ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް އިންތިހާބުކޮށްފިއެވެ.
އޭނާ އެ މަޤާމަށް އިންތިޚާބު ކުރިކަން ޖޭއެސްސީން ވަނީ ހާމަކޮށްފައެވެ.
އެ ކޮމިޝަންގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރުގެ ހައިސިއްޔަތުން އިންނަވަނީ ވަކީލު މުހައްމަދު ސަމީރުއެވެ. މީގެ އިތުރުން ބަންޑާރަ ނައިބު އަހުމަދު އުޝާމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވައެވެ.
ޖޭއެސްސީގެ މެމްބަރުންގެ ގޮތުގައި އިތުރަށް ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި މަޖިލީހުން ކަނޑައަޅާ އާންމު މީހެއްގެ ގޮތުގައި ހުންނެވި (ކުރީގެ މަޖިލީހުން ކަނޑައެޅި ޑރ. އުލްމުކުލްސޫމް)، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް (މުހައްމަދު ނާސިހު)ގެ އިތުރުން ވަކީލުން އިންތިހާބުކުރާ ވަކީލެއް ކަމަށްވާ (އަލީ އަބްދުއްލަތީފް) ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު (ފަނޑިޔާރު ހުސްނުއްސުއޫދު) އާއި ހައި ކޯޓުގެ ފަނޑިޔާރު (ފަނޑިޔާރު މުހައްމަދު ނިޔާޒު) އަދި ދަށު ކޯޓުތަކުން ފަނޑިޔާރު (ފަނޑިޔާރު އަލީ ޝަރީފް) ވެސް ކޮމިޝަންގައި ހިމެނިވަޑައިގަންނަވައެވެ.
ފަނޑިޔާރުންނާއި ގުޅުން ހުރި ސުލޫކީ ކަންކަން ބެލުމާއި މަގާމުގެ ކުރިއެރުން ދިނުން ފަދަ މަސައްކަތްތައް މަތިކޮށްފައި އޮންނަނީ ޖޭއެސްސީ އާއިއެވެ.
ޖޭއެސްސީގެ ރައީސަކަށް މީގެ ކުރިން ހުންނެވީ އޭރު ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ. އޭނާ އެ މަޤާމް އަދާކުރެއްވީ ނޮވެމްބަރު 2019، އިން ފެށިގެން މިދިޔަ މެއި 28ގެ ނިޔަލަށެވެ.
ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ނުހިމެނުމަށް މި ސަރުކާރުން ވަނީ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވައުދުވެފައެވެ. އަދި އެކަން ކުރުމަށް ޤާނޫނަށް ގެންނަން ޖެހޭ ބަަދަލުތައް ގެންނާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.