ކ. މާލެ
|
2 ޖުލައި 2024 | އަންގާރަ 13:48
އެފްއޭއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައްސާމް
އެފްއޭއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައްސާމް
މިހާރު
އެފްއޭއެމްގެ ހިންގުން
އެފްއޭއެމްގެ މައްޗަށް 3 ލައްކަ ރުފިޔާގެ ދަރަންޏެއް ސާބިތުވެއްޖެ، 10 ދުވަސްތެރޭ ދަރަނި ދައްކަންޖެހޭ
ޝަރީއަތުގެ ޚަރަދަށް ދިޔަ 27،000 ރުފިޔާވެސް ދައްކަންޖެހޭ
މި މައްސަލައިގައި އެފްއޭއެމްއިން ދައުވާއަށް ޖަވާބުދާރީވެފައި ނުވޭ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މައްޗަށް 308،400 ރުފިޔާގެ ދަރަންޏެއް ސާބިތުވެ، އެ ދަރަނި ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، 14 މެއި 2023 ގައި ޙަސަން މަނިކު ނަމަކަށް ކިޔާ މީހަކު ވަނީ އަނބުރާ ޑޮލަރުން އަގުއަދާކުރާ ގޮތަށް އެފްއޭއެމްއަށް 308،400 ރުފިޔާ ދޫކޮށްފައެވެ.

އެ ފައިސާގެ އަގު އަދާކުރުމަށް އެފްއޭއެމްއިން ވަނީ 20،000 އެމެރިކާ ޑޮލަރުގެ ޗެކެއް އޭނާއަށް ދީފައެވެ. ނަމަވެސް އެ ޗެކް ރިޓާންވެފައިވާތީ އެފްއޭއެމްގެ ކިބައިން އެ ފައިސާ ހޯދުމަަށާއި، ލިބުނު ގެއްލުމުގެ ބަދަލާއި ޝަރީއަތުގެ ޚަރަދު ހޯދުމަށް އޭނާ ކޯޓަށް މައްސަލަ ހުށަހެޅީއެވެ.

މި މައްސަލައިގައި އެފްއޭއެމްއިން ދައުވާއަށް ޖަވާބުދާރީވެފައި ނުވާތީ ސިވިލް ކޯޓުން ވަނީ އެފްއޭއެމްގެ ޣައިރު ހާޒިރުގައި މައްސަލަ ނިންމާފައެވެ.

ސިވިލް ކޯޓުން ކުރި ޙުކުމުގައި ވަނީ އެފްއޭއެމްއިން ދައްކަން ޖެހޭ 20،000 ޑޮލަރާއި، ޝަރީއަތުގެ ޚަރަދަށް ދިޔަ 27،000 ރުފިޔާ ދައްކާ ޚަލާސް ކުރުމަށް އެފްއޭއެމްގެ މައްޗަށް ޙުކުމްކޮށްފައެވެ. މި ފައިސާ 10 ދުވަހުގެ ތެރޭގައި ދައްކަންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް