ކ. މާލެ
|
15 ޖުލައި 2024 | ހޯމަ 04:25
ސްޕޭނުގެ ރަސްގެފާނާއި ދަރިކަލުން ސޯފިއާ
ސްޕޭނުގެ ރަސްގެފާނާއި ދަރިކަލުން ސޯފިއާ
ގޫގުލް
ޔޫރޯ 2024
ތައްޓާއެކު ސްޕޭނުގެ ރަސްގެފާނުގެ އަރިހުގައި ހުރި އަންހެން ކުއްޖަކީ ކާކު؟
ހުދު ގަމީހަކާއި ރަތް ހަރުވާޅެއްގައި ސްޕޭންގެ ސްކާފެއް ތުރުކުރައްވައިގެން ހުރި ކުއްޖަކީ ރަސްގެފާނުގެ ދަރިކަލުން އުމުރުން 17 އަހަރުގެ ޕްރިންސަސް ސޯފިއާ އެވެ.

އިނގިރޭސިންގެ ހިތް ހަލާލުކޮށްލައި 2-1ން މޮޅުވެ ސްޕޭން ރޭ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރުމަށްފަހު ތައްޓާއެކު އެންމެ ބޮޑަށް އުފާފާޅު ކުރެއްވީ ރަސްގެފާނު ފިލިޕް އެވެ.

މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ސްޕޭން ތަމްސީލު ކުރެއްވީ ވެސް ރަސްގެފާނު ފިލިޕް އެވެ. ކޮންމެ ކުޅުންތެރިއަކަށް މުބާރާތުގެ ޗެމްޕިއަން މެޑަލް ޔޫއޭފާގެ ރައީސް އެލެގްޒެންޑާ ސެފެރިން ދެއްވުމުގެ ކުރިން ރަސްގެފާނު ކުޅުންތެރިންނަށް ވަކިވަކިން މަރުހަބާ ވިދާޅުވި އެވެ.

 ނަމަވެސް ރޮސްޓްރަމުގަ އާއި ތަށި ދިނުމުގެ ރަސްމިއްޔާތަށް ފަހު ރަސްގެފާނުގެ އަރިހުގައި ހުންނެވި އަންހެނަކީ ކާކުތޯ ވަރަށް ގިނަ ބަޔަކު ސުވާލުކުރި އެވެ؟ ހުދު ގަމީހަކާއި ރަތް ހަރުވާޅެއްގައި ސްޕޭންގެ ސްކާފެއް ތުރުކުރައްވައިގެން ހުރި ކުއްޖަކީ ރަސްގެފާނުގެ ދަރިކަލުން އުމުރުން 17 އަހަރުގެ ޕްރިންސަސް ސޯފިއާ އެވެ.

ސްޕޭނުގެ ރަސްގެފާނު އާއި ދަރިކަލުން ސޯފިއާ - ގޫގުލް

2004 ވަނަ އަހަރު ކައިވެނި ކުރެއްވި ރަސްގެފާނަށް މިހާތަނަށް ލިބިވަޑައިގަތީ ދެ އަންހެން ބޭފުޅުންނެވެ. އެއީ 19 އަހަރުގެ ލެނޯ އާއި 17 އަހަރުގެ ސޯފިއާ އެވެ.

ޖަރުމަނުގައި ރޭ ނިމުނު ޔޫރޯގެ ތަށި ދިނުމުގެ ރަސްމިއްޔާތަށް ފަހު ރަސްގެފާނު ފިލިޕް ވަނީ ސްޕޭނުގެ ކުޅުންތެރިން ގާތަށް ވަޑައިގެން ތައްޓާއެކު ވަރަށް ބޮޑަށް އުފާފާޅު ކުރައްވައިފަ އެވެ. ރަސްގެފާނު ވަޑައިގަތުމުން އެމަނިކުފާނަށް ތަށި އެރުވީ މިޑްފީލްޑަރު ފަބިއަން ރުއިޒް އެވެ. ރަސްގެފާނު ދެ ފަހަރަކަށް ތަށި އުފުލަވާލެއްވުމަށްފަހު ސޯފިއާ އަށް ތަށި ދެއްވި ނަމަވެސް އެކަން ކުރައްވަން އޭނާ އަށް ކެރިވަޑައިނުގަތެވެ. ހަމައެކަނި ކުރެއްވި ކަމަކީ ބައްޕާފުޅުގެ އުފަލުގައި ބައިވެރިވަޑަގަތުމާއި އަރިހުގައި ހުންނެވުން އެކަންޏެވެ.

ސްޕޭނުގެ ރަސްގެފާނު ތައްޓާއެކު އުފާފާޅު ކުރައްވަނީ - ގޫގުލް

ސޯފިއާ އަކީ ފުޓްބޯޅަ އަށް ލޯބިކުރައްވާ ކުއްޖެކެވެ. އޭނާ ވަނީ 2010 ވަނަ އަހަރުގެ ސްޕޭނުގެ ގައުމީ ޓީމު ވޯލްޑްކަޕް ކާމިޔާބުކުރުމުން ބޭއްވި ރަސްމިއްޔާތުގައި ވެސް ދައްތަ އާއި ބައްޕާފުޅާއެކު ބައިވެރިވެވަޑައިގެންފަ އެވެ. ނަމަވެސް ދައްކަ ކިޔަވަނީ ގައުމުން ބޭރުގައި ކަމުން ރަސްގެފާނާއެކު ކުޅިވަރުގެ ގިނަ މެޗުތަކުގައި ބައިވެރިވެ ވަޑައިގަންނަވަނީ ސޯފިއާ އެވެ. މި ގޮތުން އޭނާ ވަނީ ސްޕޭނުގެ ރަސްގެފާނަށް ނިސްބަތްވާ މުބާރާތް ކަމަށްވާ ކޮޕާ ޑެލްރޭގެ މިދިޔަ ސީޒަނުގެ ފައިނަލް މެޗު ބަލަން ރަސްގެފާނާއެކު ވަޑައިގަތުމުގެ އިތުރަށް މިދިޔަ އަހަރު ބޭއްވި އަންހެނުންގެ ވޯލްޑްކަޕުގައި ސްޕޭން ކުޅުނު ގިނަ މެޗުތަކާއި ފައިނަލް މެޗު ބެލުމަށް ވެސް ދަނޑަށް ވަޑައިގެންފަ އެވެ. އަދި 2022 ވަނަ އަހަރުގެ އަންހެނުންގެ ޔޫރޯގެ ބައެއް މެޗުތައް ވެސް އޭނާ ބެއްލެވީ ވެސް ދަނޑުގަ އެވެ.

ސްޕޭނުގެ މީޑިއާތަކުން ބުނާ ގޮތުގައި ފުޓްބޯޅައިގެ ގިނަ މެޗުތަކަށް ބައްލަވަން ރަސްގެފާނު ވަޑައިގަންނަވާއިރު ދަރިކަލުން ސޯފިއާ ގެންދެވުމަކީ އާއްމުކޮށް ކުރައްވާ ކަމެކެވެ.

- ކޮމެންޓް