ކ. މާލެ
|
25 ޖޫން 2024 | އަންގާރަ 10:35
 ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު އަންގާރަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު އަންގާރަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
މަސްވެރިންނަށް ދޭންޖެހޭ ފައިސާ
ސަރުކާރުން ވާ ކޮންމެ ވައުދެއް ތުރުކީ ހަނޑުލަށް ވީމަ ކަމަކުނުދާނެ: ފިއްޓެ
މަސްވެރިން އެދެނީ ކުރި މަސައްކަތަށް ޙައްގުވާ އަގު ހޯދުމަށް، ސަރުކާރުން އެކަން އަވަސްކުރަން ޖެހޭ
މަސްވެރިން އެދެނީ އެންމެ ކުޑަމިނުން ފައިސާ ލިބޭނެ ކަމުގެ ޔަޤީންކަމާއި ލިބޭނެ ދުވަހެއް
ޙައްގު ހޯދުމަށް މަސްވެރިން ނުކުތުމުން މިއަދު ސަރުކާރުން މަސައްކަތް ކުރަނީ އެއީ ސިޔާސީ ކަމެއްކަމަށް ދެއްކުމަށް

ސަރުކާރުން ވާ ކޮންމެ ވައުދެއް "ތުރުކީ ހަނޑުލަށް ވީމަ ކަމަކުނުދާނެ" ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓެ) ވިދާޅުވެއްޖެއެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދޭ މައްސަލައިގައި އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މެމްބަރު ޒިޔާދު ވިދާޅުވީ، ޙައްގު ހޯދުމަށް މަސްވެރިން ނުކުތުމުން މިއަދު ސަރުކާރުން މަސައްކަތް ކުރަނީ އެއީ ސިޔާސީ ކަމެއްކަމަށް ދެއްކުމަށް ކަމަށެވެ.

މެމްބަރު ވިދާޅުވީ، 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމަކީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށާއި، ނަމަވެސް އެ ވައުދުފުޅު ފުއްދަވައިދެވިފައި ނުވާ ކަމަށެވެ.

Advertisement

އެހެންކަމުން މިއަދު މަސްވެރިން އެދެނީ އެންމެ ކުޑަމިނުން ފައިސާ ލިބޭނެ ކަމުގެ ޔަޤީންކަމާއި ލިބޭނެ ދުވަހެއްކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

މެމްބަރު ވަނީ ސަރުކާރުން ވާ ކޮންމެ ވައުދެއް "ތުރުކީ ހަނޑުލަށް ވީމަ ކަމަކުނުދާނެ" ކަމަށް ވިދާޅުވެފައެވެ.

މިހާރުވެސް ފުރުސަތު އެބައޮތް ކުރިން ބުނި އެތި ކެންސަލް ކޮށްލާފައި، މި ސަރުކާރަށް އާ ކަމެއްވެސް ނޫން، ކެންސަލް ކޮށްލާފައި ބުނަންވީ ނޫންތޯ 15 ރުފިޔާއަށް ކިލޯއެކޭ ފައިސާ ދެވޭނީ މަހަކު އެއްފަހަރުއޭ. މަސްވެރިން ޤަބޫލު ކުރާނެ، ވައުދެއް އެގޮތަށް ވެފައި އޮތީމަ މަސްވެރިން ނުކުމެ މުޒާހަރާ އެ ކުރަނީ، މި ތާރީޚުގައި ދޭނަމޭ އެއީ ވައުދެއް، ކޮންމެ ވައުދެއް އިއްޒަތްތެރި ރައީސް ތުރުކީ ހަނޑުލަށް ވީމާ ކަމަކު ނުދާނެ
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓެ)

މެމްބަރު އެހެން ވިދާޅުވެފައިވާއިރު، ރާއްޖެ އަށް ބޭނުންވާ ވަރަށް ކާޑުގެ ބާވަތްތައް ގެންނަން ތުރުކީ ސަރުކާރާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެކަން އެހެން ނުހިނގާތީ ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑު ކިޔާފައެވެ.

މެމްބަރު އިތުރަށް ވިދާޅުވީ، މަސްވެރިން އެދެނީ ކުރި މަސައްކަތަށް ޙައްގުވާ އަގު ހޯދުމަށް ކަމަށާއި، ސަރުކާރުން އެކަން އަވަސްކުރަން ޖެހޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް