އީޕީއޭ ގެ ހުރިހާ ބާރެއް މިނިސްޓަރުގެ ދަށަށް ބަދަލުކޮަށް އެކުލަވާލި އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) ގެ ޒިންމާދާރު އެންމެ އިސްވެރިޔާގެ މަގާމަށް މީހަަކު ހޯދުމަށް އިއުލާނުކުރިތާ އެއް ދުވަސް ފަހުން، އެމަގާމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން މުހައްމަދު އައްޔަންކޮށްފި އެވެ.
ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓެގައި އީއާރުއޭ އިން ވަނީ އެ އިދާރާގެ ޗީފް އެގްޒެކެޓިވްގެ މަގާމަށް ހައްސާން އައްޔަނު ކުރިކަން އިއުލާނުކޮށް މަރުހަބާ ކިޔާފައެވެ. އެއީ ސިޔާސީ މަގާމެއް ކަމަށް ވާއިރު، އީއާރުއޭ ހިންގުމުގައި އެންމެ އިސްކޮށް ހުންނަވާނީ ހައްސާން އެވެ.
ނަމަވެސް އީޕީއޭގެ ނަން އީއާރުއޭ އަށް ބަދަލުކުރުމާ އެކު، އެ ތަނުގެ އެންމެ އިސްވެރިޔާގެ މަގާމަކީ ޗީފް އެޑްމިނިސްޓްރޭޓަރު ކަމަށް ރައީސް އޮފީހުން ކުރިން އަންގާފައި ވެއެވެ. އެކަމަކު، އެ އިދާރާގެ ޗީފް އެގްޒެކެޓިވްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމުން އެންމެ އިސްވެރިޔާއަކީ ހައްސާން ކަމަށް ވެއެވެ.އީޕީއޭ އީއާރުއޭއަށް ބަދަލުކުރުމުގެ ކުރިން އެ އިދާރާގެ ވެރިއެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ހުންނަނީ ޑިރެކްޓަރ ޖެނެރަލް އެކެވެ. އެ މަގާމުގައި ހުންނެވީ އިބްރާހިމް ނައީމެވެ.
We extend a warm welcome to Mr. Hassaan Mohamed as the new Chief Executive of the Environmental Regulatory Authority (ERA). With his leadership and vision, we look forward to strengthening our efforts in environmental protection and sustainable development. pic.twitter.com/ighVquiEfF
— Environmental Regulatory Authority (ERA) (@ERA_Maldives) August 19, 2025
ކުރިން މިނިވަން އިދާރާއެއްގެ ގޮތުގައި އޮތް އީޕީއޭގެ ނަން ބަދަލުކޮށް، ސިޔާސީ ފަރާތްތަކުގެ ބާރު ހިނގާ ގޮތަށް އުފެއްދި އީއާރުއޭ އަށް ވެރިޔަކު ހޯދަން ކުރި އިއުލާނުގެ މުއްދަތު ހަމަވާނީ މި ހިނގާ އޮގަސްޓް މަހުގެ 26 ވަނަ ދުވަހަށެވެ. ނަމަވެސް އިއުލާނު ކުރިތާ އެންމެ 48 ގަޑި އިރުވެސް ހަމަ ނުވަނިސް މިވަނީ އީއާރުއޭ އަށް ވެރިޔަކު އައްޔަނު ކޮށްފައެވެ.
އީޕީއޭގެ ނަން އަދި ހިންގުމަށް ރައީސް މުއިއްޒު ގެންނެވި ބަދަލު ތަކުގެ ސަބަބުން އެ އިދާރާގެ ހުރިހާ ބާރެއް މިހާރު ވަނީ ތިމާވެއްޓާ ބެހޭ މިނިސްޓަރުގެ ދަށަށް ބަދަލު ކޮށްފަ އެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ގަރާރަކުން އުފެއްދިެވި އީޕީއޭ، މީގެ ކުރިން ހިނގަމުން ދިޔައީ ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުންނެވެ.
އީޕީއޭގެ ބާރު ކެނޑޭ ގޮތަށް ރައީސް މުއިއްޒު ގެންނެވި ބަދަލު ތަކުގެ ސަބަބުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. މި ބަދަލުތަކާ ގުޅޭ ގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ އީޕީއޭގެ ދައުރެއް ނެތި އީއައިއޭ ހެދޭ ގޮތަށް ސަރުކާރުން އީއައިއޭގެ ގަވާއިދަށް އިސްލާހު ގެނައުމުން އީޕީއޭގެ ބާރެއް ނެތްކަން ދައްކުވައިދޭ ކަމަށެވެ. އަދި މިއީ ސަރުކާރުގެ މަސައްކަތްތައް ބެލުމުގެ ޒިންމާ ހަވާލުކޮށްފައިވާ އެކި މުއައްސަސާތަކުގެ ދައުރު ހަނިކޮށް، ބަލިކަށި ކުރުމަށް މިހާރު އޮތް ސަރުކާރުން ކުރާ މަސައްކަތެއް ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީޕީއޭގެ ރެގިއުލޭޓަރީ ދައުރު ހަރުދަނާ ކުރުމުގެ ފުރުސަތު އޮއްވައި، އެތަނުގެ މިނިވަންކަން ނަގާލުމަކީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި ވިދާޅުވީ، އެއީ ބާރުތައް ޖަމާ ކުރަން މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިތުރުވި ބޮޅެއް ކަމަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، މި ބަދަލު ގެނައީ އީޕީއޭއިން މިހާތަނަށް ކުރަމުން އައި މައިގަނޑު މަސައްކަތްތަކަކީ ރާއްޖޭގެ ތިމާވެއްޓާ ބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތަކެއް ކަމަށް ވާތީ، އެ އިދާރާއިން ކުރަމުން ގެންދާ މައިގަނޑު މަސައްކަތްތަކާ ވީހާ ވެސް ގުޅުންހުރި ނަމެއް ހަމަޖެއްސުމަށެވެ. އަދި އެ އިދާރާގެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކޮށް، ހަލުވިކުރުމުގެ ބޭނުމުގައި ކަމަށެވެ.