ކ. މާލެ
|
29 ޖޫން 2024 | ހޮނިހިރު 00:48
މާފުށި ޖަލުގައި ނިޔާވި ޖަމީލް
މާފުށި ޖަލުގައި ނިޔާވި ޖަމީލް
އެކްސް
މާފުށި ޖަލުގައި މީހަކު ނިޔާވުން
މާފުށި ޖަލުގައި ނިޔާވި ޖަމީލްގެ ޕޯސްޓްމޯޓަމް ހަދަން ހޯމް މިނިސްޓަރ އަންގަވައިފި
ނިޔާވި ޖަމީލުގެ މޫނުމަތީގައި އަނިޔާ ކަމަށް ބެލޭ ނިޝާންތަކެއް ހުރި
ޖަލުގައި އޭނާ އަށް އަނިޔާ ކުރިކަމަށް ބައެއް މީހުން ވަނީ ތުހުމަތު ކޮށްފައި
ހަގީގަތް ހާމަ ނުކޮށް ވަޅުލާތީ އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

މާފުށި ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ނިޔާވި ށ. ފުނަދޫ ޒަމާނީވިލާ، އުމުރުން 45 އަހަރުގެ މުހައްމަދު ޖަމީލްގެ ޕޯސްޓްމޯޓަމް ނުހަދާ އޭނާ ވަޅުލަން އުޅޭތީ އެކަމާ އާންމުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުން ގެންދަނި ކޮށް އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް ހޯމް މިނިސްޓަރ އަލީ އިހްސާން ފުލުހުންނަށް އަންގަވައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ހޯމް މިނިސްޓަރ "އެކްސް" ގައި ހާމަ ކުރެއްވި ގޮތުގައި، ޖަލުގައި ހިނގާ މަރުގެ ކޮންމެ ހާދިސާ އެއް އިންސްޕެކްޓަރ ޖެނެރަލް ތަހުގީގު ކުރައްވާނެ ކަމަށާއި، އަދި އެއްވެސް ޝައްކެއް އުޅޭ ކަމެއް ނަމަ، ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ތަހުގީގު ކުރައްވާނެ ކަމަށެވެ.

ޖަމީލުގެ މަރުގެ މައްސަލައިގައި އާއިލާ އިން ހުއްދަ ހޯދައިގެން، ޖަމީލުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުންނަށް އަންގަވާފައިވާނެ ކަމަށްވެސް އިހްސާން ވިދާޅުވެފައި ވެއެވެ.

ކަރެކްޝަންސް އިން ބުނެފައިވަނީ އޭނާ ނިޔާވި ކަމަށް ނިންމީ، ހުކުރު ދުވަހު އޭނާ އޮންނަ ގޮޅީގައި ހަރަކާތެއް ނެތި ގިނަ އިރުތަކެއް ވީކަން ފާހަގަ ކުރެވިގެން، ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރު ދިނުމުން ވެސް ހަރަކާތެއް ނެތުމުން މާފުށީ ސިއްހީ މަރުކަޒަށް މެންދުރު ހާއިރު ގެންގޮސް ބެލުމަށް ފަހުގައި ކަމަށެވެ.

ޖަމީލް ނިޔާވި ކަމަށް ޑޮކްޓަރުން ކަނޑައަޅާފައިވަނީ ހުކުރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

"ކަރެކްޝަންސް އިން ތަހުގީގީ އިދާރާތަކަށް މި ކަން ތަހުގީގު ކުރުމުގައި ފުރިހަމަ އެއްބާރުލުން ދޭނެ." އިހްސާން ވިދާޅުވިއެވެ.

ޖަމީލް ނިޔާވި ފަހުން އިންޓަރނެޓްގައި އޭނާގެ މޫނު ފެންނަ ފޮޓޯ ތައް ވަނީ އާއްމު ވެފައެވެ. އެ ފޮޓޯތަކަށް ބަލާއިރު، ނިތް ކުރީގައާއި ލޯ ކައިރީގައި އަދި ނޭފަތް މަތީގައި ލޭ އަރާފައި ހުރި ކަމަށް ފެންނަ ތަންތަން ހުއްޓެވެ.

