ވައްކަން ކުރިކަމަށް ތުހުމަތުކުރުވޭ މީހަކަށް ކ. މާފުށީގައި، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތައް ޢާންމު ކޮށްފައިވަނިކޮށް އެމައްސަލަ ތަޙްޤީޤް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 13 އޭޕްރިލްގައި ކަމަށް ފުލުހުން ބުނެއެވެ.
ފިރިހެނެއްގެ ބޮލަށް ކުލަ ފާޓާއެއް އެޅީ، ރަށުގެ ފިހާރައަކަށް ވަދެ ވަގަށް އެއްޗެއް ނެގި މައްސަލައިގަ އެވެ. ވީޑިއޯތަކުން ފެންނަނީ މަގުމައްޗަށް އެ މީހާ ނެރެ އޭނާ ލައްވައި، އަމިއްލަ ގައިގައި ކުލަ ހާކުވާ މަންޒަރެވެ.
މިމައްސަލަގައި އަދި މީހަކު ހައްޔަރުކޮށްފައި ނުވާއިރު ފުލުހުން ގެންދަނީ މިމައްސަަލަ ތަޙްޤީޤް ކުރަމުންނެ އެވެ.
ވައްކަން ކުރިކަމަށް ތުހުމަތުކުރުވޭ މީހަކަށް ކ. މާފުށީގައި، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތައް ޢާންމު ކުރަމުން ގެންދާތީ އެފަދަ ނާތަހުޒީބު ލާއިންސާނީ ޢަމަލުތައް ފެންނަ ވީޑިއޯ ޢާންމު ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކ. މާފުށީގައި ވައްކަން ކުރި މީހެއްގެ ބޮލަށް ކުލަ ފާޓާއެއް އަޅާ ވީޑިއޯއެއް އާންމުވެ، މިކަމާއި ގުޅިގެން ގިނަ ފަރާތްތަކުން ވައްކަން ކުރިކަމުގައި ވިޔަސް، މިއީ ނާތަހުޒީބް އަމަލެއް ކަމަށް ސިފަކޮށް ވާހަކަދައްކާ އެޗްރާސީއެމް އަށްވެސް މިކަމުގައި ބަހެއް ނުބުނެ ތިބި ތިބުމަށް ފާޑު ކިޔަމުންދަނިކޮށް، އެޗްއާރްސީއެމްއިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެފަދަ ޢަމަލުތަކަށް ހިތްވަރު ލިބޭޒާތުގެ ކަންކަން ނުކުރުމަށާއި އަދި އެފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ނުހިންގުމަށް މި ކޮމިޝަނުން އިލްތިމާސްކުރާ ކަމަށެވެ.
އަދި މިފަދަ ހާލަތްތަކުގައި އެ މައްސަލަތައް ހަމަޖެހިފައިވާ އުސޫލްގެ ތެރެއިން، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން އެދޭ ކަމަށާއި މިފަދަ މައްސަލަތައް ކަމާގުޅުންހުރި އިދާރާތަކުން ވެސް ވީހާ އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށްވެސް އެޗްއާރްސީއެމްއިން ބުނެފައިވެ އެވެ.
އަދި އެއްވެސް ފަރުދެއް އަނެކާގެ އިންސާނީ ހައްޤާއި އިންސާނީ ކަރާމާތަށް އަރައިނުގަތުމަށާއި، ޖިނާއީ ނުވަތަ މަދަނީ ނުވަތަ އެނޫންވެސް މައްސަލަތަކުގައި ސުލްހަމަސަލަސްކަން އިސްކުރުމަށާއި، ޤާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް އެންމެހާ ފަރާތްތަކަށް މި ކޮމިޝަނުން އިލްތިމާސް ކޮށްފައިވެއެވެ.