ކ. މާލެ
|
2 ޖުލައި 2024 | އަންގާރަ 17:24
އިންޑިއާގެ ކޮންގްރެސް ޕާޓީގެ ރާހުލް ގާނދީ
އިންޑިއާގެ ކޮންގްރެސް ޕާޓީގެ ރާހުލް ގާނދީ
އެންޑީޓީވީ
ރާހުލް ގާނދީ
މަޖިލީހުގެ ރެކޯޑް ތަކުން މޯދީ އަށް ފާޑުކީ ބައި ރާހުލް ގާނދީގެ ވާހަކައިން އުނިކޮށްފި
ރާހުލްގާނދީ ވަނީ އައު މަޖިލީހުގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަމުން ބޮޑު ވަޒީރު މޯދީ އަށާއި ބީޖޭޕީ އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އަދި މޯދީ އާ އިންޑިއާގެ ބޮޑެތި މަހުޖަނުންނާ އޮންނަ ގުޅުމުގެ ވާހަކަ ވެސް ދައްކާފައެވެ.

އިންޑިއާގެ ކޮންގްރެސް ޕާޓީގެ ރާހުލް ގާނދީ، އިންޑިއާ ގައި އަލަށް އިންތިޚާބުވި ގާނޫނު ހަދާ މަޖިލީހުގައި ބޮޑު ވަޒީރު މޯދީއަށާއި ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ފާޑުކިޔާ ދެއްކި ވާހަކަތައް މަޖިލީހުގެ ރެކޯޑް ތަކުން އުނިކޮށްފިއެވެ.

މަޖިލީހުގެ ތިރިގެ – ލޮކްސަބާގެ އިދިކޮޅު މައި ޕާޓީ ކަމަށްވާ ކޮންގްރެސް ގެ ފަރާތުން ހޯމަ ދުވަހު ރާހުލް ގާނދީ ވާހަކަ ދެއްކީ އިދިކޮޅު ލީޑަރުގެ ހައިސިއްޔަތުންނެވެ.

މަޖިލީހުގެ ގަވައިދާ ޚިލާފް ވާހަކަ ތަކެއް ކަމަށް ކަނޑައަޅާ ރާހުލް ގާނދީގެ ވާހަކައިގެ ބައެއް ޔައުމިއްޔާއިން އުނިކުރަން ލޮކްސަބާގެ ރައީސް ނިންމެވި ކަން އިއުލާން ކުރެއްވީ އަންގާރަ ދުވަހުގެ ޖަލްސާގައެވެ.

ހޯމަ ދުވަހު އިންޑިއާގެ ޓީވީ ތަކުން ވަގުތުން ދެއްކި ރާހުލް ގާނދީގެ ވާހަކައިން އުނިކުރަން ނިންމި ބައިތަކުގެ ތެރޭގައި ބޮޑު ވަޒީރު މޯދީ އަށާއި، މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ އަށް އަމާޒުކޮށް އިންޑިއާގައި ދީނީ ގޮތުން އުފެދިފައިވާ ނަފްރަތު ކުރުމާއި، ހަމަ ނުޖެހުންތައް އެއީ ބޮޑު ވަޒީރު އާއި ބީޖޭޕީގެ ސިޔާސަތު ތަކުގެ ސަބަބުން ހިނގާ ކަންތައްތައް ކަމަށް ބުނެ ދެއްކި ވާހަކަތައް ހިމެނެއެވެ.

ރާހުލް ގާނދީގެ ވާހަކައިން އުނިކުރަން ލޮކް ސަބާގެ ރައީސް ނިންމެވި ބައިތަކުގެ ތެރޭގައި އިންޑިއާގެ ބޮޑެތި މަހުޖަނުން ކަމަށްވާ ގުތާމް އަދާނީ އާއި މުކޭޝް އަމްބާނީ އާއި މޯދީ ސަރުކާރާ ހުރި ގުޅުމާ ބެހޭ ގޮތުން ދެއްކި ވާހަކަތައް ވެސް ހިމެނެއެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ތަޅުމުގައި މެމްބަރުން ދައްކާ ވާހަކައިގައި ހިމެނޭ އަބުރަށް އަރައިގަންނަ، އަދި އަޚްލާގީ ގޮތުން ދަށް ކަމަށް ބެލޭ ވާހަކަތައް މަޖިލީހުގެ ރެކޯޑުން އުނިކުރުމުގެ ބާރު މަޖިލީހުގެ ރައީސަށް ލިބިދެއެވެ. އަދި މި ގޮތައް ބައެއް އުނިކުރަން ނިންމުމުން މަޖިލީހުގެ ރެކޯޑުން އެ ވާހަކަ އުނިކުރުމުގެ އިތުރުން އެފަދަ ވާހަކަ އެއް މީޑިއާ ގައި ރިޕޯޓް ކުރުމަކީ ވެސް ގަވައިދު ބުނާ ގޮތުން މަނާ ކަމެކެވެ.

ރާހުލް ގާނދީގެ ވާހަކަ އިން ބައެއް އުނިކުރަން މަޖިލީހުގެ ރައީސް ނިންމުމާ ގުޅިގެން ގާނދީ ބުނެފައިވަނީ "ހަގީގަތް ބަދަލެއް ނުކުރެވޭނެ،" ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް