ކ. މާލެ
|
5 ޖޫން 2024 | ބުދަ 11:49
ދިޔަނެރު ފަޅު
ދިޔަނެރު ފަޅު
ރާއްޖެއެމްވީ
ދިޔަނެރު ފަރު
ދިޔަނެރު ފަރަށް އެރި ޓަގާއި ބާޖު 20 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
ޖޫރިމަނާގެ ޢަދަދަކީ ވިހި މިލިއަން ދެލައްކަ ސާޅީސް ހަހާސް ހަސަތޭކަ ދިވެހި ރުފިޔާ
30 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ދެއްކުމަށް ވަނީ އަންގާފައި

ދިޔަނެރު ފަރަށް އެރި ޓަގާއި ބާޖު 20 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ބުނީ ޓަގު އޭއެމް އެޑްވޭ އާއި އެ ޓަގާއެކު ރާއްޖެ އައި ބާޖު އެރޮން ވަނީ 23 ސެޕްޓެމްބަރު 2023 ގައި ކ. ދިޔަނެރު ފަރަށް އަރާފައިވާ ކަމަށެވެ. އަދި، މި އުޅަނދުތައް 24 ސެޕްޓެމްބަރު 2023 ގައި ވަނީ އެ ފަރު މަތިން ނަގާފައެވެ. އަދި، ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން 28 ސެޕްޓެމްބަރު 2023 ގައި އެ ފަރުގައި އެ އުޅަނދުގެ ވެރިފަރާތުން އައްޔަންކުރި ސަރވެޔަރުންނާއެކު ޖޮއިންޓް ސަރވޭއެއް ކުރެވިފައިވާ ކަމަށެވެ.

މި އުޅަނދުތައް ފަރަށް އެރި ސަރަޙައްދުތައް ބެލި ބެލުމުން އެ ޓަގު އެރި ސަރަޙައްދަށް 804 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހަލާކުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. ނަމަވެސް، ބާޖު އެރި ސަރަހައްދަށް ގެއްލުމެއް ލިބިފައިނުވާކަން ވަނީ ފާހަގަކުރެވިފައެވެ.

މިހެންކަމުން، އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވައިދުގެ ދަށުން ކަނޑައެޅިފައިވާ ޖޫރިމަނާގެ އަދަދަކީ 20,246,600 (ވިހި މިލިއަން ދެލައްކަ ސާޅީސް ހަހާސް ހަސަތޭކަ) ދިވެހިރުފިޔާ ކަމުގައިވާތީ، އެ އުޅަނދުގެ ވެރިފަރާތް ކަމުގައިވާ ދި މިޑްލް އީސްޓް މެރިން އެލްއެލްސީ ވަނީ 3 ޖޫން 2024 ގައި ޖޫރިމަނާކުރެވިފައެވެ.

އަދި، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ ފަރާތަށް ވަނީ އަންގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް