ކ. މާލެ
|
22 ސެޕްޓެންބަރ 2024 | އާދީއްތަ 19:17
އަނޫރަ ކުމާރަ ޑިސަނަޔަކަ ކޮލޮމްބޯގައި ހުރި ވޯޓުލާ މަރުކަޒެއްގައި ވޯޓުލުމަށްފަހު ފޮޓޯ އަކަށް އިޝާރާތް ކޮށްލަނީ
އަނޫރަ ކުމާރަ ޑިސަނަޔަކަ ކޮލޮމްބޯގައި ހުރި ވޯޓުލާ މަރުކަޒެއްގައި ވޯޓުލުމަށްފަހު ފޮޓޯ އަކަށް އިޝާރާތް ކޮށްލަނީ
ރޮއިޓާސް
ލަންކާ ރިޔާސީ އިންތިޚާބް
އަނޫރަ ކުމާރަ ޑިސަނަޔަކަ ސްރީ ލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފި
ސްރީ ލަންކާގެ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރި ނަތީޖާތަކަށް ބަލާއިރު އުމުރުން 56 އަހަރުގެ ކުޑަ ޕާޓީއަކަށް ނިސްބަތްވާ ޑިސަނަޔަކަ ވަނީ އޭނާގެ ވާދަވެރިން ކަމުގައިވާ މައި އިދިކޮޅު ލީޑަރު އުމުރުން 57 އަހަރުގެ ސަޖިތު ޕްރެމަދާސާ އަދި މިހާރުގެ ރައީސް އުމުރުން 75 އަހަރުގެ ރަނިލް ވިކްރަމަސިންހަ ފަހަތައް ޖައްސާ އިންތިޚާބުގައި ކުރި ހޯއްދަވާފައެވެ.

ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) ގެ ލީޑަރު އަނޫރަ ކުމާރަ ޑިސަނަޔަކަ ސްރީ ލަންކާގެ 9 ވަނަ އެގްޒެކެޓިވް ރައީސް ކަމަށް އިންތިޚާބްވެ ވަޑައިގެންފިއެވެ.

ޤައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އެއްވެސް ކެންޑިޑޭޓަކަށް ފުރަތަމަ ގުނުމުން 50 އިންސައްތަ ވޯޓު ނުލިބުމާ ގުޅިގެން އިންތިޚާބުގެ އޮފިޝަލުން ވަނީ ދެވަނަ އަށް އިސްކަންދޭ ކެންޑިޑޭޓްގެ ވޯޓުތައް ގުުނާފައެވެ.

ހެޔޮ ވެރިކަން ކުރިއެރުވުމާއި ކަރަޕްޝަން ނައްތާލެއްވުމަށް ކެމްޕޭން ކުރެއްވި ޑިސަނަޔަކަ، ދެވަނަ ގުނުމުން ކާމިޔާބު ހޯއްދެވިއެވެ.

ފުރަތަމަ ބުރުން ޑިސަނަޔަކަ އަށް 42.31 އިންސައްތަ ވޯޓު ލިބުނުއިރު، އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި، އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާއަށް ލިބުނީ 32.76 އިންސައްތަ ވޯޓެވެ. ރައީސް ރަނިލް ވިކްރަމަސިންހަ އަށް ލިބިވަޑައިގަތީ 17.27 އިންސައްތައެވެ.

ހޮނިހިރު ދުވަހު ބޭއްވުނު މި އިންތިޚާބަކީ، 2022 ވަނަ އަހަރު ސްރީ ލަންކާ އަށް ކުރިމަތިވި ނުރައްކާތެރި އިޤްތިޞާދީ ހީނަރުކަމާ ގުޅިގެން، ގިނަ ބަޔަކު މަގުތަކަށް ނުކުމެ، އިހުތިޖާޖުކޮށް އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ މަގާމުން ވައްޓާލުމަށްފަހު ބޭއްވުނު ފުރަތަމަ އިންތިޚާބެވެ.

ހޮނިހިރު ދުވަހުގެ އިންތިިޚާބުގައި 17 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އެ ގައުމުގެ އިލެކްޝްންސް ކޮމިޝަނުން ބުނެފައިވެއެވެ.

ސްރީ ލަންކާގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މިއީ އެ ޤައުމުގެ ތާރީޚުގައި ބޭއްވި އެންމެ އަމާން އިންތިޚާބު ކަމަށެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގެ މައިގަނޑު މައުޟޫއަކަށްވީ ސްރީ ލަންކާގެ ހީނަރުވެފައިވާ އިޤްތިޞާދީ ޙާލަތެވެ. ޑިސަނަޔަކަ ވަނީ ރައްޔިތުންގެ ދިރިއުޅުން ފަސޭހަކޮށްދިނުމަށް ވެލްފެއަރގެ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވަޢުދުވެފައެވެ. އޭނާ ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއެކު މާލީ އެހީ ހޯދުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ތަޢާރަފުކުރެވުނު އަދި ކުރިމަގުގައި އަޅަން ނިންމާފައިވާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކާމެދު ފާޑު ވިދާޅުވެފައެވެ. އަދި އެ އެއްބަސްވުމުގެ ޝަރުޠުތަކާމެދު އަލުން އައިއެމްއެފް އާ އެކު މަޝްވަރާކުރާނެކަމަށްވެސް ވަނީ ވަޢުދުވެފައެވެ.

އިންތިޚާބުން ނާކާމިޔާބުވި ވިކްރަމަސިންހަ ވަނީ 2022 ގައި ސްރީ ލަންކާ އަށް ކުރިމަތިވި ނުރައްކާތެރި އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ނަމަވެސް ދިރިއުޅުމުގެ ޚަރަދުތައް މައްޗަށް ދިޔަ މައްސަލައިގައި އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅުއްވުމުގެ ސަބަބުން ރައްޔިތުންގެ ނުރުހުން އޭނާ އަށް އަމާޒުވިއެވެ. އޭގެ އިތުރުން އިޤްތިޞާދީ ހީނަރުކަމަށް ގައުމު ވައްޓާލި ކަމަށް ބެލެވޭ ރާޖަޕަކްސާ ޢާއިލާ އާ އޭނާ ގުޅިފައިވާކަމީވެސް އޭނާގެ މަޤްބޫލުކަން ދަށްވުމަށް މަގުފަހިވި ސަބަބެއް ކަމަށް ބެލެވެއެވެ.

ސްރީ ލަންކާގެ އިގްތިސާދީ މައްސަލަތައް ފެންމަތިވުން ވެގެން ދިޔައީ ކަރަޕްޝަން އާ ދެކޮޅަށް އަޑުއުފުއްލަވަން އޭނާ އަށް ފަހިވި ފުރުސަތަކަށެވެ. ކެމްޕޭންގައި މައިގަނޑުގޮތެއްގައި އޭނާ ގެންގުޅުއްވި ޝިއާރަކީ ވެސް ކަރަޕްޝަން އާ ދެކޮޅަށް މަސައްކަތް ކުރެއްވުމެވެ.

ޑިސަނަޔަކަ ހޯމަ ދުވަހު ރައީސް ކަމުގެ ހުވާކުރައްވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް