ކ. މާލެ
|
25 ޖޫން 2024 | އަންގާރަ 16:03
 ހޯމް މިނިސްޓަރ އަލީ އިހުސާން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ
ހޯމް މިނިސްޓަރ އަލީ އިހުސާން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ
އެއް ގައުމުން ލައްކައަކަށް ވުރެ ގިނަ ބިދޭސީން ނުގެނެވޭ ގޮތަށް އޮތް ބައި އުވާލަން މަޖިލީހަށް ހުށަހަޅާނެކަން ސަރުކާރުން ހާމަކޮށްފި
1 ލައްކަ މީހުން ހަމަވަންދެން ބަންގްލަދޭޝް މީހުން ގެނައުން ހުއްޓުމަކަށް ގެނައީ އިސްލާހުކުރަން ޖެހޭ ކަންކަން ހުރުމުން ކަމަށް އިހުސާން ވަނީ ވިދާޅުވެފަ
އިހުސާން ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިސް ބެލިއިރު ބަންގްލަދޭޝް މީހުން ތިބި އަދަދު ހުރީ 90،000 އަށް ވުރެ މަތީގައި ކަމަށް

އެއް ގައުމުން ލައްކައަކަށް ވުރެ ގިނަ ލޭބަރުން ނުގެނެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނުގައި ހިމަނާފައިވާ ބައި އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ގައުމީ ސަލާމަތާއި ގުޅޭ ކޮމިޓީގައި ވާހަކަަދައްކަވަމުން، މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވަނީ ޤަވައިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ އާއި މެދު ސުވާލުކުރައްވާފައެވެ. އޭނާ ވަނީ ބިދޭސީންގެ ތެރެއިން ބަންގްލަދޭޝް މީހުން ގެނައުން ހުއްޓާލުމަކީ ކަންބޮޑުވުމެއް ކަމަށް ވިދާޅުވެފައެވެ. ރާއްޖޭގެ މަސައްކަތްތެރިންގެ ހަކަތަ ރަނގަޅުކުރުމަށް ބިދޭސީން އެތެރެކުރުމަކީ މުހިންމުކަމެއް ކަމަށް ޤަބޫލުކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެކަން އެގޮތަށް ކުރުމަކީ ވަކި ޤައުމަކާއި މެދު ތަފާތުކުރުން ގެންގުޅުން ކަމަށް ވެސް ނާޒިމް ވަނީ ސިފަކުރައްވާފައެވެ. އަދި ބަންގްލަދޭޝް ނޫން އެހެން ޤައުމުތަކުން މަސައްކަތްތެރިން އެތެރެކޮށްގެން މަސައްކަތް ކުރުމުގައި ދިމާވާ ދަތިތަކެއް ހުރިކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީގައި އެ ސުވާލުތަކަށް ޖަވާބުދެއްވަމުން އިހުސާން ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިސް ބެލިއިރު ބަންގްލަދޭޝް މީހުން ތިބި އަދަދު ހުރީ 90،000 އަށް ވުރެ މަތީގައި ކަމަށެވެ. އެ އަދަދު ބޭއްވުމަށް ފަހު އެއްލައްކަ މީހުން ހަމަވަންދެން ބަންގްލަދޭޝް މީހުން ގެނައުމަށް ހުއްދަ ދިން ކަމަށް އިހުސާން ވިދާޅުވިއެވެ. އެހެންނަމަވެސް އެ މަރުހަލާގައި ބައެއް މައްސަލަތައް ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ކުރީގަ ބްލެކްލިސްޓުކޮށްފައި ހުރި ކުންފުނިތައް ވައިޓްލިސްޓްކޮށް މީހުން ގެންނަމުން ދިޔަކަން ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ. ގަވައިދާއި އެއްގޮތަށް ބިދޭސީން ގެނެސް މާލެ ތެރެއަށް ދޫކޮށްލާ މައްސަލަ ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި 96000 ބަންގްލަދޭޝް މީހުން އެބަ ތިބި ކަމަށާއި، 1 ލައްކަ އާއި ހަމައަށް އެ އަދަދު އަރަންދެން ބަންގްލަދޭޝް މީހުން ގެނައުން ހުއްޓުމަކަށް ގެނައީ އިސްލާހުކުރަން ޖެހޭ ކަންކަން ހުރުމުން ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.

ޑިމާންޑަށް ބަލާއިރު ބަންގްލަދޭޝްގެ އެއްލައްކައިގެ ޑިމާންޑް ނަގަން ޖެހޭ ކަމަށް ޤަބޫލުކުރެވޭ. ނަމަވެސް އެކަން ކުރަންވާއިރު އިތުރު ފިޔަވަޅުތަކެއް އެޅުމަނާ ނުލާ އެކަން ކުރުމަކީ ރަނގަޅު ކަމެއް ނޫން. ސިސްޓަމް ރަނގަޅު ނުކޮށް އެކަން ކުރުން ރަނގަޅުކަމަށް އަޅުގަނޑަށް ނުފެންނާތީ އެކަން ހުއްޓުމަކަށް ގެނައީ.
ހޯމް މިނިސްޓަރ އަލީ އިހުސާން

ގަވައިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިހުސާން ވިދާޅުވިއެވެ. އިހުސާން ވަނީ ބިދޭސީންގެ ސައްހަ ޑާޓާގެ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް