ކ. މާލެ
|
5 ޖުލައި 2024 | ހުކުރު 14:40
ރިޝީ ސުނާކް - އިންތިޚާބުގައި ސުނާކް ވާދަ ކުރެއްވި ގޮނޑި ކާމިޔާބު ކުރެއްވި ނަމަވެސް، ކޮންޒަވެޓިވް ޕާޓީ އަށް އުއްމީދު ކުރި ވަރާ ގާތައް ވެސް ގޮނޑި ކާމިޔާބު ކުރެވިފައެއް ނުވޭ
ރިޝީ ސުނާކް - އިންތިޚާބުގައި ސުނާކް ވާދަ ކުރެއްވި ގޮނޑި ކާމިޔާބު ކުރެއްވި ނަމަވެސް، ކޮންޒަވެޓިވް ޕާޓީ އަށް އުއްމީދު ކުރި ވަރާ ގާތައް ވެސް ގޮނޑި ކާމިޔާބު ކުރެވިފައެއް ނުވޭ
ރޮއިޓާސް
އިނގިރޭސީ ވިލާތުގެ އާންމު އިންތިޚާބު
އިންތިޚާބުން ބަލިވުމުގެ ޒިންމާ ނަގަން، މާފަށް އެދެން: އިނގިރޭސި ބޮޑުވަޒީރު ސުނާކް
ބޮޑު ކާމިޔާބެއް ލޭބަރ ޕާޓީން ހޯދި ނަމަވެސް އިނގިރޭސި ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހެދުމަށް އެ ޕާޓީއަށް ކުރިމަތިވާނެ ގޮންޖެހުންތައް ގިނަ ކަމުގައި ސިޔާސީ ތަޖުރިބާކާރުން ބުނެއެވެ.

އިނގިރޭސި ވިލާތުގައި ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ އާންމު އިންތިޚާބުން ވެރިކަމުގައި އޮތް ކޮންޒަވެޓިވް ޕާޓީ އަށް ބޮޑު ނާކަމިޔާބީ އަކާ ކުރިމަތިލާން ޖެހުމުން އެކަމުގެ ޒިންމާ ނަންގަވާ ކަމަށާއި، އެކަމުގައި މާފަށް އެދޭ ކަމަށް ބޮޑުވަޒީރު ރިޝީ ސުނާކް ވިދާޅުވެއްޖެއެވެ.

އިންތިޚާބުގެ ނަތީޖާ އާ ބެހޭ ގޮތުން ހުކުރު ދުވަހު ސުނާކް ވާހަކަ ދައްކަވަމުން ވިދާޅުވީ، އިނގިރޭސި ރައްޔިތުންގެ ނިންމުން އިއްވައިފި ކަމަށާއި، ސުލްހަ ވެރިކަމާ އޮމާން ކަމާއެކު ބާރުތައް ހަވާލު ކުރެވިގެންދާނެ ކަމަށެވެ.

އިންތިޚާބުގައި ސުނާކް ވާދަ ކުރެއްވި ގޮނޑި ކާމިޔާބު ކުރެއްވި ނަމަވެސް، ކޮންޒަވެޓިވް ޕާޓީ އަށް އުއްމީދު ކުރި ވަރާ ގާތައް ވެސް ގޮނޑި ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ޕާޓީގެ ވެރިކަމުގައި، އިނގިރޭސި ވިލާތުގައި ދިރިއުޅުމުގެ ހާލަތު ދަށްވެ، ތަކެތީގެ އަގު މައްޗަށް ގޮސް، އާންމު ޚިދުމަތްތަކުގެ ފެންވަރު ދަށަށް ގޮސްފައިވުމާއެކު ހިތްހަމަ ނުޖެހިފައި ތިބި އިނގިރޭސި ރައްޔިތުން ކޮންޒަވެޓިވް ޕާޓީ އަށް އޮތް ނުރުހުން ވޯޓުން ވަނީ ހާމަ ކޮށްދީފައި ކަމަށް ސިޔާސީ ތަޖުރިބާކާރުން ބުނެއެވެ. މި އިންތިޚާބު ވެގެން ދިޔައީ ކޮންޒަވެޓިވް ޕާޓީގެ ދިގު ތާރީޚްގައި އެންމެ ބޮޑު ނާކާމިޔާބީ އަކާ ކުރިމަތި ލާން ޖެހުނު އިންތިޚާބު ކަމުގައެވެ.

"އިންތިޚާބުން ދަސްކުރަންވީ އަދި އެކަންކަމާ ވިސްނަން ޖެހޭ ގިނަ ފިލާވަޅުތަކެއް އެބަހުރި، ވަރަށް ބުރަކޮށް މަސައްކަތް ކުރި އެތައް ކޮންޒަވެޓިވް ކެންޑިޑޭޓުންނަށް އިންތިޚާބުން ވީ ނާކާމިޔާބީ އަށް ޒިންމާ ނަގަން..އެކަމަށް މާފަށް އެދެން،" ސުނާކް ވިދާޅުވިއެވެ.

ސުނާކް ވަނީ އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯދި ލޭބަރ ޕާޓީގެ ލީޑަރު އަދި ބޮޑު ވަޒީރު ކަމުގެ މަގާމާ ހަވާލުވެ ވަޑައިގަންނަވާ ކެއި ސްޓާމާ އާ ގުޅުއްވާ މަރުހަބާ ވިދާޅުވެފައެވެ.

އިންތިޚާބުގެ ކާމިޔާބީ އާ އެކު ސަޕޯޓަރުންނާ ބައްދަލު ކުރައްވާ، ބޮޑު ވަޒީރު ކަމުގެ މަގާމާ ހަވާލުވެ ވަޑައިގަންނަވާ ކެއި ސްޓާމާ ވިދާޅުވީ، ބަދަލު މި ހިނދުން މި ހިނދަށް ފެށުނީ ކަމުގައެވެ.

"ބަދަލު މި ހިނދުން މި ތަނުން މި ފެށުނީ، ބަދަލު ގެންނަން ތައްޔާރަށް ތިބި ކަމަށް ބުނެ ރައްޔިތުންގެ ބަސް އިއްވައިފި، ރައްޔިތުންނަށް ވައުދުވީ ކަންކަން ކޮށް ދިނުމުގެ ވަގުތު މިއައީ.." ސްޓާމާ ވިދާޅުވިއެވެ.

ސްޓާމާ ވެރިކަމަށް ވަޑައިގަންނަވާ މި ދަނޑިވަޅަކީ ގިނަ ގޮންޖެހުންތަކެއް އިނގިރޭސި ވިލާތައް ކުރިމަތިވެފައިވާ ދަނޑިވަޅެއް ކަން ސިޔާސީ ތަޖުރިބާކާރުން ފާހަގަ ކުރެއެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން އިނގިރޭސި ވިލާތުގައި ޓެކްސް އެންމެ މައްޗަށް ދާނެ ކަމަށް ބެލެވިފައި ވުމުގެ އިތުރުން، ގައުމުގެ އުފެއްދުންތެރިކަމާ ހަމަ އަށް ދަރަނި ބޮޑު ވެފައި ވުމާއި، ދިރިއުޅުމުގެ ހާލަތު ދަށަށް ގޮސްފައި ވުމާއި، އާންމު ޚިދުމަތްތަކުގެ ފެންވަރު އިނގިރޭސި ވިލާތުގައި ދަށަށް ގޮސްފައި ވުމީ ސްޓާމާގެ ސަރުކާރަށް ކުރިމަތިވާނެ ބޮޑެތި ގޮންޖެހުންތަކުގެ ގޮތުގައި ވަނީ ބެލެވިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް