Advertisement
ކ. މާލެ
|
19 އޯގަސްޓް 2024 | ހޯމަ 14:07
ސިވިލް ކޯޓު
ސިވިލް ކޯޓު
ރާއްޖެއެމްވީ
ބަންޑާރަނައިބުގެ އޮފީސް
ބަންޑާރަނައިބުގެ އޮފީހުން ކޯޓަށް ހާޒިރުނުވުމުން ދައުލަތަށް ލިބެންޖެހޭ 100،000 ރުފިޔާގެ މައްސަލަައެއް ކޯޓުން ބޭރުކޮށްލައިފި
ސިވިލް ކޯޓުގައި މި ގަޒިއްޔާ ނިންމެވީ ގާޒީ ޢަބްދުއްނާސިރު ޝަފީގު
އަމުރު އޭޖީ އޮފީހަށް ރައްދުވެ، މަޤްބޫލު އުޒުރެއް ނެތި އޭޖީ އޮފީހުން ކޯޓަށް ހާޒިރުވެފައިނުވޭ
ދައުވާކުރާ ފަރާތުން ކޯޓަށް ހާޒިރު ނުވެއްޖެނަމަ، ދައުވާ ފޯމު ބާތިލު ކުރުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވޭ

ދައުލަތުގެ ބަންޑާރަނައިބުގެ އޮފީހުން އަޑުއެހުމަށް ހާޒިރު ނުވުމުގެ ސަބަބުން، ޙުކުމާ އެއްގޮތަށް ދައުލަތަށް ލިބެންޖެހޭ އެއްލައްކަ ރުފިޔާ ހޯދުމުގެ މައްސަލައެއް ސިވިލް ކޯޓުން ބޭރު ކޮށްލައިފިއެވެ.

މި މައްސަލައިގައި ޅ ނައިފަރު ހިރުނދުގަސްދޮށުގޭ މަޙުމޫދު އަބްދުﷲ ގެ މައްޗަށް އުފުލި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، އޭނާ އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނަމަވެސް ޙުކުމާ އެއްގޮތަށް އެ ފައިސާ ދައްކާފައިނުވާތީ ޙުކުމް ތަންފީޒު ކޮށްދިނުމަށް އެދި އޭޖީ އޮފީހުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީއެވެ.

މި މައްސަލައާ ގުޅިގެން 15 އޯގަސްޓު 2024 ގެ 11:30ށް ޝަރީއަތުގެ އަޑުއެހުމަށް ހާޒިރުވުމަށް އޭޖީ އޮފީހަށް އަމުރު ފޮނުވިނަމަވެސް، އެ އަމުރަށް އޭޖީ އޮފީހުން އިޖާބަ ދީފައިނުވާކަމަށް ސިވިލް ކޯޓުން ބުނެފައިވެއެވެ.

Advertisement

ކޯޓަށް ބަލައިގަނެވޭ ސަބަބެއް މެދުވެރިވެގެން ނޫން ގޮތަކަށް އަމުރުގައިވާ ތާރީޚާއި ގަޑިއަށް ދައުވާކުރާ ފަރާތުން ކޯޓަށް ހާޒިރު ނުވެއްޖެނަމަ، ދައުވާ ފޯމު ބާތިލު ކުރުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވާކަމަށް ސިވިލް ކޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން އަމުރު އޭޖީ އޮފީހަށް ރައްދުވެ، މަޤްބޫލު އުޒުރެއް ނެތި އޭޖީ އޮފީހުން ކޯޓަށް ހާޒިރުވެފައިނުވާތީ ސިވިލް ކޯޓުން ވަނީ ދައުވާ ފޯމު ބާތިލުކޮށްފައެވެ.

ސިވިލް ކޯޓުގައި މި ގަޒިއްޔާ ނިންމެވީ ގާޒީ ޢަބްދުއްނާސިރު ޝަފީގުއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް