ޔުއެފާ ނޭޝަންސް ލީގުގެ ތިން ވަނަ ހޮވަން ކުޅުނު މެޗުގައި ޖަރުމަނު ބަލިކޮށް، ފްރާންސް އިން މުބާރާތުގެ ތިން ވަނަ ހޯދައިފި އެވެ.
މުބާރާތުގެ ސެމީ ފައިނަލްގައި ޖަރުމަނު ވާދަކޮށްފައި ވަނީ ޕޯޗުގަލްއާ އެވެ. އެ މެޗުގައި ޕޯޗުގަލް އިން ވަނީ ޖަރުމަނު ބަލިކޮށްފަ އެވެ. އަދި ސެމީ ފައިނަލްގައި ސްޕެއިންއާ ވާދަކޮށް ފްރާންސް ވަނީ ބަލިވެފަ އެވެ.
ތިން ވަނަ ހޮވަން ކުޅުނު މެޗުގައި ފްރާންސް އިން ވަނީ 2-0 އިން ޖަރުމަނުގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ފްރާންސް އިން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ފްރާންސް އަށް ލަނޑު ޖަހައި ކުރި ހޯދައިދިނީ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ. އޭނާ އެ ލަނޑު ޖެހީ އައުރެލިއަން ޗުއަމެނީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފު ފަށަައިގެން ކުރީ ކޮޅު ޖަރުމަނުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ޖަރުމަނުގެ ޑެނީޒް އުންޑާވް ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ.
އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައި ވަނިކޮށް، ފްރާންސް އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. ކެޕްޓަން އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހީ މައިކަލް އޮލައިސޭ އެވެ.
ފްރާންސް މޮޅުވި މި މެޗު ޚާއްސަވި ކުޅުންތެރިޔަކީ އެމްބާޕޭ އެވެ. މި މެޗުގައި ޖެހި ލަނޑާ އެކު، އޭނާ ވެގެން ގޮސްފައި ވަނީ ފްރާންސް ޤައުމީ ޓީމަށް ތިން ވަނަ އަށް އެންމެ ގިނަ ލަނޑު ޖަހައިދިންް ކުޅުންތެރިޔާ އަށެވެ.
ޤައުމީ ޓީމަށް މިހާތަނަށް ކުޅެދިން 90 މެޗުގައި އެމްބާޕޭ ވަނީ 50 ލަނޑު ޖަހައިފަ އެވެ. ފްރާންސް ޤައުމީ ޓީމަށްް އެންމެ ގިނަ ލަނޑު ޖަހައިދީފައި ވަނީ އޮލީވިއޭ ޖިރޫޑް އެވެ. އޭނާ ވަނީ ޤައުމީ ޓީމަށް 57 ލަނޑު ޖަހައިފަ އެވެ. ދެ ވަނައިގައި ތިއެރީ އޮންރީ އޮތީ 51 ލަނޑު ޖަހައިގެންނެވެ.