ޔޫރަޕުގެ ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ރަންބޫޓު ދޭ އުސޫލު އެންމެ ފަހު ވަގުތު ޔޫއޭފާއިން ބަދަލުކޮށް ހަ ކުޅުންތެރިއަކަށް ރަންބޫޓު ދޭން ނިންމައިފި އެވެ.
އިނގިރޭސިން ބަލިކޮށް ސްޕޭނުން ތަށި ހޯދިއިރު ހަ ކުޅުންތެރިއަކު ވަނީ ތިން ގޯލު ޖަހައިގެން ރަންބޫޓު ލިސްޓުގައި ހަމަހަމަވެފަ އެވެ. އެއީ ނެދަލޭންޑްސްގެ ފޯވަޑް ގޯޑީ ގަޕޯ އާއި އިނގިރޭސި ކެޕްޓަން ހެރީކޭން އާއި ޖޯޖިއާގެ ފޯވަޑް ޖޯޖަސް މިކައުޓާޑްޒޭ އާއި ޖަރުމަނުވިލާތުގެ ފޯވަޑް ޖަމާލް މުސިއާލާ އާއި ސްޕޭނުގެ މިޑްފީލްޑަރު ޑެނީ އޮލްމޯ އާއި ސްލޮވާކިޔާގެ ފޯވަޑް އިވާން ސްކަރާންޒެވެ.
ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާއިން މީގެ ކުރިން ރަންބޫޓު ދެމުން އަންނަނީ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށެވެ. ނަމަވެސް އެއް ކުޅުންތެރިއަކަށްވުރެ ގިނަ ކުޅުންތެރިން ހަމަހަމަވެއްޖެނަމަ ރަންބޫޓު ދެނީ ދެ ކަމަކަށް ބަލާފަ އެވެ. އެންމެ ފުރަތަމަ ބަލަނީ ގޯލު ޖަހަން ކުޅުންތެރިޔާ މަގުފަހިކޮށްދީފައިވާ މިންވަރަށެވެ. މި ގޮތުން އެންމެ ގިނަ ބޯޅަ ގޯޅު ޖަހަން ޕާސްކޮށްފައިވާ ކުޅުންތެރިޔާ އަކީ ރަންބޫޓުގެ ހައްގުވެރިޔާ ކަމަށް ނިންމަ އެވެ.
މީގެ އިތުރުން ދެ ވަނަ ކަމަކަށް ބަލަނީ ކުޅުންތެރިޔާ ކުޅެފައިވާ ވަގުތަށެވެ. މި ގޮތުން ހަމަހަމަވާ ހާލަތުގައި ރަންބޫޓު ދެނީ އެންމެ މަދު ވަގުތުގައި ކުޅެގެން ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށެވެ.
ނަމަވެސް ގަވާއިދު ބަދަލު ކުރުމުން ކިތަންމެ ގިނަ ކުޅުންތެރިއަކަށް ވެސް މިހާރު ރަންބޫޓު ހޯދިދާނެ އެވެ.