ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް، ދެ ފަނޑިޔާރެއް ސުލޫކީ މައްސަލަ ބަލަމުންދާކަމަށް ބުނެ އެ ކޯޓު ހުއްޓުވާފައި އޮންނަތާ ދޮޅުމަސް ދުވަސް ވެއްޖެއެވެ.
ޕީއެންސީގެ އެތެރޭގައި އޮންނަ ކުޑަ ކޮމިޓީއަކުން ބޭނުންވެއްޖެނަމަ މެންބަރުން ވަކިކުރެވޭނެ ގޮތަށް މަޖިލީހުގެ ސުޕަރމެޖޯރިޓީ ބޭނުންކޮށްގެން ގާނޫނުއާސާސީ އަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށްދަނިކޮށް، ރައީސް މުއިއްޒުގެ އެންގެވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުއްލި ބައްދަލުވުމެއް ބާއްވާ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ހުސްނުއްސުއޫދާއި މަހާޒް އަލީ ޒާހިރު ސަސްޕެންޑު ކުރީ، މެންބަރުން ވަކިކުރެވޭ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެ ކޯޓަށް ހުށަހަޅައި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށް ފަނޑިޔާރުން މާލަމުގައި ތިއްބަވަނިކޮށެވެ. ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ ޖޭއެސްސީން ކުއްލި ބައްދަލުވުމެއް ބާއްވާ 10 މިނެޓުގެ ތެރޭގައި ގޮތް ނިންމުމަށްފަހު 26 ފެބްރުއަރީ 2025 ގައެވެ.
އޭގެފަހުން 4 މާރޗް 2025 ވަނަ ދުވަހު ރައީސް މުއިއްޒު ގާނޫނު އަސާސީ އާ ޚިލާފުވެއްޖެ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި ޖޭއެސްސީން މިހާރު ބަލަމުން އަންނަނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިތުރުން ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްސަލައެވެ.
ސުޕްރީމް ކޯޓު މިހާރު އޮތްގޮތުން ދުސްތޫރީ މައްސަލައެއް ބެލޭނީ އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ. އެއީ 7 ފަނޑިޔާރުންގެ ބެންޗުންނެވެ. ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން އޭނާގެ ބަދަލު އެ މަގާމަށް އަލްއުސްތާޛު ޙުސައިން ޝަހީދު ވަނީ އައްޔަން ކުރައްވާފައެވެ. އެހެންކަމުން މިހާރު ކޯޓުގައި ތިބީ 5 ފަނޑިޔާރުންނެވެ.
މި ދެފަނޑިޔާރުންގެ މައްސަލަ ބަލަމުންދޭތޯއާއި، މައްސަލައިގެ ފަހުގެ މައުލޫމާތު ހޯދުމަށް ޖޭއެސީއާއި ސުވާލުކުރުމުން އެ ކޮމިޝަނުގެ މުވައްޒަފަކު ރާއްޖެއެމްވީއަށް ވިދާޅުވީ ޖޭއެސްސީ އިން ތަހުގީގުކުރާ މައްސަލައިގެ ތަފްސީލު ހިއްސާ ނުކުރާނެ ކަމަށެވެ. އަދި ޖޭއެސްސީ އިން މައުލޫމާތު ހިއްސާކުރާނީ ފަނޑިޔާރެއްގެ މައްސަލަ ބެލުމަށްފަހު އެ މައްސަލަ ފަނޑިޔާރެއްގެ މައްޗަށް ސާބިތުވާނަމަ ޖޭއެސްސީގެ ނިންމުން ކަމަށެވެ. ތަކުރާރުކޮށް ސުވާލުކުރުމުންވެސް ޖޭއެސްސީގެ މުވައްޒަފު ވިދާޅުވީ ޖޭއެސްސީ އިން އަމަލުކުރާ ޕޮލިސީގައި އިންނާނީ ތަހުގީގުތަކާއި ގުޅިގެން ފިޔަވަޅު އަޅާ ފަނޑިޔާރުންގެ މައުލޫމާތު އެކަނި ހާމަކުރުން ކަމަށެވެ.
ފަނޑިޔާރުން ސަސްޕެންޑު ކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެއެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އޭސީސީން ހާމައެއް ނުކުރެއެވެ.
މީގެ އިތުރުން ބަލަމުންދާ މައްސަލައިގެ ތަފްސީލެއްވެސް ޖޭއެސްސީ އިން ހާމަކޮށްފައި ނުވެއެވެ. ދެ ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން ބަލަމުން އަންނަކަމަށް ބުނެފައިވާ އިރު، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ފަރާތުން ނޫސްބަޔާން ނެރޭތީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ވަކި މައްސަލައެއް ވެސް އަންނަނީ ބަލަމުންނެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ދުސްތޫރީ ބޮޑު މައްސަލައެއް ހުއްޓުވުމަށް ސަރުކާރުން ރާވައިގެން 3 ފަނޑިޔާރަކު ސަސްޕެންޑްކުރި އިރު، ޖޭއެސްސީގައި ހިމެނޭ ބާ ކައުންސިލްގެ މެންބަރު ވޯޓު ދެއްވި ގޮތާއި ގުޅޭގޮތުން ވެސް އެ ކައުންސިލްގައި ހިމެނޭ ގިނަ އަދަދެއްގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.