ކަރެކްޝަންސް އިން ބުނެފައިވާ ގޮތުގައި ޖަމީލަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

ކަރެކްޝަންސް އިން ބުނެފައިވާ ގޮތުން ޖަމީލް އަކީ ނަފްސާނީ ބައްޔަކަށް ފަރުވާ ކުރިކަން ފާހަގަ ކުރެވިފައިވާ މީހެކެވެ.

ހޯމް މިނިސްޓަރ އިހްސާން ވިދާޅުވެފައިވަނީ، ޖަމީލް ނިޔާވެފައިވަނީ ހިތް ހުއްޓިގެން ކަމަށް ޑޮކްޓަރުން ނިންމާފައިވާ ކަމަށެވެ.

އަދި އޭނާ ނިޔާވި އިރު ނަމާދު ކުރަން ހުރި ކަމަށް ބެލޭ ކަމަށާއި، ހަށިގަނޑު އޮތީ ސަޖިދައިގެ ހަރަކާތުގައި އޮންނަ ގޮތައް ކަމަށްވެސް އިހްސާން ވިދާޅުވެފައިވެއެވެ.

އިހްސާން ވިދާޅުވީ، ކަރެކްޝަންސް އިން ތަހުގީގީ އިދާރާތަކަށް ސީސީޓީވީ ފުޓޭޖް ހިއްސާ ކުރައްވާނެ ކަމަށެވެ.

ޖަމީލް އާ ބެހޭ ގޮތުން އާއްމު ވެފައިވާ ބައެއް ވާހަކަ ތަކުގައި އޭނާ އަށް ޖަލުގައި އަނިޔާ ކޮށްފައިވާ ކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ.

ކޮމެންޓް
- ގުޅުންހުރި
އެމްޑީޕީ ވެރިކަމުގައި ނެތް ކޮންމެ ފަހަރަކު ޖަލުގައި އަނިޔާކުރުން ފަދަ މައްސަލަތައް އާއްމުވޭ: މައުރޫފް
ޖަމީލު ނިޔާވި މައްސަލައިގައި ފުލުހުންގެ ގާނޫނާއި ފުށުއަރާ ބައިވަރު ކަންތައްތަކެއް ހިނގާފައި އެބަހުރި - ނާޒިލް
ޖަމީލް ނިޔާވެފައި މައްސަލައިގައި ޝައްކުއުފެދޭ ކަންކަން ހުރުމުން އެކަން ބަލައިދިނުމަށް ޑިމޮކްރެޓްސްގެ ފަރާތުން އެޗްއާރުސީއެމްއަށް ހުށަހަޅައިފި
ޖަމީލުގެ މަރުގެ މައްސަލައިގައި ސަރުކާރުން އަމަލު ކުރީ ގަވައިދާ ޚިލާފަށް: އެމްޑީޕީ
ޖަމީލުގެ މަރުގެ މައްސަލައިގައި ހިންގާނީ ވަށާޖެހޭ ތަހުގީގެއް، އިހުމާލުވެފައިވޭތޯ ބަލާނަން - ފުލުހުން
ޖަމީލް އަށް އަނިޔާ ކުރި ކަމަށް ގައިދީންނާއި ހަވާލާދީ ދައްކަމުންދާ ވާހަކަތައް ކަރެކްޝަންސް އިން ދޮގުކޮށްފި
ޖަމީލްގެ މަރާއި އެކު ޖަލުގެ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް - މީގެ ފަހުން ޖަލުގައި މަރުވާ އެންމެންގެ ޕޯސްޓްމޯޓަމް ހަދާނެ
ޖަމީލްގެ ހަށިގަނޑުގައި ހުރީ ގޯނާއެއްގެ ސަބަބުން ލިބިފައިވާ އަނިޔާއެއް ނޫން، ޑޮކްޓަރުންނަށްވެސް ބެލެވެނީ އެހެން: ފުލުހުން