުގެ ދާއިމީ ފަސް މެންބަރުންނަށް އިޝާރާތް ކުރައްވާ އުރުދުޣާންގެ ވާހަކަފުޅުގައި ތަކުރާރުކޮށް ވިދާޅުވިއެވެ.

ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާމެދު ހަރުކަށި އިބާރާތުން ފާޑުވިދާޅުވާ އުރުދުޣާން ވަނީ ނަތަންޔާހޫ ނާޒީންގެ ހިޓްލަރާ އެއްފަދަ ކުރައްވާފައެވެ. އަދި "ނަތަންޔާހޫ އާއި އޭނާގެ މަރުގެ ވިއުގަ" ހުއްޓުވުމަށް ބައިނަލް އަގްވާމީ މުޖްތަމައަށް ގޮވާލެއްވިއެވެ.

"70 ގެ އަހަރު ކުރިން އިންސާނިއްޔަތުގެ އިއްތިހާދަކުން ހިޓްލަރު ހުއްޓުވި ފަދައިން، ނަތަންޔާހޫ އާއި އޭނާގެ މަރުގެ ވިއުގަ ހުއްޓުވަންޖެހޭނީ އިންސާނިއްޔަތުގެ އިއްތިހާދަކުން،" އުރުދުޣާން ވިދާޅުވިއެވެ.

އޮކްޓޯބަރު 7 ގެ ފަހުން އިޒްރޭލުން ހިންގާފައިވާ ޖަރީމާ ތަކުގައި މަދުވެގެން 41,467 ފަލަސްތީން މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ރަސްމީ އިދާރާތަކުން ބުނެފައިވާއިރު، އުރްދުޣާން ވަނީ ޣައްޒާގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވާފައެވެ.

"ވަގުތުން އަދި ދާއިމީކޮށް ހަނގުރާމަ ހުއްޓާލަންޖެހޭ، ރަހީނުކޮށްފައިވާ މީހުން މިނިވަންކޮށް ބަދަލުކުރަންޖެހޭ، އަދި އެއްވެސް ހުރަހެއްނެތި އަދި މެދުކެނޑުމެއްނެތި ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭންޖެހޭ،" އުރުދުޣާން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް