އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓަރ ސިޓީ މޮޅުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެ ރޭ ބްރެންޓްފޯޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ސިޓީ އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ސިޓީ އިން ލަނޑު ޖެހީ ފުރަތަމަ ހާފުގަ އެވެ.
މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި ސިޓީ އަށް ލަނޑު ޖަަހައި ލީޑު ނަގައިދިނީ ނޯވޭގެ ފޯވާޑު އާލިން ހާލަންޑް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޖޮސްކާ ގްވާޑިއޯލް އެވެ. އޭގެ ފަހުން ވެސް މެޗުގައި ސިޓީ އަށް ވަނީ އިތުރު ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ސިޓީ އިން މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، އެ ޓީމުން ފެންނަނީ ވަރަށް ގިނަ ރަނގަޅު ކަންތައްތައް ކަމަށެވެ.
ގާޑިއޯލާ ބުނީ ސިޓީ އިން މިހާރު ފެންނަ ގިނަ ކަންތައްތަކަކީ އޭނާ ވަރަށް ގަޔާވާ ކަންތައް ތަކެއް ކަމަށެވެ. އެހެން ނަމަވެސް، އަދި ވެސް ސިޓީ އަށް ރަނގަޅު ކުރެވޭނެ ވަރަށް ގިނަ ކަންކަން ހުރިކަން ފާހަގަކޮށް ގާޑިއޯލާ ބުނީ، ބްރެންޓްފޯޑާ ދެކޮޅަށް ސިޓީ އިން ފުރަތަމަ ހާފުގައި ދެއްކީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށެވެ.
އިތުރަށް ގާޑިއޯލާ ބުނީ މެޗުގެ ދެ ވަނަ ހާފުގައި ބްރެންޓްފޯޑުން ވެސް ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނު ކަމަށާއި، އެ ޓީމުން ވެސް ލަނޑު ޖަހަން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް، ޖުމުލަ ގޮތެއްގައި ސިޓީގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމަކީ ހިތްހަމަ ޖެހޭ ވަރުގެ ކުޅުމެއް ކަމަށް އޭނާ ބުންޏެވެ.
މޮޅާއެކު ސިޓީ އިން ވަނީ ލީގު ތާވަލްގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. ލީގުގައި މިހާތަނަށް ކުޅެފައިވާ ހަތް މެޗުން ސިޓީ އަށް ލިބެނީ 13 ޕޮއިންޓެވެ. ހަތަރު މެޗުން ސިޓީ މޮޅުވެފަައިވާއިރު، ދެ މެޗުން ވަނީ ބަލިވެފަ އެވެ. އަނެއް މެޗު ވަނީ އެއްވަރުވެފަ އެވެ.