މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކުލަބު މޮޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ޓީސީ އިން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެސް ޓީސީ އިން ވަނީ ދެ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ދެ ވަނަ ހާފުގައި ވެލެންސިއާ އިން ލަނޑެއް ޖެހިއިރު، ޓީސީ އިން ވަނީ ތިން ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ.
މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ޓީސީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ޓީސީ އަށް ޖަހައިދިނީ މުޙައްމަދު އިޒާން އަލީ އެވެ. އޭގެ ހަ މިނެޓު ފަހުން ޓީސީގެ އަޙުނަފް މުޙައްމަދު ތަސްނީމް ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.
މެޗުގެ ދެ ވަނަ ހާފުގައި ވެލެންސިއާ އިން ވަނީ ލަނޑު ޖަހަން މަސައްކަތް ކޮށްފަ އެވެ. މެޗުގެ 90 ވަނަ މިނެޓުގައި ވެލެންސިއާގެ ހަމައެކަނި ލަނޑު ޖެހީ ބިދޭސީ ކުޅުންތެރިޔާ އަބޫބަކަރު ސިލާ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޓީސީގެ ތިން ވަނަ ލަނޑު ޖެހީ ބިދޭސީ ކުޅުންތެރިޔާ ބޯޑު ޕްރިންސް އެވެ.
ލީގުގައި ހޯމަ ދުވަހުގެ ހަވީރު އޮޑި ސްޕޯޓްސް ކުލަބާއި، ކުލަބު އީގަލްސް ބައްދަލު ކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. މީގެ ކުރިން ކުޅުނު ތިން މެޗުން ވެސް އޮޑި މޮޅުވެފައިވާއިރު، އީގަލަސް އަތުން މޮޅުވެ އެއް ވަނަ އަށް ޖެހިލުމުގެ ފުރުސަތު އޮތެވެ. މެޗު އެއްވަރުވުމުން އޮޑި ދެ ވަނައިގައި އޮތީ ހަތަރު މެޗުން 10 ޕޮއިންޓާ އެކު އެވެ.
ލީގު ތާވަލްގެ އެއް ވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. އެއީ އެ ޓީމު ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާ އެކު އެވެ.