ކ. މާލެ
|
27 ޖޫން 2024 | ބުރާސްފަތި 11:39
މެޗުގައި ލަނޑު ޖެހުމަށްފަހު ތުރުކީން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ތުރުކީން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޔޫރޯ 2024
ޗެކް ރިޕަބްލިކް ބަލިކޮށް، ތުރުކީ ގަދަ 16 އަށް
މިއީ 16 އަހަރަށް ފަހު ތުރުކީން މުބާރާތުގެ ގްރޫޕް ސްޓޭޖަށް ވުރެ ދުރަށް ދިޔަ ފުރަތަމަ ފަހަރެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޗެކް ރިޕަބްލިކް ބަލިކޮށް، ތުރުކީން މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ބުދަ ދުވަހުގެ ރޭ ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުނު މެޗު ތުރުކީން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ތުރުކީން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ޗެކް ރިޕަބްލިކުން ވަނީ ވަނީ ނަތީޖާ ހަމަހަމަ ވެސް ކޮށްފަ އެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ލަނޑު ޖަހައިގެން ތުރުކީ ވަނީ މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޗެކް ރިޕަބްލިކަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ އެ ޓީމުގެ އެންޓޮނިން ބަރަކް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައި، ދަނޑުން ފޮނުވާލުމުންނެވެ. ޗެކް ރިޕަބްލިކުން އެއް ކުޅުންތެރިޔަކު މަދުން ކުޅެމުން ދަނިކޮށް، މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ތުރުކީ އަށް ލީޑު ނަގައިދިނީ ހަކަން ޗަނޮނޯލޫ އެވެ. އޭގެ ފަހުން މެޗުގެ 66 ވަނަ މިނެޓުގައި ޗެކް ރިޕަބްލިކުން ނަތީޖާ ހަމަހަމަ ކުރީ ތޯމަސް ސޯޝެކް އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ތުރުކީން ވަނީ ލަނޑު ޖަހައި ދެ ވަނަ ފަހަރަށް ލީޑު ނަގައިފަ އެވެ. އެ ޓީމަށް އެ ލަނޑު ޖަހައިދިނީ ޗެންކް ޓޮސުން އެވެ. އޭނާ ލަނޑު ޖެހީ ވެސް މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ވަގުތުގެ ތެރޭގަ އެވެ.

މޮޅާއެކު ތުރުކީން ވަނީ ގްރޫޕް އެފްގެ ތިން ވަނަ ހޯދައިފަ އެވެ. ކުޅުނު ތިން މެޗުން އެ ޓީމަށް ލިބެނީ ހަ ޕޮއިންޓެވެ. ދެ މެޗުން މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ ބަލިވެފަ އެވެ. މިއީ 16 އަހަރަށް ފަހު ތުރުކީން މުބާރާތުގެ ގްރޫޕް ސްޓޭޖަށް ވުރެ ދުރަށް ދިޔަ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ތުރުކީ އަށް ގްރޫޕް ސްޓޭޖަށް ވުރެ ދުރަށް ދެވުނީ 2008 ވަނަ އަހަރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް