ކ. މާލެ
|
9 ޖޫން 2024 | އާދީއްތަ 15:26
ޓީސީ އާއި އޮޑިން ކުޅުނު މެޗުގެ ތެރެއިން
ޓީސީ އާއި އޮޑިން ކުޅުނު މެޗުގެ ތެރެއިން
އެފްއޭއެމް
އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް
ފުރަތަމަ މެޗުގައި ޓީސީން އޮޑި ބަލިކޮށްފި
މެޗުގައި ޓީސީ އަށް ލަނޑު ޖަހައިދިނީ ފިޒާން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ، 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި، ޓީސީ ސްޕޯޓްސް ކުލަބުން އޮޑި ސްޕޯޓްސް ކުލަބު ބަލިކޮށްފި އެވެ.

އާދިއްތަ ދުވަހުގެ ހެނދުނު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ޓީސީން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ޓީސީން ލަނޑު ޖެހީ ފުރަތަމަ ހާފުގަ އެވެ. މެޗު ފަށައިގެން 25 ވަނަ މިނެޓުގައި ޓީސީ އަށް ލީޑު ނަގައިދިނީ، ޢަބްދުﷲ ފިޒާން ޢަބްދުލް ޣަފޫރު އެވެ. އެއީ އޭރިޔާ ބޭރުން ލިބުނު ބޯޅަ ގޯލަށް ފޮނުވާލައިގެން ފިޒާން ކާމިޔާބު ކޮށްދިން ލަނޑެކެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް ފިޒާން އެވެ.

މެޗުގައި އޮޑިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކޮށްފަ އެވެ. މެޗުގައި ލަނޑު ޖެހުމަށް އެ ޓީމުން ކުރި މަސައްކަތް ކާމިޔާބު ނުވީ، ޓީސީގެ ކުޅުންތެރިން ރަނގަޅަށް ޑިފެންސް ކުރުމުގެ ސަބަބުންނެވެ.

މިއަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގެ މެޗުތައް ކުޅުމަށް އެންމެ ފުރަތަމަ އެފްއޭއެމުން ހަމަޖެއްސީ ހެނދުނާއި، ހަވީރު އަދި ރޭގަނޑު އެވެ. ނަމަވެސް ގަލޮޅު ދަނޑުގެ ލައިޓުތަކަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުން، ރޭގަނޑު މެޗުތައް ކުޅެވޭ ގޮތް ވަނީ ނުވެފަ އެވެ. އެހެންވެ މުބާރާތުގެ މެޗުތައް މިހާރު ކުޅުމަށް ހަމަޖެހިފައި ވަނީ ހެނދުނާއި، ހަވީރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް