ޖަލުތަކުގައި މަސައްކަތްކުރުމަށް އެކަށީގެންވާ ވަރަށް އޮފިސަރުން ރެކްރޫޓް ނުކުރެވޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ކަރެކްޝަނަލް އޮފިސަރ ޓްރޭނިންގ ޕްރޮގްރާމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު އިހުސާން ވަނީ އަލަށް ހުވާކުރި އޮފިސަރުން ގުޅުނީ ކަރެކްޝަންސްގައި ޚިދުމަތް ކުރުމަށް ކަމަށާއި މިއީ ވަރަށް ގިނަ އޮފިސަރުންގެ ބުރަ މަސައްކަތާއެކު ހިންގުން ހަރުދަނާ ވެފައިވާ މުވައްސަސާއެއްކަން ފާހަގަކުރައްވާފައެވެ.
ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނަކީ ވަރަށް ހީވާގި އަދި ޒިންމާ ބޮޑު މަސައްކަތްތަކެއް ކުރާ ބައެއްކަން ފާހަގަކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ އެކަށީގެންވާ ވަރަށް އޮފިސަރުން ރެކްރޫޓް ނުކުރެވުނު ނަމަވެސް ޒިންމާ އަދާކުރުމުގައި އިންތިހާއަށް މަސައްކަތުގެ މާހައުލުގައި ޒިންމާ އަދާކުރާ މުވައްސަސާއެއް ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު އިހުސާން ވިދާޅުވީ ރާއްޖޭގެ ޖަލުތަކަކީ ދުނިޔޭގެ އެކި ޖަލުތަކާ އަޅާ ބަލާއިރު ފެންވަރު ރަނގަޅު ޖަލުތަކެއް ކަމަށެވެ. އަދި ވިދާޅުވީ ދިމާވާ ހާލަތްތަކުގައި ވަރަށް މަދުން ނޫނީ ކަރެކްޝަންސްގެ އޮފިސަރުންގެ މައްސަލައެއް ފާހަގަނުކުރެވޭ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވަޒީރުގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، ޖަލުތަކުގެ ޑައިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ސީނިޔަރ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
މި ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކުރި ޓްރޭނީންނަށް ޕްރިޒަން އޮފިސަރުންގެ ހުވާ ލާދެއްވީ މާފުށީ ކޯޓްގެ ޣާޒީ ފަނޑިޔާރު އަލްއުސްތާޒު ޖިނާން އިބްރާހިމް ލަޠީފްއެވެ.
ދަސްވެނިންނަށް މަރުހަބާ ދަންނަވައި، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ ކަރެކްޝަންސްއަށް ބޭނުންވަނީ އިލްމީ އޮފިސަރުން ކަމަށާއި ޖަލުތަކުގައި މަސައްކަތްކުރަމުން ގެންދާ ހީވާގި، މުރާލި އޮފިސަރުން މަސައްކަތްކުރަމުން ގެންދަނީ މުޅި ގައުމުގެ މަސްލަހަތައް ކަމަށެވެ.
އަދި ކޮރަޕްޝަނާއި ރިޝްވަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން، ސީޕީ ވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަމާއެކު މަސައްކަތްކުރެއްވުމަށް ދަސްވެނިންގެ ކިބައިން އެދިވަޑައިގެންފައެވެ.