Advertisement
ކ. މާލެ
|
19 އޮކްޓޯބަރ 2025 | އާދީއްތަ 12:33
މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިންނާ އެކު ހާލަންޑު އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިންނާ އެކު ހާލަންޑު އުފާ ފާޅު ކުރަނީ
ރޮއިޓަރސް
އިނގިރޭސި ޕްރިމިއާ ލީގު
ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައި ވަނީ، އޭނާ ބޭނުން ވަނީ ސިޓީގެ ކުޅުންތެރިން ރަނގަޅު ކަންތައްތައް ކުރަން ކަމަށެވެ. އެގޮތުން ހާލަންޑު އެކަނި ނޫން ކަމަށާއި، ދެން ތިބީ ފޯވާޑުންނާއި، މިޑްފީލްޑަރުން އަދި އެހެން ކުޅުންތެރިން ވެސް ކުރިއަށް ފިޔަވަޅެއް އަޅަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެވަންޓަންއާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓަރ ސިޓީ މޮޅުވެއްޖެ އެވެ.

ސިޓީގެ އަމިއްލަ ދަނޑު، އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި ސިޓީ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. ނަމަވެސް، މެޗުގެ ފުރަތަމަ ހާފުގައި ވެސް ސިޓީ އިން ވަނީ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން 13 ވަނަ މިނެޓުގައި ސިޓީ އަށް ލީޑު ނަގައިދިނީ އާލިން ހާލަންޑު އެވެ. އޭނާ އެ ލަނޑު ޖެހީ ނިކޯ އޯ ރެއިލީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަސް މިނެޓު ފަހުން ހާލަންޑު ވަނީ ސިޓީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެއީ ސަވީނިއޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ހާލަންޑު ޖެހި ލަނޑެކެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައި ވަނީ، އޭނާ ބޭނުން ވަނީ ސިޓީގެ ކުޅުންތެރިން ރަނގަޅު ކަންތައްތައް ކުރަން ކަމަށެވެ. އެގޮތުން ހާލަންޑު އެކަނި ނޫން ކަމަށާއި، ދެން ތިބީ ފޯވާޑުންނާއި، މިޑްފީލްޑަރުން އަދި އެހެން ކުޅުންތެރިން ވެސް ކުރިއަށް ފިޔަވަޅެއް އަޅަން ޖެހޭ ކަމަށް އޭނާ ބުންޏެވެ. އެކަން ފާހަގަކޮށް ގާޑިއޯލާ ބުނީ އެހެން ކުޅުންތެރިންނަށް ލިބުނު ފުރުސަތުގެ ބޭނުން ހިފައި، ލަނޑު ޖަހަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ އެވަޓަން އިން ވެސް މެޗުގައި ލަނޑު ޖަހަން ފުރުސަތު ތަކެއް ތަނަވަސްކުރި ކަމަށާއި، ނުރައްކާތެރި ވަގުތު ތަކެއް ވެސް ދިޔަ ކަމަށެވެ. އެހެން ނަމަވެސް، އެއީ ސިޓީގެ ކުޅުންތެރިން އަމިއްލަ ހެދި ގޯސް ތަކެއްގެ ސަބަބުން ކުރިމަތިވި ނުރައްކާ ތަކެއް ކަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

އިތުރަށް ގާޑިއޯލާ ބުނެފައި ވަނީ ސިޓީގެ އެންމެ ރަނގަޅު ފެންވަރުގައި އަދި ނުކުޅެވޭ ކަމަށެވެ. ބްރެންޓްފޯޑް އަތުން މޮޅުވި މެޗުގެ ފަހުން ސިޓީގެ ނަތީޖާތައް ރަނގަޅު ކަމަށާއި، ނަމަވެސް ސިޓީ އަށް ބައެއް ކަހަލަ އުނދަގޫ ތަކާ ކުރިމަތިލާން ޖެހޭ ކަމުގައި އޭނާ ވަނީ ބުނެފަ އެވެ. ނަމަވެސް، އެކަންކަން ރަނގަޅު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ގާޑިއޯލާ ބުންޏެވެ.

އެވަޓަން މެޗުގައި ޖުމުލަ ގޮތެއްގައި ސިޓީ އިން ދެއްކި ކުޅުމާ މެދު ގާޑިއޯލާ ހުރީ ހިތްހަމަ ޖެހިގެންނެވެ. ޚާއްސަކޮށް ދެ ވަނަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކައި، ރަނގަޅު ކަންތައްތަކެއް ކުރި ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އޭނާ ބުނީ ދެން ވިސްނުން ހުރީ މި ހަފުތާގައި އޮންނަ ޔުއެފާ ޗެމްޕިއަންސް ލީގުގެ މެޗަށް ކަމަށެވެ.

ލީގުގައި މިހާތަނަށް ކުޅުނު އަށް މެޗުން 16 ޕޮއިންޓާ އެކު ސިޓީ އޮތީ ދެ ވަނައިގަ އެވެ.

- ކޮމެންޓް