ކ. މާލެ
|
7 ޖުލައި 2024 | އާދީއްތަ 09:44
ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން
ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން
ރޮއިޓާސް
ޔޫރޯ 2024
ނާގަލްސްމަންގެ ޝަކުވާއެއް ނެތް، އޮތީ ކުޅުންތެރިންނަށް ޝުކުރު!
އެ ބޯޅަ އަށް ބަލައި، ޕެނަލްޓީ ނުދޭން ރެފްރީ ނިންމި ކަމަށާއި، އެއީ ޖަރުމަނު ބަލިވާން ޖެހުނު ސަބަބެއްގެ ގޮތުގައި ޤަބޫލު ކުރަން ބޭނުން ނުވާ ކަމަށް ނާގަލްސްމަން ބުންޏެވެ.

އަމިއްލަ ޤައުމުގައި ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް އިން ބަލިވެ މުބާރާތުން ކަޓަން ޖެހުނު ނަމަވެސް، ޝަކުވާ ކުރަން ބޭނުން ނުވާ ކަމަށާއި، ކުޅުންތެރިން ކުރި މަސައްކަތަށް ޝުކުރު ކުރާ ކަމަށް ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފި އެވެ.

ކުއާޓާ ފައިނަލްގައި ސްޕެއިން އަތުން ބަލިވެ ޖަރުމަނު މުބާރާތުން ކެޓިއިރު، އެ ޓީމަކީ މިއަހަރުގެ މުބާރާތުގެ ފޭވަރިޓުންގެ ލިސްޓުގައި އޮތް ޓީމެކެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖު އަދި ގަދަ 16 ވަނަ ބުރުގައި ވެސް ޖަރުމަނުން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ސްޕެއިން މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ނާގަލްސްމަން ބުނީ، މެޗު ފެނުނީ ވަރަށް ބޮޑަށް ހުޅުވާލެވިފައި އޮތް ގޮތަށް ކަމަށެވެ. އެހެން ނަމަވެސް، ދެ ވަނަ ހާފުގައި ޖަރުމަނުން ވަނީ ވަރަށް ބޮޑަށް އަމިއްލަ ކުޅުން ރަނގަޅުކޮށް، ގޭމު ތެރެއަށް އެނބުރި އައިސްފައިކަން ނާގަލްސްމަން ފާހަގަ ކުރި އެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 90 މިނެޓުގައި ޖަރުމަނުން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކުރި ކަމަށާއި، އެއަށްފަހު ވެސް ފުރުސަތުތަކެއް ތަނަވަސް ކުރި ކަމަށް އޭނާ ބުންޏެވެ.

ޚާއްސަކޮށް މެޗުގެ 60 މިނެޓުގެ ފަހަތަށް ދިޔައިރު، މުޅި މެޗުގައި ވެސް ދެން އެންމެ ރަނގަޅަށް ކުޅުނީ ޖަރުމަނު ކަމަށް އޭނާ ބުންޏެވެ. ޚާއްސަކޮށް ޖަރުމަނަށް ލީޑު ނަގާނެ ފުރުސަތުތަކެއް ވެސް ލިބުނު ކަމަށާއި، އެއީ ކުޅުންތެރިންގެ މަސައްކަތް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. މެޗުގެ ނަތީޖާ ހަމަހަމަވެފައި އޮތުމުން، ދެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފަށް ބަލާއިރު ވެސް، މޮޅެއް ބޭނުންވެގެން ކުޅޭ ކަހަލަ ކުޅުމެއް ދެއްކީ ވެސް ޖަރުމަނުން ކަމަށް ނާގަލްސްމަން ފާހަގަ ކުރި އެވެ.

އެހެން ނަމަވެސް ވަކި ހިސާބަކުން ސްޕެއިން އިން ދެ ވަނަ ލަނޑެއް ޖެހި ކަމަށާއި، އެއީ ހެދުނު ގޯހެއް ކަމަށް ނާގަލްސްމަން ޤަބޫލު ކުރެ އެވެ. ސްޕެއިން އިން އެ ލަނޑު ޖެހީ ކުޅުންތެރިން މާބޮޑަށް ދޫކޮށްލެބިގެން ތިބުމުގެ ސަބަބުން ކަމަށާއި، ޑެނީ އޮލްމޯ ހުރަސްކޮށްދިނީ ފުރިހަމަ ބޯޅައެއް ކަމަށް ވެސް ނާގަލްސްމަން ވަނީ ބުނެފަ އެވެ.

މެޗުގައި ސްޕެއިންގެ ކުޅުންތެރިޔެެއްގެ އަތުގައި ބޯޅަ ޖެހި، ޖަރުމަނަށް ދޭން ޖެހޭ ޕެނަލްޓީ ރެފްރީ ދީފައި ނުވާ ކަމަށް ދެކެވޭ ވާހަކައިގަ ވެސް ނޫސްވެރިން ވަނީ ނާގަލްސްމަނާ ސުވާލު ކޮށްފަ އެވެ. އެކަމާ ގުޅިގެން ނާގަލްސްމަން ބުނީ، އެކަމާ ގުޅޭ ގޮތުން މާބޮޑު ވާހަކަތަކެއް ދައްކަން އޭނާ ބޭނުން ނުވާ ކަމަށެވެ. ލިބުނު ފުރުސަތުގައި ވާހަކަ ދައްކަން ބޭނުން ވަނީ ފުޓުބޯޅައިގެ ނަަޒަރުންކަން ކަމަށް ވެސް ނާގަލްސްމަން ވަނީ ބުނެފަ އެވެ. މެޗުގައި އެ ބޯޅަ އަށް ބަލައި، ޕެނަލްޓީ ނުދޭން ރެފްރީ ނިންމި ކަމަށާއި، އެއީ ޖަރުމަނު ބަލިވާން ޖެހުނު ސަބަބެއްގެ ގޮތުގައި ޤަބޫލު ކުރަން ބޭނުން ނުވާ ކަމަށް ނާގަލްސްމަން ބުންޏެވެ.

ޖަރުމަނުގެ ކޯޗުކަމާ ނާގަލްސްމަން ހަވާލުވީ ފަހުން އެ ޓީމުގެ ނަތީޖާތައް ވަނީ ރަނގަޅުކޮށްފަ އެވެ. އޭނާއާ ހަވާލު ކުރި އެންމެ ބޮޑު މަސައްކަތަކަށް އޮތީ ވެސް، އަމިއްލަ ޤައުމުގައި ކުރިއަށް ދާ ޔޫރޯ ކާމިޔާބު ކުރުމެވެ. ނަމަވެސް މުބާރާތުން ޖަރުމަނު ކެޓުމާއެކު، ނާގަލްސްމަންގެ ކުރިމަގާ ގުޅޭ ގޮތުން އެކި ވާހަކަތައް މީޑިއާ ތަކުގައި މިހާރު ވަނީ ދެކެވެން ފަށައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް