އާދީއްތަ ދުވަހުގެ ރޭ ނިމުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޑްރީމް ޓީމު ޔޫއޭފާއިން އިއުލާނުކޮށްފި އެވެ.
މި ޓީމުގެ ގޯލްކީޕަރަކީ ފްރާންސްގެ ކީޕަރު މިކޭ މައިގްނަން އެވެ. ޑިފެންޑަރުންގެ ގޮތުގައި ނަގާފައިވަނީ ހަތަރު ކުޅުންތެރިއެކެވެ. އެއީ އިނގިރޭސި ކަނާތު ބެކް ކައިލް ވޯކާ އާއި ސްވިޒަލޭންޑްގެ މެނުއަލް އަކަންޖީ އާއި ސްޕޭނުގެ ވާތުބެކް މާކް ކުކުރޭޔާ އާއި ފްރާންސްގެ ވިލިއަމް ސަލީބާ އެވެ.
އެންމެ ގިނަ ކުޅުންތެރިން ހިމަނާފައިވަނީ ޗެމްޕިއަންކަން ހޯދި ސްޕޭން ޓީމުންނެވެ. އެ ގައުމުގެ ހަކުޅުންތެރިން ހިމެނެ އެވެ. ޑްރީމް ޓީމަށް މިޑްފީލްޑަރުންގެ ގޮތުގައި ނަގާފައިވަނީ ތިން ކުޅުންތެރިންނެވެ. މި ތިން ކުޅުންތެރިންނަކީ ވެސް ސްޕޭނުގެ ކުޅުންތެރިންނެވެ. އެއީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސްޕޭނުގެ ރޮޑްރީ އާއި ޑެނީ އޮލްމޯ އާއި ފަބިއަން ރުއިޒް އެވެ.
ފޯވަޑުންނަކީ ސްޕޭނުގެ ނިކޯ ވިލިއަމްސް އާއި މުބާރާތުގެ ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދި ލަމީން ޔަމާލް އާއި ޖަރުމަނުގެ ޖަމާލް މުސިއާލާ އެވެ.
ޑްރީމް ޓީމަށް ކުޅުންތެރިން ނަގާފައިވަނީ ޔޫއޭފާއިން އެކުލަވާލި ޓެކްނިކަލް ސްޓަޑީ ގްރޫޕުންނެވެ. މި ގްރޫޕުގައި ހިމެނޭ ތަޖުރިބާކާރު ކޯޗުންގެ ތެރޭގައި ލިވަޕޫލްގެ ކުރީގެ ކޯޗު ރަފާ ބެނީޓޭޒް އާއި އިނގިރޭސިވިލާތުގެ ކުރީގެ ކޯޗު ފަބިއޯ ކަޕޭއްލޯ އާއި ނެދަލޭންޑްސްގެ ކުރީގެ ކެޕްޓަން ފްރޭންކް ޑިބޯ ފަދަ މީހުން ހިމެނެ އެވެ.