މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުން، އޮޑި ސްޕޯޓްސް ކުލަބު މޮޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު އޮޑިން ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖެހިއިރު، ހަަތަރު ވަނަ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.
މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި އޮޑި އަށް ލީޑު ނަގައިދިނީ އިބްރާހީމް ވަޙީދު ޙަސަން އެވެ. އޭގެ ތިން މިނެޓު ފަހުން އަޒްހަމް ރަޝީދު ވަނީ އޮޑީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުގައި އޮޑި އިން ވަނީ ތިން ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ. އެގޮތުން ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް އޮޑީގެ ތިން ވަނަ ލަނޑު ޖެހީ މުޒްދާން ޙަސަން އެވެ. މެޗުގައި އޮޑީގެ ހަތަރު ވަނަ ލަނޑު، ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ޖެހީ އަޙުމަދު އައިހަމް އެވެ.
މޮޅާ އެކު އޮޑި އޮތީ ލީގު ތާވަލްގެ ދެ ވަނަ މަގާމުގަ އެވެ. މިހާތަނަށް ކުޅެފައިވާ ހަ މެޗުން އޮޑި އަށް ލިބެނީ 16 ޕޮއިންޓެވެ. ލީގުގައި މިހާތަނަށް ކުޅެފައިވާ ހަ މެޗުގެ ތެރެއިން ފަސް މެޗުން އޮޑި މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. އެއީ ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.
އޮޑި ދެ ވަނައިގައި އޮތް ނަމަވެސް، ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ކުޅޭ މެޗުން މޮޅުވެ، ދެ ވަނަ އަށް ޖެހިލުމުގެ ފުރުސަތު އެ ޓީމަށް އޮންނާނެ އެވެ.