ކ. މާލެ
|
21 ޖޫން 2024 | ހުކުރު 20:19
މެޗުގައި ޔޫކްރެއިން އިން އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހަނީ
މެޗުގައި ޔޫކްރެއިން އިން އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހަނީ
ޓްވިޓަރ
ޔޫރޯ 2024
ފަހަތުން އަރައި ސްލޮވޭކިއާ ބަލިކޮށް، ޔޫކްރެއިން އިން އުންމީދުގައި
މޮޅާއެކު ޔޫކްރެއިން އިން ވަނީ ގްރޫޕް އީގެ ދެ ވަނަ އަށް ޖެހިލާފައި.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ފަހަތުން އަރައި ސްލޮވޭކިއާ ބަލިކޮށް، ޔޫކްރެއިން މުބާރާތުގައި ކުރިއަށް ދިޔުމުގެ އުންމީދު ހޯދައިފި އެވެ.

ހުކުރު ދުވަހުގެ ހަވީރު ޔޫކްރެއިންއާ ދެކޮޅަށް ނިކުތްއިރު، ސްލޮވޭކިއާ އިން ވަނީ ފުރަތަމަ މެޗުގައި ބެލްޖިއަމް ބަލިކޮށްފަ އެވެ. ފުރަތަމަ މެޗުން ޔޫކްރެއިން ބަލިވެފައި އޮތުމުން، އެ ޓީމަށް އޮތީ މޮޅުވާން މަޖުބޫރު ވެސް ވެފަ އެވެ. ޔޫކްރެއިން ބަލިކޮށް، މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދުމުގެ ފުރުސަތު ސްލޮވޭކިއާ އަށް އޮތެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ސްލޮވޭކިއާ އިންނެވެ. މެޗު ފަށައިގެން 17 ވަނަ މިނެޓުގައި ސްލޮވޭކިއާ އަށް ލީޑު ނަގައިދިނީ އިވާން ޝްރާންޒް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ލޫކަސް ހަރަސްލިން އެވެ.

މެޗުގައި ޔޫކްރެއިނުން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ފަހު ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގައި ޔޫކްރެއިން އަަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މިކޯލާ ޝަޕަރެންކޯ އެވެ. އޭނާ އެ ލަނޑު ޖެހީ އޮލެކްސަންޑާ ޒިންޗެންކޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އެ ލަނޑަށް ފަހު ޔޫކްރެއިން ވަނީ ރަނގަޅަށް ކުޅެ، ދެ ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ. މެޗުގެ 80 ވަނަ މިނެޓުގައި އެ ޓީމު މޮޅު ކޮށްދިން ލަނޑު ޖެހީ ރޯމަން ޔަރެމްޗުކް އެވެ. އޭނާ މެޗުގައި ކުޅެން އެރީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

މޮޅާއެކު ޔޫކްރެއިން އިން ވަނީ ގްރޫޕް އީގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ކުޅުނު ދެ މެޗުން ތިން ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ތިން ވަނައިގައި ސްލޮވޭކިއާ އަށް ވެސް ލިބެނީ ތިން ޕޮއިންޓެވެ. އެއް ވަނައިގައި އޮތީ އެއް މެޗުން ތިން ޕޮއިންޓާއެކު ރޮމޭނިއާ އެވެ. ތާވަލްގެ ފުލުގައި އޮތީ ބެލްޖިއަމް އެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޔޫކްރެއިން ނިކުންނާނީ ބެލްޖިއަމާ ދެކޮޅަށެވެ. އަދި ސްލޮވޭކިއާ ނިކުންނާނީ ރޮމޭނިއާއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް