ކ. މާލެ
|
16 ސެޕްޓެންބަރ 2024 | ހޯމަ 19:26
އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ތެހެރާނުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެވަޑަގަންނަވަނީ
އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ތެހެރާނުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެވަޑަގަންނަވަނީ
ރޮއިޓާސް
އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއަން
އީރާނުގެ މިސައިލް ޕްރޮގްރާމް ހުއްޓާނުލާނެ ކަމަށް އެގައުމުގެ ރައީސް ވިދާޅުވެއްޖެ
ބައިނަލްއަޤްވާމީ މުޖުތަމައުން އީރާނުން ހަތިޔާރު ނައްތާލުމުގެ ވާހަކަ ދެއްކުމުގެ ކުރިން ފުރަތަމަ ކުރަންވީ ކަމަކީ އިޒްރޭލުން ހަތިޔާރު ނައްތާލުން ކަމަށް އީރާނުގެ ރައީސް ވިދާޅުވިއެވެ.

އީރާނުގެ މިސައިލް ޕްރޮގްރާމް ހުއްޓާނުލާނެ ކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ.

ޕެޒެޝްކިއާން ހޯމަ ދުވަހު، ވެރިރަށް ތެހެރާން ގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އިޒްރޭލުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޣައްޒާ އަށް މިސައިލް ހަމަލާތައް ދެމުންދާ ކަމަށާއި، އެފަދަ ނުއްކާތެރި ހާލަތެއްގައި ސަރަހައްދު އޮތް އިރު، އީރާނުގެ ސަލާމަތާ ރައްކައުތެރި ކަމަށް އެ ގައުމުގެ މިސައިލް ޕްރޮގްރާމް ކުރިއަށް ގެންދަން ޖެހޭ ކަމުގައެވެ.

ހުޅަނގުގެ ގައުމުތަކުން އީރާނުގެ މިސައިލް ޕްރޮގްރާމަށް ހުރަސް އެޅުމަށް މަސައްކަތް ކުރަމުންދާތާ އެތައް އަހަރެއް ފާއިތުވެ ގޮސްފައިވިޔަސް އީރާނުން އެކަމަށް ބޯލަނބާފައެއް ނުވެއެވެ.

ދާދި ފަހުން ހުޅަނގާއި އެމެރިކާ އިން ވަނީ އީރާނުގައި އުފައްދާ ބެލިސްޓިކް މިސައިލް ރަޝިޔާ އަށް ފޯރުކޮށްދިން ކަމަށް ބުނެ އީރާނާއި ރަޝިއާ އަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅާފައެވެ.

އެހެންނަމަވެސް ދެ ޤައުމުންވެސް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

"އީރާނުގައި މިސައިލް ނެތިއްޖެނަމަ، އެމީހުން ބޭނުން ވަގުތެއްގައި އީރާނަށް ބޮން އަޅާނެ، ހަމަ ޣައްޒަގައި އެކަން ކުރާ ގޮތަށް ކުރާނެ،" ޕެޒެޝްކިއަން ވިދާޅުވިއެވެ.

ޕެޒެޝްކިއާން ވިދާޅުވީ ބައިނަލްއަޤްވާމީ މުޖުތަމައުން އީރާނުން ހަތިޔާރު ނައްތާލުމުގެ ވާހަކަ ދެއްކުމުގެ ކުރިން ފުރަތަމަ ކުރަންވީ ކަމަކީ އިޒްރޭލުން ހަތިޔާރު ނައްތާލުން ކަމަށެވެ. މިއީ އީރާނުން އަބަދުވެސް މިސައިލް ޕްރޮގްރާމާ ބެހޭ ގޮތުން ބުނަމުން އަންނަ ވާހަކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް