ކ. މާލެ
|
21 ސެޕްޓެންބަރ 2024 | ހޮނިހިރު 01:04
ސްރީ ލަންކާގެ ރައީސް އަދި ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރަނިލް ވިކްރަމަސިންގެ ސަޕޯޓަރުންތަކެއް
ސްރީ ލަންކާގެ ރައީސް އަދި ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރަނިލް ވިކްރަމަސިންގެ ސަޕޯޓަރުންތަކެއް
ރޮއިޓާސް
ލަންކާގެ ރިޔާސީ އިންތިޚާބު
‎ލަންކާގެ ރިޔާސީ އިންތިޚާބު ހޮނިހިރު ދުވަހު – ރައީސްކަމަށް ހޮވޭނީ ކޮން ބޭފުޅެއް؟
ޖުމްލަ ‎ 38ކެންޑިޑޭޓުން ރައީސް ކަމުގެ މަޤާމަށް ވާދަކުރެއެވެ. ވޯޓުލުން ފެށޭނީ ހޮނިހިރު ދުވަހު ލަންކާ ގަޑިން ހެދުނު 7:00 ގައެވެ. ވޯޓުލުން ނިމޭނީ ހަވީރު 4:00 ގައެވެ. ވޯޓު ގުނަން ފެށޭނެކަމަށް ލަފާކުރެވެނީ ރޭގަނޑު 9:30 ގައެވެ.

ސްރީ ލަންކާގެ ރައްޔިތުން ހޮނިހިރު ދުވަހު ވޯޓުލާނީ އެ ޤައުމުގެ 10 ވަނަ ރައީސް ހޮވުމަށެވެ. މިއީ 2022 ވަނަ އަހަރު އެ ޤައުމުގެ އިޤްތިޞާދު ފުނޑުފުނޑުވެ، ލޯނުތައް ނުދެއްކި ގައުމު ބަނގުރޫޓު ވުމަށް ފަހު ރައީސަކު ހޮވުމަށް ބާއްވާ ފުރަތަމަ އިންތިޚާބެވެ.

ކާބޯތަކެއްޗާއި ތެލުގެ ދަތިކަން ދިމާވެ، ސިޔާސީ ހަލަބޮލިކަން އުފެދި 2022 ވަނަ އަހަރުގެ ޖުލައި މަހު، އޭރުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ މަގާމުން އިސްތިއުފާ ދެއްވާ ޤައުމުން ފިއްލަވަން މަޖުބޫރުވި ހިސާބުން ލަންކާގެ ރައީސް ކަމުގައި ހުންނެވީ އާންމު ރައްޔިތުންގެ ވޯޓަކުން އިންތިޚާބުވެފައި ހުންނެވި ބޭފުޅެއް ނޫނެވެ.

ގޮތަބަޔާގެ އިސްތިއުފާ އަށް ފަހު މަގާމަށް ވަޑައިގަތް މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ ވެސް ވަނީ އަލުން އިންތިޚާބުވުމަށް ކުރިމަތިލައްވާފައެވެ. ރައީސް ކަމުގެ މަގާމަށް ވަޑައިގަތުމަށް ފަހު ވިކްރަމަސިންހަ ވަނީ ލަންކާގެ އިޤްތިޞާދު ރަނގަޅުކުރުމަށް މަސައްކަތްކުރައްވާފައިވެއެވެ. އިންތިޚާބުގައި އޭނާއާ އެންމެ ބޮޑަށް ވާދަކުރައްވަނީ ޖަނަތާ ވިމުކްތި ޕެރަމުނާ (ޖޭވީޕީ) ޕާޓީގެ އަނުރާ ކުމާރާ ޑިސަނަޔަކަ އާއި ސަމަގި ޖަނަ ބަލަވެގަޔާ (އެސްޖޭބީ) ޕާޓީގެ ސަޖިތު ޕްރެމަދާސާއެވެ.

ސްރީ ލަންކާގައި ވޯޓުލުން ފެށޭނީ ކިހާއިރަކުތޯ؟

އެގައުމުގައި ބެހެއްޓިފައިވާ 13,134 ވޯޓުފޮށި ހުރި ތަންތަނުގައި ވޯޓުލުން ފެށޭނީ ހޮނިހިރު ދުވަހު ލަންކާ ގަޑިން ހެދުނު 7:00 ގައެވެ. ވޯޓުލުން ނިމޭނީ ހަވީރު 4:00 ގައެވެ. ވޯޓު ގުނަން ފެށޭނެކަމަށް ލަފާކުރެވެނީ ރޭގަނޑު 9:30 ގައެވެ.

‎ސްރީ ލަންކާގައި ރިޔާސީ އިންތިޚާބު ބާއްވަނީ ކިހިނެއް؟

  • ‎އިންތިޚާބުގެ ކަންކަން ބަލަހައްޓަނީ މިނިވަން މުއައްސަސާއެއް ކަމަށްވާ ސްރީލަންކާގެ އިލެކްޝަން ކޮމިޝަން (އީސީއެސްއެލް) އިންނެވެ.
  • ‎ސްރީލަންކާގެ 22 މިލިއަން މީހުންގެ އާބާދީގެ ތެރެއިން ގާތްގަނޑަކަށް 17 މިލިއަން މީހުންނަކީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންނެވެ. އިލެކްޝަން ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ 18 އަހަރުން މަތީގެ ސްރީލަންކާގެ ރައްޔިތުންނަށް ވޯޓުލެވޭނެއެވެ.
  • ‎ފުލުހުންނާއި، ސިފައިންނާއި، ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން އިންތިޚާބުގެ ދުވަހު އަމިއްލައަށް ވޯޓުލާން ނުދެވޭ މީހުން ވޯޓުލަނީ ޕޯސްޓަލް ބެލޮޓް މެދުވެރިކޮށް ކުރިއާލައެވެ. އިންޓަރނޭޝަނަލް ފައުންޑޭޝަން ފޮރ އިލެކްޓޯރަލް ސިސްޓަމްސް (އައިއެފްއީއެސް) ގެ މަޢުލޫމާތު ދޭގޮތުގައި މިއަހަރު މިގޮތައް ވޯޓުލުން ބޭއްވުނީ ސެޕްޓެމްބަރު 11 އާއި 12 ގައެވެ.
  • ‎ވޯޓުދޭ މީހުން ވޯޓު ކަރުދާހުގައި އިސްކަންދޭ ތަރުތީބުން ތިން ކެންޑިޑޭޓުންގެ ނަން ފާހަގަ ކުރަންޖެހެއެވެ. ފުރަތަމަ ބުރުގައި ރައީސްކަމަށް ހޮވެން ފުރަތަމަ އިސްކަންދިން ކެންޑިޑޭޓުގެ ގޮތުގައި 50 އިންސައްތަ ވޯޓު ހޯދަންޖެހެއެވެ.
  • ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ވޯޓު ނުލިބިއްޖެނަމަ، ފުރަތަމަ ބުރުން އެންމެ މަތިން ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރަކަށް ވޯޓު ގުނުން ކުރިއަށްދާނެއެވެ. އެހެން ކެންޑިޑޭޓުން ރޭހުން ބޭރުވާނެއެވެ.
  • ‎ރައީސަކު ކަނޑައެޅުމަށް އިތުރު ވޯޓުލުމެއް ނުބޭއްވޭނެއެވެ. އޭގެ ބަދަލުގައި، ރޭހުން ބޭރުވި ކެންޑިޑޭޓުންނަށް ލިބުނު ވޯޓު ކަރުދާސްތަކުގައިވާ ދެވަނައަށް އިސްކަންދީފައިވާ ކެންޑިޑޭޓަކަށް ބަލާނެއެވެ. އެ ދެވަނަ އިސްކަންދިން މިންވަރު ބަލާ އެންމެ މަތިން ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ ޖުމްލައަށް އެއަދަދުތައް އިތުރުކުރެވޭނެއެވެ.
  • ‎މި ދެ ކެންޑިޑޭޓުންކުރެ ކެންޑިޑޭޓަކަށް ތިންވަނައަށް އިސްކަންދިނުމުގެ ގޮތުން ފާހަގަޖަހާފައިވާނަމަ، އެ ވޯޓުވެސް އެ ކެންޑިޑޭޓަކަށް ގުނޭނެއެވެ.
  • ‎2015 ވަނަ އަހަރު ފާސްކުރެވުނު ސްރީލަންކާގެ ޤާނޫނުއަސާސީގެ 19 ވަނަ އިޞްލާޙުގެ ދަށުން، ރައީސްގެ މަޤާމުގެ މުއްދަތަކީ 5 އަހަރެވެ. އަދި ގިނަވެގެން ދެ ދައުރު ފުރިހަމަކުރެވޭނެއެވެ.

މުހިންމު‎ ކެންޑިޑޭޓުންނަކީ ކޮބާ؟

ޖުމްލަ ‎ 38ކެންޑިޑޭޓުން ރައީސް ކަމުގެ މަޤާމަށް ވާދަކުރެއެވެ. ފުރަތަމަ ކެންޑިޑޭޓުންގެ އަދަދު 39 ގައި އޮތް ނަމަވެސް، މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އޮތް އިދްރީސް މުޙައްމަދު އިލްޔާސް، އޯގަސްޓް މަހު ވަނީ ނިޔާވެފައެވެ.

ރަނިލް ވިކްރަމަސިންހަ:ވިކްރަމަސިންހަ ވަނީ 6 ފަހަރު އެ ގައުމުގެ ބޮޑުވަޒީރުކަން ކުރައްވާފައިވެއެވެ. 2022 ވަނަ އަހަރުގެ ޖުލައި މަހު ރާޖަޕަކްސާ އިސްތިއުފާ ދެއްވުމާއެކު ވަގުތީ ރައީސްގެ މަޤާމާ ހަވާލުވެވަޑައިގަތެވެ. އުމުރުފުޅުން 75 އަހަރުގެ މި ވިކްރަމަސިންހަ ކުރިން ސެންޓަރ-ރައިޓް ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގައި ހުންނެވި ނަމަވެސް، އިންތިޚާބުގައި ވާދަ ކުރައްވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ.

ވިކްރަމަސިންހަ ކެމްޕޭން ކުރައްވަނީ "ޕުލުވަން ސްރީ ލަންކާ" ނުވަތަ "ސްރީ ލަންކާއަށް ވާނެ" މި ޝިއާރުގެ ދަށުންނެވެ. ކެމްޕޭންގައި އޭނާ ގެންދަވަނީ ޤައުމު އިޤްތިޞާދީ ދަތިކަމުން ސަލާމަތްކުރެއްވީ އޭނާކަމަށް ވިދާޅުވެ މެސެޖް ދެއްވަމުންނެވެ.

ލަންކާގެ އެތައް އިޤްތިޞާދީ މިންގަނޑުތަކެއް ރަނގަޅުވެ، އަގުތައް ބޮޑުތަނުން ދަށްވެ، އަދި ޖީޑީޕީ ކުރިއަރަމުން ދިޔަނަމަވެސް ވިކްރަމަސިންހަ އަކީ 2022 ގެ އިޤްތިޞާދީ ހީނަރުކަމަށް ޒިންމާ ނަގަންޖެހޭ ސިޔާސީ އިސްވެރިންގެ ތެރެއިން ބޭފުޅެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުންދެއެވެ.

މިހާރުގެ ރައީސް ވެރިކަން ކުރައްވަމުން ގެންދަވަނީ ރާޖަޕަކްސާ ޢާއިލާގެ ސްރީ ލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ) ޕާޓީގެ އެހީތެރިކަމާއެކުގައި ކަމަށް ބުނެ ފާޑުކިޔާ ފަރާތްތަކުން ވިކްރަމަސިންގެއަށް ތުހުމަތުކުރަނީ އޭނާ ދައުލަތުގެ ހިސާބުތައް ހަމަ ޖެއްސުމަށް އިޖްތިމާޢީ ރައްކާތެރިކަމުގެ ސްކީމްތައް ކުޑަކުރުމުގެ ސިޔާސަތުތައް ގެންގުޅުއްވި އަދި އިގްތިސާދީ ހާލަތު ރަނގަޅު ކުރައްވަން ނިކަމެތިން ގުރުބާން ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

އަނުރާ ކުމާރަ ޑިސަނަޔަކަ:ޑިސަނަޔަކަ އަކީ މާކްސިސްޓް ޕާޓީ ޖަނަތާ ވިމުކްތި ޕެރަމުނާ (ޖޭވީޕީ) އަށް ނިސްބަތްވާ ފަރާތެކެވެ. މި ޕާޓީއަކީ 2022 ވަނަ އަހަރުގެ އިގްތިސާދީ ހަމަނުޖެހުންތަކާ ގުޅިގެން މަޤްބޫލުކަން އިތުރުވި ޕާޓީއެކެވެ.

‎ޑިސަނަޔަކަގެ މަޤްބޫލުކަން އިތުރުވަމުން އައީ އޭރުގެ ރައީސް ގޮތަބާޔާ ރާޖަޕަކްސާ އާއި އޭނާގެ އަޚް އަދި ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާއާ ދެކޮޅަށް "އަރަގަލަޔާ" ގެ ނަމުގައި ފެށުނު ބޮޑު އިހުތިޖާޖީ ހަރަކާތުގެ ތެރެއިންނެވެ. މިދެބޭފުޅުންވެސް އިސްތިއުފާ ދިނުމަށް މަޖުބޫރުވީ މި ހަރަކާތުގެ ސަބަބުންނެވެ. ‎

އުމުރުން 55 އަހަރުގެ ޑިސަނަޔަކަ އިހުތިޖާޖީ ހަރަކާތުގައި ޢަމަލީގޮތުން ބައިވެރިވުމުގެ އިތުރުން، ވިކްރަމަސިންހަ ގެ ސަރުކާރުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއެކު ވެވުނު 2.9 ބިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުމަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އޭނާ ދެކޭ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ސްރީލަންކާގެ ރައްޔިތުންގެ ދިރިއުޅުމުގެ އަގު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ.

‎ޖޭވީޕީ ޕާޓީއަކީ އަދިވެސް ސްރީ ލަންކާގެ ޕާލިމެންޓުގައި ކުޑަ ދައުރެއް އަދާކުރާ ޕާޓީއެއް ނަމަވެސް، ޑިސަނަޔަކަގެ މަޤްބޫލުކަން ކުޑަ ނޫންކަން ފާހަގަ ކުރެވެއެވެ. އޭނާގެ ސިޔާސީ ކެމްޕޭނުގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ނައްތާލުމެވެ. މި ވަޢުދު ސްރީލަންކާގެ މުޖުތަމަޢުގެ ބޮޑު ބަޔަކަށް ގަބޫލުކުރެވިފައިވާކަން ފާހަގަކުރެވެއެވެ.‎

ސަޖިތު ޕްރެމަދާސާ:ޕްރެމަދާސާ އަކީ ކުރިން ވިކްރަމަސިންހަގެ ޔޫއެންޕީ ގެ މެމްބަރެކެވެ. އެހެން ނަމަވެސް އެ ޕާޓީން ވަކިވުމަށްފަހު ޕޮޕިއުލިސްޓް ސަމަގި ޖަނަ ބަލަވެގަޔާ (އެސްޖޭބީ) އެނާ އުފެއްދެވިއެވެ. ކުރީގެ ރައީސް ރަނަސިންހަ ޕްރެމަދާސާގެ ދަރިކަލުން ކަމުގައިވާ ޕްރެމަދާސާއަކީ މިހާރު ސްރީ ލަންކާގެ ޕާލިމެންޓުގައި އިދިކޮޅު ލީޑަރެވެ.

‎2019 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ޕްރެމަދާސާ ވާދަކުރެއްވިއެވެ. އެ އިންތިޚާބުގައި އޭނާ ބަލިވެ، ރޭސް ކާމިޔާބު ކުރެއްވީ ގޮތަބަޔާ ރާޖަޕަކްސާއެވެ.

‎އޭނާގެ ބައްޕަ، ކުރީގެ ރައީސް ޕްރެމަދާސާ، 1993 ގައި އަވަހާރަކޮށްލީ ވަކި ދައުލަތެއް ލަންކާގައި ގާއިމް ކުރަން މަސައްކަތް ކުރި ތަމަޅަ ގްރޫޕެއް ކަމުގައިވާ ލިބަރޭޝަން ޓައިގަރސް އޮފް ޓެމިލް އީލާމްގެ ޖާނުން ފިދާވުމުގެ ހަމަލާއެއްގައެވެ. މިކަން މިހެން އޮތް ނަމަވެސް ފަހަކަށްއައިސް ޕްރެމަދާސާ ވަނީ ޤައުމުގެ ތަމަޅައިންގެ ވޯޓު ހޯއްދަވަން ވަރަށް މަސައްކަތްކޮށްފައެވެ.

ލަންކާގެ އާބާދީގެ 11 އިންސައްތައަކީ ތަމަޅައިންނެވެ. ‎ޤައުމުގެ އުތުރާއި އިރުމަތީގެ ތަމަޅައިން ތަމްސީލުކުރާ ފާހަގަކޮށްލެވޭ ޕާޓީއެއް ކަމުގައިވާ އިލަންކައި ޓެމިލް އަރަސު ކަޑްޗި (އައިޓީއޭކޭ) ވަނީ ޕްރެމަދާސާއަށް ތާއީދު ފާޅުކޮށްފައެވެ. 2019 ގެ އިންތިޚާބުގައި ގިނަ އަދަދެއްގެ ތަމަޅައިން ވޯޓުދިނީ އޭނާއަށެވެ.

ނަމާލް ރާޖަޕަކްސާ:އެސްއެލްޕީޕީ އިން ކުރިމަތިލައްވާފައިވާ ނަމާލް ރާޖަޕަކްސާ އަކީ އުމުރުން 38 އަހަރުގައި މި އިންތިޚާބުގައި ވާދަކުރާ އެންމެ ހަގު ކެންޑިޑޭޓެވެ. އަދި އޭނާއަކީ ރައީސްކަމާއި ބޮޑުވަޒީރުކަން ކުރައްވާފައިވާ މަހިންދާ ރާޖަޕަކްސާގެ ދޮށީ ދަރިކަލުންނެވެ. ހަމައެއާއެކު އޭނާއަކީ އިސްތިއުފާ ދެއްވި ރައީސް ގޮތަބާޔާ ރާޖަޕަކްސާގެ ބޭބޭފުޅުގެ ދަރިކަލުންވެސް މެއެވެ. އޭނާ ކެމްޕޭންގައި ވިދާޅުވަނީ ބަދަލު ގެނެސްދެއްވާނެ ކަމަށެވެ.

2022 ވަނަ އަހަރު ދިމާވި އިޤްތިޞާދީ މައްސަލަތަކުގެ ސަބަބުން ރާޖަޕަކްސާ ޢާއިލާއަށް ލިބޭ ތާއީދު ވަނީ ވަރަށް ބޮޑަށް ދަށުގައި ކަން ފާހަގަ ކުރެވެއެވެ. ނަމަލް ރާޖަޕަކްސާ ވަނީ 2020 އިން 2022 އަށް އޭނާގެ ބޭބޭފުޅުގެ ރައީސްކަމުގައި ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރުކަން ކުރައްވާފައެވެ.

މި އިންތިޚާބުގައި ވާދަކުރައްވާ 38 ކެންޑިޑޭޓުންގެ ތެރޭގައި އެއްވެސް އަންހެން ކެންޑިޑޭޓަކު ނެތެވެ. ނަމަވެސް ސްރީ ލަންކާއިން ވަނީ 1960 ގައި ދުނިޔޭގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ސިރިމާވޯ ބަންޑަރަނައިކަ ދުނިޔެއަށް ދައްކާފައެވެ.

ކުރީގައި އުޅުއްވަނީ ކޮންބޭފުޅެއް؟

ޚިޔާލު ހޯދުމުގެ އެކިއެކި ވޯޓުން ދައްކާގޮތުން ޑިސަނަޔަކެ އަކީ އެންމެ ގިނަ ވޯޓު ހޯއްދަވާ ކެންޑިޑޭޓަށް ވުމީ އެކަށީގެންވާ ކަމެކެވެ.

މީގެ ތެރޭގައި އިންސްޓިޓިއުޓް ފޮރ ހެލްތް ޕޮލިސީ (އައި.އެޗް.ޕީ) އިން ހެދި ސްރީލަންކާ އޮޕީނިއަން ޓްރެކަރ ސަރވޭ ހިމެނެއެވެ. މި ސަރވޭއިން ދައްކާގޮތުން 48 އިންސައްތައިގެ ތާއީދެއް ޑިސަނަޔަކެ އަށް ލިބިފައިވާއިރު ޕްރެމަދާސާ އަށް ލިބިފައިވަނީ 25 އިންސައްތައެވެ. މިހާރުގެ ރައީސް ވިކްރަމަސިންހަ 20 އިންސައްތައާއެކު ތިންވަނައިގައެވެ. ނަމާލް ރާޖަޕަކްސާ ވަނީ 5 އިންސައްތައާއެކު ވަރަށް ފަހަތުގައެވެ.

ސްރީ ލަންކާގެ ތަފާސްހިސާބު އެއްކުރާ ވެބްސައިޓެއްކަމަށްވާ ނަމްބަރސް.އެލްކޭ އިން ބުނާ ގޮތުން، ޑިސަނަޔަކަ ވަނީ 40 އިންސައްތައާއެކު ކުރި ހޯއްދަވާފައެވެ. އޭނާގެ ފަހަތުން ޕްރެމަދާސާ 29 އިންސައްތަ ހޯއްދަވާފައިވާއިރު، ވިކްރަމަސިންހަ 25 އިންސައްތައާއެކު އުޅުއްވަނީ ތިން ވަނައިގައެވެ. މި ތަފާސްހިސާބު ނަގާފައިވަނީ ސެޕްޓެމްބަރ 9 އާއި 16 އާ ދެމެދު އޮންލައިންކޮށް އެއްކުރެވުނު މަޢުލޫމާތުގެ މައްޗަށް ބިނާކޮށެވެ.

‎ނަތީޖާ އިއުލާނު ކުރާނީ ކޮން އިރަކުން؟

އިލްކްޝަންސް ކޮމިޝަނުން އިންތިޚާބުގެ ނަތީޖާ އިއުލާނު ކުރާނެ ވަކި ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

2019 ވަނަ އަހަރުގެ އިންތިޚާބުގައި، ވޯޓުލުމަށްފަހު ޖެހިގެން އައި ދުވަހު ނަތީޖާ އިއުލާނު ކުރެވުނެވެ.

ކުރީގެ އިންތިޚާބުގައި، ވާދަވެރިކަން މައިގަނޑު ގޮތެއްގައި އޮތީ ދެ ކެންޑިޑޭޓެއްގެ މެދުގައި ކަމަށް ވުމާއެކު އެއް ކެންޑިޑޭޓަކު ސާފު އަޣުލަބިއްޔަތަކުން އިންތިޚާބު ކާމިޔާބު ކުރިއެވެ. އޭގެ ސަބަބުން ދެވަނަ ނުވަތަ ތިންވަނަ ޗޮއިސްގެ ވޯޓުތައް ގުނަން ޖެހިފައެއް ނުވެއެވެ.

މިފަހަރު ގިނަ ކެންޑިޑޭޓުން ވާދަކުރާއިރު، އަދި ތިން ކެންޑިޑޭޓަކަށް ފާހަގަކުރެވޭ ވަރުގެ ތާއީދެއް ލިބިފައިވާތީ، އެއްވެސް ކެންޑިޑޭޓަކަށް ބޭނުންވާ 50 އިންސައްތައިގެ އަޣުލަބިއްޔަތު ނުލިބުމުގެ ފުރުސަތު އޮތްކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މިކަމުގެ ސަބަބުން ވޯޓު ގުނުމުގެ މަސައްކަތް އާދަޔާ ޚިލާފަށް ދިގުލައިގެން ހިނގައިދާނެއެވެ.

- ކޮމެންޓް