ކ. މާލެ
|
2 ޖުލައި 2024 | އަންގާރަ 15:38
ނެދަލޭންޑްސްގެ ސަޕޯޓަރުން ޖަރުމަނުގައި
ނެދަލޭންޑްސްގެ ސަޕޯޓަރުން ޖަރުމަނުގައި
ގޫގުލް
ޔޫރޯ 2024
މެޗު ބަލަން ނެދަލޭންޑްސްގެ އެއްލައްކަ މީހުން ޖަރުމަނަށް
ޖަރުމަނުގެ ފުލުހުން ބުނީ ޖަރުމަނުގެ މިއުނިކްގައި ކުޅޭ މެޗު ބަލަން ދާ މީހުންނަށް ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާއިރު ގަވާއިދާ ހިލާފުވާ އެންމެނަށް އަދަބުދޭނެ ކަމަށެވެ. މި ގޮތުން ފޭން ޒޯނުން ބޭރުކޮށް ފޮނުވާލެވޭނެ ކަމަށެވެ.

ނެދަލޭންޑްސް އާއި ރޮމޭނިޔާ މިރޭ ކުޅޭ މެޗު ބަލަން ނެދަލޭންޑްސްގެ އެއް ލައްކަ މީހުން ޖަރުމަނަށް ހިނގައްޖެ އެވެ.

ޖަރުމަނުގެ ފުލުހުން ބުނީ ޖަރުމަނުގެ މިއުނިކްގައި ކުޅޭ މެޗު ބަލަން ދާ މީހުންނަށް ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާއިރު ގަވާއިދާ ހިލާފުވާ އެންމެނަށް އަދަބުދޭނެ ކަމަށެވެ. މި ގޮތުން ފޭން ޒޯނުން ބޭރުކޮށް ފޮނުވާލެވޭނެ ކަމަށެވެ.

މިރޭގެ މެޗު ކުޅޭ މިއުނިކް އޮލިމްޕިކް ސްޓޭޑިއަމަކީ ނެދަލޭންޑްސް މީހުންނަށް ވަރަށް ހާއްސަ ދަނޑެކެވެ. އެއީ 1988 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސްޓް ޖާމަނީ ބަލިކޮށް އެމީހުން ކާމިޔާބު ކުރި ދަނޑެވެ. މިހެންވެ މިރޭ އެ ދަނޑުގައި ރޮމޭނިޔާ ބަލިކުރަން އެމީހުން ތިބީ ނުހަނު އިތުބާރާއެކުގަ އެވެ.

ކޯޗު ރޮނަލްޑޯ ކޫމަން ބުނީ އޮސްޓްރިއާ އަތުން ބަލިވި މެޗުގައި ހިނގައިދިޔަ ގޯސް ހުރިހާ ކަމެއް މިހާރު ރަނގަޅު ކުރެވިއްޖެ ކަމަށާއި މިރޭ ކާމިޔާބު ހޯދޭނެ ކަމަށެވެ.

"ހަތް ދުވަހަކީ ދެ މެޗު ދޭތެރޭގައި ވަރަށް ދިގު މުއްދަތެއް. އަހަރުމެންނަށް މިވީ ދުވަސްތަކުގައި އޮސްޓްރިއާ އަތުން ބަލިވި ސަބަބާއި މޮޅުވާން ކުރަންވީ ކަންކަން ދެނެގަނެވިއްޖެ. އަހަރުމެން ޓީމުގައި ތިބީ ނަތީޖާ ނެރެވޭނެ ކުޅުންތެރިން،"
ނެދަލޭންޑްސްގެ ކޯޗު ކޫމަން ބުންޏެވެ.

ރޮމޭނިޔާ މިރޭގެ މެޗަށް ނުކުންނައިރު އެމީހުންނަށް މުބާރާތުގެ ދެ ވަނަ ބުރަށް ދިއުން ވެފައިވަނީ ވަރަށް ބޮޑު ކާމިޔާބީއަކަށެވެ. ނަމަވެސް ކޯޗު އިއޯޑެނެސްކޫ ބުނީ އޭނާގެ ޓީމަށް ކުއާޓާ ފައިނަލްގެ ވަސް ދުވާ ކަމަށެވެ.

"އަހަރުމެންނަކީ މި ހިސާބަށް އާދެވޭނެ ބައެއްކަމަށް ގިނަ ބަޔަކު ނުދެކޭ. ދެން ކުޅުންތެރިންނަށް ވެސް އެނގޭ މިއީ އަބަދުވާނެ ކަމެއްނޫންކަން. މިހެންވެ އެންމެންވެސް ތިބީ މޮޅުވާން ވަރަށް ބޭނުންވެފައި،"
ރޮމޭނިޔާގެ ކޯޗު އިއޯޑެނެސްކޫ ބުންޏެވެ.

މި މެޗުން މޮޅުވާ ޓީމެއް ކުއާޓާ ފައިނަލުގައި ވާދަކުރަން ޖެހޭނީ އޮސްޓްރިއާ ނުވަތަ ތުރުކީއާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް