ކ. މާލެ
|
16 ޖޫން 2024 | އާދީއްތަ 18:50
ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްއަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ހަލާކުވި އަރް ރަހްމާ މިސްކިތުގައި ފަލަސްތީނު ރައްޔިތުން އަޟްހާ އީދު ނަމާދު ކުރަނީ
ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްއަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ހަލާކުވި އަރް ރަހްމާ މިސްކިތުގައި ފަލަސްތީނު ރައްޔިތުން އަޟްހާ އީދު ނަމާދު ކުރަނީ
މުޙައްމަދު ސަލީމް / ރޮއިޓަރސް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ގާޒާގެ މުސްލިމުން އީދު ނަމާދަށް ޖަމާއަތް ހަދަން ޖެހުނީ ކުނޑި ގަލާ ހިރަފުގެ ތެރޭގައި
ޖެރޫސަލަމްގައި އިޒްރޭލް ސިފައިން ގެންދިޔައީ އަލް އަގްސާ މިސްކިތައް އީދު ނަމާދަށް ފަލަސްތީނު މުސްލިމުން ވަނަ ނުދޭން ޚާއްސަ އޮޕަރޭޝަނެއް ހިންގަމުން
އީދަށް ކަތިލާނެ ޖަނަވާރެއް ހާ ހިސާބުވެސް ގާޒާ އަށް އެތެރެ ވިޔަ ނުދޭން އިޒްރޭލް ސިފައިން ތިބީ ހުރަސް އަޅައިގެން
ޔަހޫދީ ސިފައިން ގާޒާ ސިޓީގެ އިމާރަތްތަކަށް ބޮން އަޅާ ބިމާ ހަމަކުރި އިރު ގާޒާގެ އެތައް މިސްކިތެއްވެސް އޭގެ ތެރޭގައި ވަނީ ނެތި ކޮށްލާފަ

އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުން ފުނޑުފުނޑު ވެފައިވާ ފަލަސްތީނުގެ ގާޒާ ސްޓްރިޕް އާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނު މުސްލިމުންނަށް މިއަހަރުގެ އަޟްހާ އީދު ފާހަގަ ކުރަން ޖެހުނީ ހިތްދަތި ކަމާ ވޭނުގައެވެ.

ހުއްޓުމެއްނެތި ގާޒާ އަށް ބޮން އަޅަމުން ދާތާ 8 މަސް ދުވަހަށް ވުރެ އިތުރު ވެގެން ދިޔައިރު، 37،000 މީހުން ޝަހީދުވެ އެތައް ހާސް ބަޔަކު ވަނީ ޒަޚަމްވެފައެވެ. އެތައް ތުއްތު ކުދިންގެ މައިންބަފައިން ގެއްލި، އެތައް އަންހެނުންނެއް ވަނީ ހުވަފަތްވެފައެވެ.

ޔަހޫދީ ސިފައިން ގާޒާ ސިޓީގެ އިމާރަތްތަކަށް ބޮން އަޅާ ބިމާ ހަމަކުރި އިރު ގާޒާގެ އެތައް މިސްކިތެއްވެސް އޭގެ ތެރޭގައި ވަނީ ނެތި ކޮށްލާފައެވެ. ނަތީޖާ އެއްގެ ގޮތުން އީދު ނަމާދަށް ޖަމާއަތް ހަދަން ޖެހުނީވެސް ކުނޑިގަލާ ހިރަފުހުގެ ތެރޭގައެވެ.

ރަފަހް ސިޓީގެ އެކި ސަރަހައްދު ތަކަށް އިޒްރޭލް ސިފައިން ހުއްޓުމެއް ނެތި ދެމުން ދިޔަ ހަމަލާތަކުގެ ސަބަބުން އާއިލާތައް ވަނީ ގެދޮރު ދޫކޮށް ވިއްސި ވިހާލިވެފައެވެ. އެތައް ސަތޭކަ ހާސް ފަލަސްތީނުގެ މުސްލިމުން އަމިއްލަ ވަޒަނުގައި ރެފިއުޖީންނަށްވެ، ތިބެން ޖެހިފައިވަނީ ކާނާ އާއި ބޯފެނާއި ބޭސްފަރުވާ ލިބޭނެ މަގެއް ނެތިއެވެ.

ގާޒާ އަށް ވަދެ ނުކުވެން ހުރި ހުރިހާ މަގުތަކެއް ހިސާރުކޮށްގެން ތިބި އިޒްރޭލް ސިފައިން، ހުރިހާ ގޮތަކުން ގެންދަނީ ފަލަސްތީނުގެ ރައްޔިތުންނަށް ދުއްތުރާ ކުރަމުންނެވެ. ގާޒާގެ އޮފިޝަލުން ހޮނިހިރު ދުވަހު ހާމަ ކުރި ގޮތުގައި އީދަށް ކަތިލާނެ ޖަނަވާރެއް ހާ ހިސާބުވެސް ގާޒާ އަށް އެތެރެ ވިޔަ ނުދޭން އިޒްރޭލް ސިފައިން ތިބީ ހުރަސް އަޅައިގެންނެވެ.

އަނެއްކޮޅުން ޖެރޫސަލަމްގައި އިޒްރޭލް ސިފައިން ގެންދިޔައީ އަލް އަގްސާ މިސްކިތައް އީދު ނަމާދަށް ފަލަސްތީނު މުސްލިމުން ވަނަ ނުދޭން ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.

އިޒްރޭލު ސިފައިންގެ ހުރަސް އެޅުން ތަކާ އެކުވެސް ވަފާ ނިއުސް އޭޖެންސީން ބުނެފައިވަނީ ސާޅީސް ހާހެއްހާ މީހުން މިސްކިތައް ނަމާދަށް ވަތް ކަމަށާއި، ނަމަވެސް ގިނަ އަދަދެއްގެ ބަޔަކަށް މިސްކިތައް ވަންނަން ހުރަސް އެޅުމުގެ ސަބަބުން ނަމާދު ކުރަން ޖެހުނީ މިސްކިތުން ބޭރުގައި ކަމަށެވެ.

އީދު ފާހަގަ ކުރަން ހުރަސް އެޅުމުގެ ގޮތުން ރާމަﷲ އާއި ހުޅަނގު އައްސޭރީގައި ވެސް އިޒްރޭލް ސިފައިން ގެންދިޔައީ ޗެކް ޕޮއިންޓް ހަދައިގެން ފަލަސްތީން މުސްލިމުންނަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.

- ކޮމެންޓް