ކ. މާލެ
|
13 އޯގަސްޓް 2024 | އަންގާރަ 11:38
މާޓިން ޒުބިމެންޑީ
މާޓިން ޒުބިމެންޑީ
ގޯލް.ކޮމް
ރެއާލް ސޮސިއެޑާޑް
ލިވަޕޫލްގެ ހުށަހެޅުން ދޫކޮށް، ސޮސިއެޑާޑުގައި މަޑު ކުރަން ޒުބިމެންޑީ ނިންމައިފި
މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޒުބިމެންޑީ އަށް އަނެއްކާ ވެސް އައު އެއްބަސްވުމެއް ހުށަހަޅަން ސޮސިއެޑާޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސްޕެއިންގެ ރެއާލް ސޮސިއެޑާޑަށް ކުޅެމުން އަންނަ މާޓިން ޒުބިމެންޑީ އަށް ލިވަޕޫލުން ލިބުނު ހުށަހެޅުން ދޫކޮށްލަން އޭނާ ނިންމައިފި އެވެ.

އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ ހޯދުމަށް ލިވަޕޫލުން ވަނީ މަސައްކަތް ކޮށްފަ އެވެ. ސޮސިއެޑާޑާ އެކު އެންމެ ފަހު ޒުބިމެންޑީ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭނާ ހޯދުމުގެ ގޮތުން ސޮސިއެޑާޑަށް ދައްކަން ޖެހޭ އަދަދު އެ ކުލަބަށް ދައްކަން ލިވަޕޫލް އޮތީ ވެސް ތައްޔާރަށެވެ.

ނަމަވެސް ޒުބިމެންޑީ ވަނީ އެ ހުށަހެޅުން ޤަބޫލު ނުކޮށް، ސޮސިއެޑާޑުގައި ހުންނަން ނިންމައިފަ އެވެ. މީގެ ކުރިން އޭނާ ވަނީ އާސެނަލްގެ އިތުރުން ޖަރުމަނުގެ ބަޔާން މިއުނިކުން ލިބުނު ހުށަހެޅުން ވެސް ދޫކޮށްލައިފަ އެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޒުބިމެންޑީ އަށް އަނެއްކާ ވެސް އައު އެއްބަސްވުމެއް ހުށަހަޅަން ސޮސިއެޑާޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޒުބިމެންޑީ ވަނީ މިހާތަނަށް ސޮސިއެޑާޑަށް ކުޅެދިން 187 މެޗުގައި ހަތް ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ 20-2019 ވަނަ ސީޒަންގެ ކޮޕާ ޑެލް ރޭ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ސްޕެއިންގެ ޤައުމީ ޓީމުގައި ވެސް ހިމެނޭ ޒުބިމެންޑީ ވަނީ މިހާތަނަށް ޤައުމީ ޓީމަށް 10 މެޗު ކުޅެދީފަ އެވެ. މިއަހަރު ޖަރުމަނުގައި ކުރިއަށް ދިޔަ ޔުރޯ ފުޓުބޯޅަ މުބާރާތަށް ސްޕެެއިން އެކުލަވާލި ސްކޮޑުގައި ވެސް އޭނާ ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް