ކ. މާލެ
|
16 ސެޕްޓެންބަރ 2024 | ހޯމަ 08:35
ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ)
ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ)
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ކުޅިވަރާއި ހަށި ހެޔޮކަމާ ބެހޭ ވުޒާރާ
ނޯމަލައިޒިން ކޮމެޓީ އަށް ފުރިހަމަ އެއްބާރުލުން ދޭނަށް: ވަޒީރު ރާފިޢު
ޚާއްސަކޮށް ކުލަބުތަކުގެ މާލީ މައްސަލަ ޙައްލު ކުރުމަށް ކުޅިވަރު ވުޒާރާ އަށް ކޮށްދެވެން އޮތް ކަމެއް ކޮށްދެއްވާނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނޯމަލައިޒިން ކޮމެޓީ އަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް، ކުޅިވަރާއި ހަށިހެޔޮ ކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ވަނީ ރާއްޖޭގެ ފުޓުބޯޅަ ނޯމަލައިޒް ކުރަން ނިންމައި، ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް ނަގައިފަ އެވެ. އެ ކޮމެޓީން އަންނަނީ ފުޓުބޯޅައިގެ އެކި އެކި މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކުލަބުތަކާއި ބައްދަލު ކުރުމުގެ އިތުރުން، ކަމާ ގުޅުން ހުރި އިދާރާތަކާ ވެސް އަންނަނީ ބައްދަލު ކުރަމުންނެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ، އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީއާ އެމަނިކުފާނު ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އަދި އެކި ކަންކަމުގައި އެކި ފަހަތުގެ މަތިން މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، ޚާއްސަކޮށް ހިންގުމުގައި ދިމާވާ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، އެހީތެރިކަން ފޯރުކޮށްދެއްވަމުން އަންނަ ކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ނޯމަލައިޒިން ކޮމެޓީން އެދޭ އެދުންތަކުގައި ވާހަކަ ދެކެވެމުން އަންނަ ކަމަށާއި، ޚާއްސަކޮށް ކުލަބުތަކާ ގުޅުން ހުރި ކަންކަމުގައި ވާހަކަ ދެކެވޭ ކަމަށެވެ. ޚާއްސަކޮށް ކުލަބުތަކުގެ މާލީ މައްސަލަ ޙައްލު ކުރުމަށް ކުޅިވަރު ވުޒާރާ އަށް ކޮށްދެވެން އޮތް ކަމެއް ކޮށްދެއްވާނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

ދެ ވަނަ ފަހަރަށް ފީފާ އިން ރާއްޖެ ނޯމަލައިޒް ކޮށްފައިވާއިރު، ނޯމަލައިޒިން ކޮމެޓީގެ ޗެއާމަނަކަށް ހަމަޖައްސާފައި ވަނީ ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު ޒުހޫރު އެވެ. ޒުހޫރަކީ ކުރީގެ ރައީސް އަބަދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ހޯމް މިނިސްޓަރު ކަމުގެ އިތުރުން، ހެލްތު މިނިސްޓަރުކަމާއި އަދި ކުޅިވަރާ ބެހޭ ވަޒީރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. މި ކޮމިޓީގައި ޒުހޫރުގެ އިތުރުން ހިމެނެނީ ފަރީހާ ޝަރީފް، އިސްމާއީލް ސިމާން، ގާނޫނީ ވަކީލު އަޙުމަދު މުޢިއްޒު އަދި އަޙުމަދު އަލީ އެވެ.

ރާއްޖެ ނޯމަލައިޒް ކުރުމަށް ފީފާ އިން ނިންމީ، އެފްއޭއެމްގެ ހިންގާ ކޮމެޓީގެ ދައުރު ހަމަވީ ފަހުންނެވެ. ވައްކަމާއި، ކޮރަޕްޝަންގެ އިތުރުން، މަނީ ލޯންޑަރިންގެ ތުހުމަތުތައް އެފްއޭއެމްގެ ރައީސަކަށް ހުންނެވި ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރެވޭއިރު، އޭނާއާ ދެކޮޅަށް ކޯޓުގައި ޝަރީއަތް ވެސް ވަނީ ފަށައިފަ އެވެ. އެ މައްސަލަތަކުގެ ތެރެއިން ފީފާ އިން ބައްސާމް ސަސްޕެންޑު ވެސް ކުރި އެވެ.

- ކޮމެންޓް