މިފަހަކަށް އައިސް ހިނގައި ދިޔަ ކަންކަމުން ލިބުނު ފިލާވަޅަކީ, އަބަދު ވެސް ހަނގުރާމަ މަތީ ޙާލަތަކަށް ތައްޔާރަށް ތިބެން ޖެހޭކަން ކަމަށް އިންޑިއާގެ ދިފާޢީ ވަޒީރު ރަޖްނާތު ސިންހް ވިދާޅުވެއްޖެ އެވެ.
ރަޖްނާތު ސިންހް ވިދާޅުވީ, މިފަދަ ތައްޔާރީ ހާލަތެއްގައި ތިބެން ޖެހޭނީ އިންޑިއާ ގައި އުފައްދާ، އިންޑިއާގެ އަމިއްލަ ހަތިޔާރު ތަކާއި ސިސްޓަމްތަކާ އެކު ކަމަށެވެ. އޭނާ މިހެން ވިދާޅުވީ، އިންޑިއާގެ ހަތިޔާރު އުފައްދާ ކުންފުނިތަކުގެ ޖަމްއިއްޔާގެ ބައްދަލުވުމެއްގަ އެވެ.
ދާދި ފަހުން ހިންގި އޮޕަރޭޝަން ސިންދޫރަށް އިޝާރާތް ކުރައްވައި ރަޖްނާތު ސިންހް ވިދާޅުވީ، އަމިއްލަ ހަތިޔާރު ގެންގުޅުމުގެ ފައިދާ އާއި، އެކަމުގެ ސަބަބުން ގައުމުގެ ނަން ކުރިއަރާތަން ފެނިއްޖެ ކަމަށެވެ. އެގޮތުން އޮޕަރޭޝަން ސިންދޫރު ގައި ބޭނުން ކުރީ އިންޑިއާ ގައި އަމިއްލަ އަށް އުފައްދާ ބްރާމޯސް މިސައިލާއި، އާކާޝް ސާފޭސް ޓު އެއާ މިސައިލާއި، އަކަޝްތީރު އެއާ ޑިފެންސް ކޮންޓްރޯލް ސިސްޓަމްކަން ރަޖްނާތު ސިންހް ފާހަގަ ކުރެއްވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ސަރަހައްދީ އިމުގައި ކޮންމެ ގަޑިއެއްގައި ކޮންމެ ފަދަ ކަމެއް ވެސް ހިނގާފާނެކަން ފެނިގެން ގޮސްފިކަމަށާއި، އިންޑިއާ އަބަދު ވެސް އޮންނަން ޖެހޭނީ ހަނގުރާމައެއް ކުރަން ޖެހިދާނެ ކަމަށް ތައްޔާރީ ހާލަތެއްގައި ކަމަށެވެ. އަދި އިންޑިއާ މިހާރު ވެސް އޮތީ ކޮންމެ ފަދަ ޙާލަތަކަށް ވެސް ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.