ކ. މާލެ
|
15 ސެޕްޓެންބަރ 2024 | އާދީއްތަ 10:50
މެޗުގައި ލަނޑު ޖެހުމަށްފަހު ހާލަންޑް އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ހާލަންޑް އުފާ ފާޅު ކުރަނީ
ރޮއިޓާސް
އިނގިރޭސި ޕްރިމިއާ ލީގު
ފަހަތުން އަރައި ސިޓީ މޮޅުވީ ހާލަންޑްގެ ދެ ލަނޑުން
މޮޅާއެކު، ސިޓީން މިހާތަނަށް ކުޅެފައިވާ ހަތަރު މެޗު ވެސް އެ ޓީމުން މި ވަނީ ކާމިޔާބު ކޮށްފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުން ޗެމްޕިއަން މެންޗެސްޓަރ ސިޓީ މޮޅުވެއްޖެ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. އެއީ މެޗުގައި ބްރެންޓްފޯޑުން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. މެޗުގައި ދެ ޓީމުން ވެސް ލަނޑު ޖެހީ ފުރަތަމަ ހާފުގަ އެވެ.

މެޗު ފަށައިގެން ފުރަތަަމަ މިނެޓުގެ ތެރޭގައި ބްރެންޓްފޯޑުން ވަނީ ސިޓީގެ މައްޗަށް ކުރި ހޯދައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޔޮއާން ވިސާ އެވެ. އެއީ ސިޓީގެ އޭރިޔާ ތެރެއިން ލިބުނު ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. ނަމަވެސް، ސިޓީން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަަހައިގެން މެޗުގެ ނަތީޖާ އަނބުރާލައިފަ އެވެ.

މެޗުގެ 19 ވަނަ މިނެޓުގައި ސިޓީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ނޯވޭގެ ފޯވާޑް އާލިން ހާލަންޑް އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ހާލަންޑް ވަނީ ސިޓީގެ ދެ ވަނަ ލަނޑު ޖަހައި، އެ ޓީމަށް ކުރި ހޯދައިދީފަ އެވެ. އޭގެ ފަހުން ވެސް ހާލަންޑަށް ވަނީ މެޗުގައި ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ.

މޮޅާއެކު، ސިޓީން މިހާތަނަށް ކުޅެފައިވާ ހަތަރު މެޗު ވެސް އެ ޓީމުން މި ވަނީ ކާމިޔާބު ކޮށްފަ އެވެ. ހަތަރު މެޗުން 12 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތީ ވެސް ސިޓީ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް