Advertisement
ކ. މާލެ
|
14 ޖުލައި 2024 | އާދީއްތަ 15:20
ސުޕުރީމް ކޯޓް
ސުޕުރީމް ކޯޓް
ރާއްޖެއެމްވީ
ޖިނާއީ މައްސަލަތައް
އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ކުރުމާ ގުޅޭ އުސޫލުތައް ސުޕްރީމް ކޯޓުން އިތުރަށް ތަފްސީލު ކޮށްދީފި
މި މަންޒަރު ފެނިފައިވާ ހަމައެކަނި ފަރާތަކީ ސިއްރުހެކި 1
ޖުވެނައިލް ކޯޓާއި، ހައިކޯޓުންވެސް ސިއްރު ހެކިވެރިޔާގެ ހެކިބަސް ވަޒަން ކޮށްފައިވަނީ ހެކި ވަޒަން ކުރުމުގެ އުސޫލުތަކާ އެއްގޮތަކަށް ނޫން
ފަނޑިޔާރު މަހާޒުގެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުންވެސް ތާއީދު ކުރެއްވި

އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް މައްސަލަ ސާބިތު ކުރުމާ ގުޅޭ އުސޫލުތައް ސުޕްރީމް ކޯޓުން އާދިއްތަ ދުވަހު ނިންމި ނިންމުމެއްގައި އިތުރަށް ތަފްސީލު ކޮށްދީފިއެވެ.

މި މައްސަލައިގައި ދަށު ކޯޓުގައި ދައުވާ އުފުލީ ކުޑަ ކުއްޖެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލީ މީހަކަށް ނުރައްކާތެރި ހާނީއްކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ.

މި ދަޢުވާ އޭނާގެ މައްޗަށް އުފުލީ ޕިކަޕެއްގެ ފަހަތުގައި އިން މީހަކަށް ޙަމަލާ ދިން މީހަކު ފިލުވުމުގައި އޭނާ އެހީތެރިވެދީފައިވާތީއެވެ.

މި ހާދިސާގައި ޙަމަލާ ދިނުމަށްފަހު ވަޅި ހިފައިގެން އައި މީހާ ސައިކަލެއްގެ ފަހަތަށް އަރުވައިގެން ދައުވާލިބޭ ކުއްޖާ ދިޔަ މަންޒަރު ފެނިފައިވާ ހަމައެކަނި ފަރާތަކީ ސިއްރުހެކި 1 އެވެ.

އެ ހެކިވެރިޔާ ބުނެފައިވަނީ ޝަރީޢަތުގެ މަޖިލީހުގައި ވަޅިއެއް ހިފައިގެން އައި ކުއްޖެއްގެ އިންތިޒާރުގައި ދައުވާލިބޭ ކުއްޖާ އިންކަމަށާއި، ވަޅި ހިފައިގެން އައި ކުއްޖާ އައުމުން ސައިކަލުގައި ދެ ކުދިން އެކީގައި ދިޔަ ކަމަށެވެ.

މި މައްސަލައިގައި ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވަނީ އެ ސިއްރު ހެކިވެރިޔާއާއި، އެ ހެއްކަށް ބާރު ދިނުމަށް އިތުރު 3 ޤަރީނާއެކެވެ.

އެއީ ދައުވާލިބޭ ކުއްޖާ ދެނެގަތުމަށް ހުށަހަޅާފައިވާ ފޮޓޯ ސެޓާއި، ވީޑިއޯ އެނާލިސިސް ރިޕޯޓު އަދި ރިޕޯޓު ތައްޔާރުކުރި ފަރާތުގެ އިތުރުން، ވީޑިއޯ ފުޓޭޖް ހިމެނޭ ސީޑީތަކެވެ.

މި މައްސަލައިގައި ކުށް ސާބިތުނުވާކަމަށް ކުރި ޙުކުމުގައި ބުނެފައިވަނީ ދައުވާލިބޭ ކުއްޖާއަކީ ސައިކަލުގައި އިން ކުއްޖާކަން އޭނާއަށް ޔަޤީން ނުވާ ކަމަށް ސިއްރު ހެކިވެރިޔާ ހެކިބަސް ދެމުން ބުނެފައިވާ ކަމަށެވެ.

Advertisement

މި މައްސަލައިގެ ވީޑިއޯ އެނާލިސިސް ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ހެކިބަހަށް ބަލާއިރު، އޭނާ ވަނީ ވީޑިއޯއިން ފެންނަ ފަރާތަކީ ދައުވާލިބޭ ކުއްޖާކަމަށް ބެލެވޭކަމަށް ބުނެފައެވެ.

