ދިވެހިރާއްޖޭގައި ފާއިތުވި 14 އަހަރު ގޭންގު ކުށެއް ކޮށްގެން އެއްވެސް ފަރާތަކާ ދޭތެރޭގައި އެއްވެސް ފިޔަވަޅެއް އެޅިފައިނުވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހު ގޭންގުތަކާ ބެހޭ ބިލު ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ ގޭންގުގެ ކުށްތައް ހުއްޓުވުމަށް 2010 ވަނަ އަހަރު ހަދާފައިވާ ގާނޫނުގައި މައްސަލަތަކެއް އެބަހުރި ކަމަށާއި، ގޭންގަކީ ކޮން އެއްޗެއްކަން މާނަ ކުރުމަށް އުދަނގޫ ކަމަށެވެ.
ނަތީޖާއެއް ގޮތުން 14 އަހަރު ވެގެެން ދިޔައިރުގައި ގޭންގު ކުށެއް ކޮށްގެން ނުވަތަ ގޭންގެއް ކަމަށް ބެލެވިގެން އެއްވެސް ފަރާތަކާ ދޭތެރޭގައި އެއްވެސް ފިޔަވަޅެއް ރާއްޖޭގައި އެޅިފައިނެތް ކަމަށެވެ. އަދި ދެން ހުރި އެހެނިހެން ގާނޫނުގެ ދަށުން ކުށްތަކަށް އަދަބު ދެވި ނުވަތަ ކުށުގެ މާހައުލު ނައްތާލަމުން އައިސްފައިވާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
ރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތައް ހުއްޓުވުމަށްޓަކައި، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ މިބިލުގައި ގޭންގު މާނަކޮށްދީފައި އޮތުން ތަފާތުވާނެކަން ފާހަގަކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ އިންތިޒާމު ވެގެން ކުށް ކުރާ ގުރޫޕްތަކަކީ ކޮބައިކަމާއި، މިފަދަ ގުރޫޕްގެ މެންބަރަކަށް ވުމާއި، މިފަދަ ގުރޫޕެއް ކަނޑައަޅާނީ ކިހިނެތްކަމާއި، އެފަދަ ގުރޫޕެއް ހިންގުމާއި، އޭގެ ޒިންމާ ނަގާ ފަރާތްތަކަށް ދެވޭ އަދަބުތަކާއި، މިކަންކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެއާއެކުގައި މިފަދަ ކަންކަން ތަހުގީގުކުރާ އިދާރާތަކަށް ބޭނުންވާ ޚާއްސަ އިޖުރާއަތްތަކާ ޚާއްސަ ބާރުތަކާއި ތަހުގީގު ކުރުމުގައި ޚާއްސަ އުކުޅުތައް ބޭނުންކުރުމުގެ އިޖުރާއަތްތައް ފާހަގަކޮށްފައިވާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
އޭގެ އިތުރުން އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ މައްސަލައެއް. ފަހަކަށް އައިސްފައި ކުޑަކުދިންނަށް ލިބިދޭ ގާނޫނުތަކުން ލިބިދޭ ރައްކާތެރިކަން ލިބިދޭތީ ކުޑަކުދިން ބޭނުންކޮށްގެން ކުށްކުރާ ގުރޫޕްތަކުން ނުވަތަ ގޭންގުތަކުން ކުށުގެ މާހައުލުގައި ކުޑަކުދިން ގެންގުޅޭ މައްސަލަ. ގާނޫނަކަށްވެގެންދާ މި ބިލުގައި ކުށުގެ ވެށިން ކުޑަކުދިން ރައްކާތެރިކުރުމަށް ޚާއްސަކޮށް އިންތިޒާމު ވެގެން ކުށްކުރާ ގުރޫޕްތަކުގައި ވަކިތަކުން ކުޑަކުދިން ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ އިޖުރާއަތްތަކެއްވާނެ ފާހަގަކޮށްފައި. މީގެ އިތުރުން ކުށްކުރާ ގުރޫޕްތަކުން ވިޔަފާރިތަކާއި، އަދި އެހެނިހެން ކުލަބު ޖަމިއްޔާތަށް ހަދައިގެން އެކިއެކި ނިވާފަތްގަނޑު ދަށުގައި ފަހަތުގައި ތިބެގެން މާލީ މަންފާ ހޯދާ ނުހައްގު މުއްސަންދިކަން ހޯދަމުންދާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. މިއަދު މި ގާނޫނުގެ ތެރެއިން މިކަމަށް އަޅުގަނޑުމެންނަށް ހައްލު ތަކެއް ލިބި މިގޮތަށް ހޯދާ މުއްސަންދިކަން ދައުލަތަށް ނެގޭނެ.
ހޯމް މިނިސްޓަރު އަލީ އިހުސާން![]()
މިނިސްޓަރު އިހުސާން ވިދާޅުވީ މި ގޭންގުތަކުގެ ގާނޫނާއެކު، އިންގިލާބީ ބަދަލެއް އަންނާނެ ކަމަށާއި، އިންގިލާބީ ހައްލެއް ކުށުގެ މާހައުލެއް އަންނާނެ ކަމަށެވެ.