Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2024 | ބުދަ 18:47
ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމްގެ ތެރެއިން
ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމްގެ ތެރެއިން
ރާއްޖެއެމްވީ
އެކްސިޑެންޓްތައް ހިނގުން
މިއަހަރުގެ މިހާތަނަށް ހުޅުމާލޭގައި 1000ށް ވުރެ ގިނަ އެކްސިޑެންޓް ހިނގާފައިވޭ: ފުލުހުން
ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ބާރު ސްޕީޑްގެ ސަބަބުން
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްތަކުގައި 3 މީހަކު މަރުވެފައިވޭ
ސްޕީޑް ބްރޭކަރުތައް ދަނީ ގާއިމްކުރަމުން، އެކަމުގެ ސަބަބުން ސްޕީޑް ކޮންޓްރޯލްވޭ

މިއަހަރުގެ މިހާތަނަށް ހުޅުމާލޭގައި 1000ށް ވުރެ ގިނަ އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމްގައި އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ހުސެއިން ވިދާޅުވީ ހުޅުމާލޭގެ ބޮޑެތި މަގުތަކާއި ހުޅުމާލޭގެ ފޭސް-2ގެ ބޮޑެތި މަގުތަކުގައި ހިނގާ އެކްސިޑެންޓްތައް ގިނަ ކަމަށާއި، މި އަހަރުގެ ތެރޭގައި މިހާތަނަށް 1184 އެކްސިޑެންޓް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެކްސިޑެންޓްތަކާއި ގުޅިގެން 3 މީހެއް މަރުވެފައިވާ ކަމަށާއި، 98 ވައިލޭޝަން ހިނގާފައިވާ ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ބާރު ސްޕީޑްގައިކަން ފާހަގަކުރައްވައި އިބްރާހިމް ވިދާޅުވީ ވެހިކަލްގައި ދުއްވާ މީހުން ކުދި މަގުތަކުން ބޮޑެތި މަގުތަކަށް ނުކުންނައިރު، ރައްކާތެރިކަމަށް ނުބަލާ ކަމަށެވެ. އެކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

މާލޭގައި ހިނގާ އެކްސިޑެންޓްތަކަށް އިޝާރާތްކުރްވައި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސެއިން އަސްލަހް ވިދާޅުވީ ބައެއް ސަރަހައްދުތައް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެސަރަހައްދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އަސްލަހް ވިދާޅުވިއެވެ.

މީގެ އިތުރުން އަސްލަހް ވިދާޅުވީ ސްޕީޑް ބްރޭކަރުތައް ގާއިމްކުރަމުންދާ ކަމަށާއި، އެކަމުގެ ސަބަބުން ސްޕީޑް ކޮންޓްރޯލްވާ ކަމަށެވެ. ބޮޑެތި މަގުތަކަށް ނުކުންނަ ކުދި މަގުތަކުގައި ސްޕީޑް ބްރޭކަރު ގާއިމްކުރުމުން ސްޕީޑް މަޑުވެ، މަގަށް ރަނގަޅަށް ބެލުމަށް ވެސް ފުރުސަތު ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ބައެއް ހާލަތްތަކުގައި ސްޕީޑް ބްރޭކަރަށް މަޑުނުކޮށް ބާރަށް ދުއްވާ މީހުން ވެހިކަލްގައި ދާ ކަމަށާއި، އެހެން އަމަލުކުރުމުގެ ސަބަބުން ބައެއް ނުރައްކާތެރި، ހިތާމަވެރި ހާދިސާތައް ހިނގާފައިވާ ކަމަށް އަސްލަހް ވިދާޅުވިއެވެ. ނަމަވެސް ސްޕީޑް ބްރޭކަރުގެ ސަބަބުން ބޮޑަށް ރައްކާތެރިކަން ކަށަވަރުވާ ކަމަށް އަސްލަހް ވިދާޅުވިއެވެ.

މާލޭގައި އެކްސިޑެންޓުތައް އާއްމުކޮށް ހިންގާ ސަރަހައްދުތަކެއް އެބަހުރި. އެގޮތުން އިއްޒުއްދީން މަގު އަމީނީ މަގު ގުޅޭ ޖަންގްޝަން. އެއީ ވެސް އެކްސިޑެންޓް ހިނގާ ޕޮއެންޓެއް. ދެން ހަމައެގޮތަށް ބްރިޖު ހައިވޭ މިއީ ވެސް ހަމަ އާއްމުކޮށް އެކްސިޑެންޓް ހިނގާ ޕޮއެންޓެއް ގޮތުގައި ފާހަގަކުރެވޭ ތަންތަން.
ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސެއިން އަސްލަހް

މިފަހުން މާލޭސިޓީގައި ހިނގާ އެކްސިޑެންޓްތައް އިތުރުވުމާއި ގުޅިގެން ފުލުހުން ވަނީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.

އެގޮތުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ސެޕްޓެންބަރު 8 ވަނަ ދުވަހުގެ 18:00ން ފެށިގެން ސެޕްޓެންބަރު 9 ވަނަ ދުވަހުގެ 18:00ށް ހުޅުމާލޭގައި ކޮށްފައިވާ މަސައްކަތުގެ ތަފާސްހިސާބު ފުލުހުން ވަނީ އާއްމުވެފައެވެ.

މިތަފާސްހިސާބުތައް ދައްކާގޮތުން ހުޅުމާޅޭގައި 259 އުޅަނދެއް ހުއްޓުވައި ބަލައިފާސްކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 229 ސައިކަލާއި 30 ކާރެވެ. އަދި އެ އުޅަނދުތަކުގެ ތެރެއިން 55 ވެހިކަލެއްގެ ވެރިފަރާތަށް ނުވަތަ ދުއްވީ މީހާއަށް ފިޔަވަޅު އަޅާފައިވެއެވެ. އެއީ 53 ސައިކަލާއި 2 ކާރަށެވެ. އަދި 14 ސައިކަލާއި ތިން ކާރު ޓޯކޮށްފައިވެސް ވެއެެވެ. އަދި ލައިސެންސް ނެތި ދުއްވުވާގެން 8 ސައިކަލު ހިފަހައްޓާފައިވާއިރު، ސައިކަލު ދުއްވި 37 މީހުންނަށް ނަސޭހަތްދީފައިވެއެވެ. އަދި ނުރައްކާތެރިކޮށް ސައިކަލު ދުއްވާގެން 5 ސައިކަލު ހުއްޓުވާފައިވެއެވެ.

މީގެ އިތުރުން ސެޕްޓެންބަރު 9 ވަނަ ދުވަހުގެ 09:00ން ފެށިގެން ސެޕްޓެންބަރު 10 ވަނަ ދުވަހުގެ 09:00ށް މާލޭގައި ކޮށްފައިވާ މަސައްކަތުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 32 އުނދެއް ހުއްޓުވައި ބަލާފާސްކޮށްފައިވެއެވެ. އެއީ 22 ސައިކަލާއި 10 ކާރެެވެ. 19 ސައިކަލާއި 3 ކާރެއްގެ ވެރިފަރާތަށް ނުވަތަ ދުއްވި މީހާއަށް ފިޔަވަޅު އަޅާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި 12 ސައިކަލާއި 3 ކާރު ލައިސެންސް ނެތި ދުއްވާފައިވާއިރު، 19 ސައިކަލާއި 3 ކާރު ޓޯ ކޮށްފައިވެއެވެ. 3 ސައިކަލާއި 7 ކާރަށް ނަސޭހަތްދީފައިވެއެވެ. 3 ސައިކަލާއި 1 ކާރު ނުރައްކާތެރިކޮށް ދުއްވާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް