ކ. މާލެ
|
23 އޯގަސްޓް 2024 | ހުކުރު 16:10
އިންޑިއާގެ ބޮޑުވަޒީރު މޯދީ(ކ)،  ޔޫކްރެއިންގެ ރައީސް ޒެލެންސްކީ
އިންޑިއާގެ ބޮޑުވަޒީރު މޯދީ(ކ)، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ
ޕީއައިބީ އިންޑިއާ
މޯދީ ޔޫކްރެއިން އަށް ވަޑައިގަތުން
އިންޑިއާގެ ބޮޑުވަޒީރު މޯދީ ޔޫކްރެއިން އަށް ވަޑައިގެންފި
1991 ގައި ސޯވިއެޓް ޔޫނިއަނުން ޔޫކްރެއިން މިނިވަންވުމަށްފަހު އިންޑިއާގެ ބޮޑުވަޒީރަކު އެ ޤައުމަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ހުކުރު ދުވަހު ޔޫކްރެއިންގެ ވެރިރަށް ކީވް އަށް ވަޑައިގެންފިއެވެ.

ކީވް އަށް މި ކުރެއްވި ދަތުރުފުޅުގައި މޯދީ ޔޫކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީއާ ބައްދަލުކުރައްވާނެއެވެ. މިއީ 1991 ގައި ސޯވިއެޓް ޔޫނިއަނުން ޔޫކްރެއިން މިނިވަންވުމަށްފަހު އިންޑިއާގެ ބޮޑުވަޒީރަކު އެ ޤައުމަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ.

މޯދީ، ޒެލެންސްކީ ބައްދަލުވުމުގައި އިޤްތިޞާދީ ގުޅުންތަކާއި، ދިފާޢީ، ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ބެލެވެއެވެ. އަދި މި ވަގުތު ޔޫކްރެއިން އަށް ކުރިމަތިވެފައިވާ އެންމެ ހައްސާސް މައްސަލަ ކަމަށްވާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާނެ ކަމަށް ލަފާކުރެވެއެވެ.

"އެއްވެސް މައްސަލައެއް ހަނގުރާމައިގެ މައިދާނުގައި ހައްލެއް ނުކުރެވޭނެ،" ދަތުރުފުޅު ފެއްޓެވުމުގެ ކުރިން މޯދީ ވިދާޅުވިއެވެ. އަދި "ވީހާވެސް އަވަހަކަށް ސުލްހަ އާއި ހަމަޖެހުން ޤާއިމުކުރުމަށްޓަކައި މަޝްވަރާއާއި ޑިޕްލޮމަސީ އިޚްތިޔާރު ކުރުމަށް" އިންޑިއާއިން ތާއީދުކުރާ ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.

މޯދީ އަކީ ރަޝިޔާގެ ރައީސް ޕޫޓިން އާ މާ ގާތް ބޭފުޅެއް ކަމަށް ޔޫކްރެއިން އަށް ގަބޫލު ކުރެވިފައި އޮތުމާއެކު ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި އިންޑިއާގެ ލީޑަރަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވިދާނެތޯ އެއީ އުފެދިފައިވާ ސުވާލެކެވެ.

މަސްރަހް ދިރާސާ ކުރާ ރިޕޯޓަރުން ދެކޭ ގޮތުގައި އިންޑިއާ އަކީ ރަޝިޔާގެ ހަތިޔާރަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމަކަށް ވުމާއެކު ރަޝިޔާ އެކަހެރިވާނެ ކަމެއް އިންޑިއާ އަށް ކުރަން ކެރިދާނެ ކަމަކަށް ނުބެލެވެއެވެ.

އިންޑިއާއަކީ ދުނިޔޭގައި އެންމެ ގިނައިން ރަޝިޔާގެ ހަތިޔާރު ގަންނަ ޤައުމެވެ. އަދި އެމެރިކާއާއި ޔޫރަޕުގެ ޤައުމުތަކުން ރަޝިޔާ ގެ ތެލުގެ ވިޔަފާރި އަށް ހުރަސް އަޅަމުން ދަނިކޮށް، އިންޑިއާ އިން ވަނީ ދަނޑިވަޅުގެ ބޭނުން ހިފާ ރަޝިޔާ އިން ހެޔޮ އަގުގައި ތެޔޮ ގަންނަމުންނެވެ.

މޯދީ އާއި ޒެލެންސްކީ ބައްދަލު މި ކުރައްވަނީ، މޯދީ މޮސްކޯއަށް ޕުޓިންއާ ބައްދަލުކުރައްވަން ވަޑައިގެންނެވިތާ މަހަކާ ދެ ހަފްތާ ފަހުންނެވެ. މޯދީ މޮސްކޯއަށް ވަޑައިގެންނެވި ދުވަހު، ރަޝިއާގެ މިސައިލް ހަމަލާއެއް ޔުކްރެއިންގެ ކުޑަކުދިންގެ ހޮސްޕިޓަލަކަށް އަމާޒުވި ހާދިސާ ވަނީ ހިނގާފައެވެ. މި ހަމަލާއާ ގުޅިގެން މޯދީ ޕުޓިން އާ އެކު އޮތް ބައްދަލުވުމުގައި ނުސީދާކޮށް ވަނީ ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

މޯދީ ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅުގައި 2030 ވަނަ އަހަރާ ހަމައަށް ދެ ގައުމުގެ ވިޔަފާރި 100 ބިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ ދެ ގައުމުން އެއްބަސްވެފައެވެ. އަދި އިންވެސްޓްމަންޓްތައް އިތުރުކޮށް، ވިޔަފާރީގެ ހުރަސްތައް ނައްތާލައި، ދެ ގައުމުގެ ފައިސާ ބޭނުންކޮށްގެން އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

މޯދީ މޮސްކޯއަށް ދަތުރުފުޅު ކުރައްވާ ޕޫޓިން އާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމަށް ޒެލެންސްކީ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް