މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން، ކުލަބު އީގަލްސް މޮޅުވެއްޖެ އެވެ.
އާދީއްތަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު އީގަލްސް އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި އީގަލްސް އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.
މެޗުގެ ފުރަތަމަ ހާާފުގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނުނުއިރު، އީގަލްސް އިން ލަނޑު ޖަހަން މަސައްކަތް ކުރި އެވެ. ނަމަވެސް، މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި އީގަލްސް އިން ޖެހި ލަނޑު ބަލައިގެންފައި ނުވެ އެވެ.
އޭގެ ފަހުން މެޗުގެ 64 ވަނަ މިނެޓުގައި އީގަލްސް އަށް ލީޑު ނަގައިދިނީ އިސްމާއީލް އީސަ (މެސީ) އެވެ. އެއީ އަޙުމަދު ރިޒްވާން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. މެޗުގައި އީގަލްސް އިން ދެ ވަނަ ލަނޑު ޖެހީ ޓީސީގެ ޙަސަން އީނާޒް އަށް ރަތް ކާޑު ދެއްކިތާ މިނެޓެއް ފަހުންނެވެ. އެ ލަނޑު އީގަލްސް އަށް ޖަހައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ކަޓްސުޔޯޝީ ކިމިޝީމާ އެވެ.
މިއީ އީގަލްސްގެ ކޯޗުކަމާ ޢަބްދުﷲ ޙަނީފު (ބެންޖޯ) ހަވާލުވީ ފަހުން އަދި މި ސީޒަންގައި ވެސް އީގަލްސް އަށް ހޯދުނު ފުރަތަމަ މޮޅެވެ. ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗުން ވެސް އީގަލްސް ވަނީ ބަލިވެފަ އެވެ. އޭގެ ފަހުން އެ ޓީމުގެ ކޯޗުކަމާ ބެންޖޯ ހަވާލުވެ، އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރު ކުރި އެވެ. އަދި ދެ ވަނަ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ވެސް އެއްވަރު ކުރި އެވެ.
ބެންޖޯގެ އިރުޝާދުގެ ދަށުން ކުޅުނު ތިން ވަނަ މެޗުން އީގަލްސް މޮޅުވެފައިވާއިރު، މިހާތަނަށް ލީގުގައި ކުޅެފައިވާ ހަ މެޗުން ހަ ޕޮއިންޓު ހޯދައިގެން އެ ޓީމު އޮތީ ހަ ވަނައިގަ އެވެ. އީގަލްސް އަތުން ބަލިވި ޓީސީ އޮތީ ހަ މެޗުން ތިން ޕޮއިންޓާ އެކު ނުވަ ވަނައިގަ އެވެ.
ލީގުގައި މިހާރު ކޮންމެ ޓީމަކުން ވެސް ހަ މެޗުން ކުޅެފައިވާއިރު، އެއް ވަނައިގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އޮތީ ހަ މެޗުން ވެސް މޮޅުވެ 18 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮޑި ސްޕޯޓްސް ކުލަބު އޮތްއިރު، ތިން ވަނައިގައި އޮތީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ.