ޚިޔާނާތުގެ ތުހުމަތުގައި ރިމާންޑް ޖަލު ބަންދުގައި ހުންނެވި ލަންކާ ގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ، މިހާރު ވަނީ ކޮލޮމްބޯގެ ނޭޝަނަލް ހޮސްޕިޓަލުގެ އިންޓެންސިވް ކެއަރ ޔުނިޓް (އައި.ސީ.ޔޫ) ގައި އެޑްމިޓް ކޮށްފައިވާ ކަމަށް ހޮސްޕިޓަލުގެ ފަރާތްތަކާ ހަވާލާދީ ލަންކާގެ މީޑިއާ ރިޕޯޓު ތަކުން ކަށަވަރު ކޮށްދީފިއެވެ.
ވިކްރަމަސިންހަ ޖަލު ހޮސްޕިޓަލުން ނޭޝަނަލް ހޮސްޕިޓަލަށް ބަދަލުކުރެވުނީ، ޖަލު ހޮސްޕިޓަލުގައި ނުލިބޭ ޚާއްޞަ ފަރުވާއެއް ބޭނުންވާކަން ދައްކުވައިދޭ މެޑިކަލް އެސެސްމަންޓްތަކެއްގެ ފަހުގައެވެ.
ކޯޓު އަމުރެއްގެ ދަށުން ކުރީގެ ރައީސް ބިޑި އަޅުވައިގެން ހުކުރު ދުވަހުގެ ރޭ ޖަލަށް ގެންދިއުމަށް ފަހު، ޖަލު ހޮސްޕިޓަލަށް ގެންދިޔައީ، ގިނަ ޞިއްޙީ މައްސަލަތަކެއް ހުރިކަމަށް ބުނެއެވެ.
ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ގެ މައްޗަށް ތުހުމަތު ކުރެވުނީ އިތުރު، 10 މީހުންގެ ބަޔަކާ އެކު އަމިއްލަ ބޭނުމަކަށް ކުރެއްވި ބޭރު ދަތުރެއްގައި 16.6 މިލިއަން ސްރީ ލަންކަން ރުޕީސް ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށެވެ.
މި މައްސަލައިގައި ހުކުރު ދުވަހު ކޮލޮމްބޯ ފޯޓް މެޖިސްޓްރޭޓް ނިލުޕުލި ލަންކަޕޫރާ އޭނާ އޯގަސްޓް 26 އާ ހަމައަށް ބަންދުގައި ބަހައްޓަން ވަނީ އަމުރު ކޮށްފައެވެ.
ބީބީސީ ސިންހަލަ އިން ބުނާ ގޮތުގައި، 76 އަހަރުގެ ރަނިލް ވިކްރަމަސިންހަ ރައީސްކަމުގައި ހުންނެވި މުއްދަތުގައި 23 ބޭރު ދަތުރު ކުރައްވާފައިވެއެވެ. މި ދަތުރުތަކަށް 600 މިލިއަން ސްރީލަންކަން ރުޕީސް އަށް ވުރެ ގިނަ އަދަދެއް (2 މިލިއަން އެމެރިކާ ޑޮލަރު) ޚަރަދުވެފައިވެއެވެ.
ނިއުސް އެޖެންސީ އޭއެފްޕީ އިން ރިޕޯޓުކުރާ ގޮތުގައި، ހުކުރު ދުވަހު އޭނާ ހައްޔަރުކުރެވުނީ 2023 ވަނަ އަހަރު ކިއުބާގައި ބޭއްވުނު ޖީ77 ސަމިޓަކަށްފަހު އެނބުރި ވަޑައިގަންނަވަމުން އިނގިރޭސިވިލާތައް ކުރެއްވި ދަތުރުފުޅަކާ ގުޅިގެންނެވެ.
އެ ދަތުރުގައި، އޭނާ އާއި އޭނާގެ އަނބިކަނބަލުން ވޯލްވަރހެމްޕްޓަން ޔުނިވަރސިޓީގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ސްރީ ލަންކާގެ ސީއައިޑީ އިން ތުހުމަތު ކުރަނީ މިއީ އަމިއްލަ ދަތުރެއް ކަމަށާއި، މި ދަތުރަށް ދައުލަތުގެ ފައިސާ ބޭނުން ކުރެވުނު ކަމަށެވެ.
ނަމަވެސް ވިކްރަމަސިންހަ ވަނީ މިކަން ދޮގު ކުރައްވާފައެވެ.