އެހެންނަމަވެސް އެ ރިޕޯޓަކީ ޤަރީނާއެއް ކަމަށާއި، ޤަރީނާއެއްގެ މައްޗަށް ބިނާކޮށް ޖިނާއީ މައްސަލައެއް ސާބިތު ނުވާނެކަމަށް ހައިކޯޓުން ނިންމި ނިންމުމުގައި ބުނެފައިވެއެވެ.

މި މައްސަލަ އިސްތިއުނާފު ކުރަމުން ދައުލަތުން ބުނެފައިވަނީ، ދައުވާލިބޭ ކުއްޖާއަކީ ސައިކަލުގައި އިން ކުއްޖާކަން އޭނާއަށް ޔަޤީން ނުވާކަމަށް ސިއްރު ހެކިވެރިޔާ ބުނެފައި ނުވާ ކަމަށާއި، އެއީ ހެކިބަހުން ސާބިތުވި ވާޤިއާތައް ދޭހަ ކުރުމުގައި ކޯޓަށް އެރި އޮޅުމެއް ކަމަށެވެ.

އެކަން އިތުރަށް ތަފްސީލު ކޮށްދެމުން ދައުލަތުން ބުނީ، ޝަރީއަތަށް ހެކިވެރިޔާ ދީފައިވާ މުޅި ހެކިބަހަށް ބަލަން ޖެހޭނެ ކަމަށެވެ.

ސިއްރު ހެކިވެރިޔާގެ މުޅި ހެކިބަހަށް ބެއްލެވުމަށްފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ، އޭނާ ހެކިބަސް ދީފައިވަނީ ޔަޤީންކަމާއެކު، އޭނާއަށް ޝަރީއަތުގެ މަޖިލީހުގައި އިނީ ކާކުކަމާއި، ޙާދިސާ ހިނގި ވަގުތު ދައުވާ ލިބޭ ކުއްޖާގެ އަމަލުތައް ހުރި ނެތް ގޮތް ހަނދާނުގައިވެސް ހުރެގެންކަން އެނގޭ ކަަމަށެވެ.

އެކަމަށް ބާރު ލިބޭ އަނެއް ސަބަބެއްގެ ގޮތުގައި ފަނޑިޔާރު މަހާޒު ފާހަގަ ކުރެއްވީ، އޭނާގެ ހެކިބަހަށް ބަލާއިރު، އެ ކުއްޖާ އޭނާއަށް ފެނުނީ ހަަމައެކަނި ސައިކަލު މަތީގައި އިންދާ އެކަނި ނޫންކަމަށް ބުނެފައިވާ ބުނުންތަކެވެ.

ފަނޑިޔާރު މަހާޒް ވިދާޅުވީ، ސިއްރު ހެކިވެރިޔާގެ ހެކިބަހުގައި ދައުވާލިބޭ ކުއްޖާ ފާހަގަ ކުރުމުގައި ޝައްކެއް އޮތްކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.

ކުރުކޮށް ބުނާނަމަ، ސިއްރު ހެކިވެރިޔާ ހެކިބަހުގައި އިސްތިއުނާފު ރައްދުވާ ކުއްޖާ ފާހަގަކުރުމުގައި ޝައްކެއް އޮތްކަމަށް އަހުރެންނަށް ޤަބޫލެއް ނުކުރެވެއެވެ. އެ ހެކިބަސް ތެދުކަމުގައި ޤަބޫލު ކުރެވެއެވެ. އަދި މި ކަމަށް ޝަރީޢަތަށް ހުށަހެޅުނު އެހެން ހެކިތަކުން ބާރު ލިބެއެވެ. މީގެ އިތުރަށް ޖުވެނައިލް ކޯޓާއި ހައިކޯޓުން ފާހަގަކޮށްފައިވާ ގޮތަށް، ހެކިވެރިޔާގެ ހެކިބަހުގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ، ސައިކަލުގައި އިން މީހާކަން ޔަޤީން ނުވާކަމަށް ހެކިވެރިޔާ ބުނެފައިވާ ޢިބާރާތެއް ހެކިވެރިޔާގެ ބަޔާނުން އަހުރެންނަށް ފެނިފައިނުވެއެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރު

އެހެންކަމުން ޖުވެނައިލް ކޯޓާއި، ހައިކޯޓުންވެސް ސިއްރު ހެކިވެރިޔާގެ ހެކިބަސް ވަޒަން ކޮށްފައިވަނީ ހެކި ވަޒަން ކުރުމުގެ އުސޫލުތަކާ އެއްގޮތަށްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް މަހާޒް ވިދާޅުވިއެވެ.

އޭގެ އިތުރުން، މި މައްސަލައިގައި ހުށަހެޅިފައިވާ ފޮޓޯ ސެޓަކީ ބަލައިގަނެވޭނެ ހެއްކެއް ނޫންކަމަށް ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

މި މައްސަލައިގައި ސީސީޓީވީ ވީޑިއޯ ފުޓޭޖްތަކެއް ހިމެނޭ 08 ސީޑީއެއް ދައުލަތުން ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި އެކި ކޮލިޓީގެ ވީޑިއޯ ފުޓޭޖް ހިމެނޭއިރު، ދުއްވަން އިން ކުއްޖާގެ މޫނު އާދައާ ޚިލާފަށް ސާފުކޮށް ފެންނަ ފުޓޭޖްވެސް އޭގެ ތެރޭގައި ހިމެނެއެވެ.

އެ ފުޓޭޖުތަކާއި އެނާލިސިސްއަށް ބަލާއިރު، ސިއްރު ހެކި 01 ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހަށް އެއިން ބާރު ލިބިދޭކަމަށް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.

ކަން އެހެން ހުރުމުން އިސްތިއުނާފީ ކޯޓުތަކުން އަލުން ހެކި ވަޒަންކުރެވިދާނެ ކަމުގައި  ކަނޑައަޅާފައިވާ ހާލަތްތަކަށް މި މައްސަލަ ފެތޭކަމަށް ފަނޑިޔާރު ނިންމެވިއެވެ.

ފަނޑިޔާރު ވިދާޅުވީ، ސިއްރު ހެކި ފުލުހުންގެ ތަޙްޤީޤުގައި އިސްތިއުނާފު ރައްދުވާ ކުއްޖާ ފާހަގަކުރި ފޮޓޯ ސެޓާއި، މައްސަލައިގައި ލިބިފައިވާ ވީޑިއޯ ފުޓޭޖްތަކާއި، އެ ފުޓޭޖްތައް އެނަލައިޒް ކުރި ފަރާތުގެ ހެކިބަހުން ސިއްރު ހެކި ބުނެފައިވާ ބުނުންތަކަކީ އާދަޔާ ޚިލާފަށް ޤަބޫލު ކުރެވޭ ތެދު ބުނުންތަކެއް ކަމުގައި ޤަބޫލު ކުރެވޭ ކަމަށެވެ.

މަންޒަރު ފެނުނު ސިއްރު ހެކި 01 ދައްކާފައިވާ ވާހަކަތަކަކީ އެތެރެފުށުގެ ހެކިތަކެއް ކަމުގައިވާއިރު، ކުރިން މި އިޝާރާތްކުރި ޤަރީނާތަކަކީ ލިބިފައިވާ ބޭރުފުށުގެ ހެކިތަކެކެވެ. މި އެންމެހައި ހެކިތައް އެއްގޮތެވެ. އެންމެހައި ހެކިތަކުގެ މިސްރާބު ހުރީ އެއްދިމާއަކަށެވެ. އެތެރެފުށާއި ބޭރުފުށުގެ ހެކީގައި ޚިލާފެއް ނެތެވެ. ކަންމިހެން އޮތުމުން، މި ހެކިތަކުން އަހުރެންނަށް ވާސިލުވެވޭ ހަމައެކަނި ނަތީޖާއަކީ، މީހަކަށް ނުރައްކާތެރި ހާނީއްކައެއް ވާގޮތަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި އޭނާ ބައިވެރިވިކަމެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރު

އެހެންކަމުން މި މައްސަލައިގައި ޖުވެނައިލް ކޯޓުން ކޮށްފައިވާ ޙުކުމާއި، އެ ޙުކުމަށް ތާއީދުކޮށް ހައިކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ފެނިލައްވާކަމަށް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.

އަދި އެ ކުއްޖާގެ މައްޗަށް މައްޗަށް ދައުލަތުގެ ފަރާތުން ކޮށްފައިވާ، މީހަކަށް ނުރައްކާތެރި ހާނީއްކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމުގައި ކަނޑައަޅަން ފެނިލައްވާކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު މަހާޒުގެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުންވެސް ތާއީދު ކުރެއްވިއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ނިންމެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް