މާފުށީ ކައުންސިލްގެ ރައީސް ހަސަން ސަލާހު ބަންދުގައި ހޭދަވާ ކޮންމެ ދުވަހަކީ ރަށުގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތަށް ގިނަ އަސަރުތަކެއް ކުރުވާނެ ދުވަހެއްކަމަށް ކ. މާފުށި ކައުންސިލުން ބުނެފިއެވެ.
އޮކްޓޯބަރު 3 ވަނަ ދުވަހުގެ ރޭ މާލޭގައި ބޭއްވި ގައުމީ އެއްވުމުގެ ތެރެއިން ކައުންސިލްގެ ރައީސް ހަސަން ސަލާހު ހައްޔަރުކުރުމާ ގުޅިގެން ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ، ޤާނޫނު އަސާސީން ލިބިދޭ އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ހަރަކާތްތެރިވަމުން ދިޔަ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފައިވާތީ، އެކަން ކުށްވެރިކުރާ ކަމަށް ބަޔާންކޮށްފައެވެ.
އެއްވެ އުޅުމާއި ޚިޔާލުފާލުކުރުމަކީ އަސާސީހައްގަކަށް ވެފައި އެހައްގަކީ ނިގުޅައިނުގަނެވޭނެ ހައްގަކަށް ވީހިނދު ކައުންސިލްގެ ރައީސް ދޫކޮށްލަންޖެހޭކަމަށް ކައުންސިލުން ގަބޫލުކުރާކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން މިހިނދުން މިހިނދަށް މާފުށީ ކައުންސިލްގެ ރައީސް ހަސަން ސަލާހް ބަންދުން މިނިވަންކޮށްދިނުމަށްއެދި ދިވެހޮ ފުލުހުންނަށް ގޮވާލާކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ހުކުރު ދުވަހުގެ ރޭ ބޭއްވުނު އެއްވުމުގެ ތެރެއިން ހައްޔަރުކުރެވުނު މީހުންގެ ތެރެއިން 7 މީހެއްގެ ބަންދު މުއްދަތު ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހަށް އިތުރުކޮށްފައެވެ. މީގެ ތެރޭގައި މާފުށީ ކައުންސިލްގެ ރައީސްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ އާއި، ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފް، އަދި އަލީ ޖުމާން، އަޒީމް އަލީ އަދި ހަސަން ޝާކިރު ހިމެނެއެވެ.
ހުކުރުދުވަހުގެރޭ ބޭއްވުނު މުޒާހަރާގައި އެތައް ހާސް ބަޔަކު ވަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލާފައެވެ. މަޖީދީމަގުން ކުރިއަށް ދިއުމަށް މުޒާހަރާގެ ބައިވެރިން މަސައްކަތްކުރުމުން، ފުލުހުން ވަނީ ރަޔަޓް ގިޔަރު ބޭނުންކޮށްގެން އެކަން ހުއްޓުވާފައެވެ. މިގޮތުން ޕެޕަރ ސްޕްރޭ އާއި ސޮނިކް ވެޕަން ބޭނުންކުރި އިރު، ފުލުހުން ހަރަކާތްތެރިވެފައިވަނީ ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްގެން ކަމަށް ގިނަ އަދަދެއްގެ އާންމުން ދަނީ ފާހަގަކުރަމުންނެވެ.