ކ. މާލެ
|
4 ޖޫން 2024 | އަންގާރަ 08:45
އެތުލެޓިކޯ އަށް ކުޅެމުން އައި ޑިޕާއި
އެތުލެޓިކޯ އަށް ކުޅެމުން އައި ޑިޕާއި
ރޮއިޓާސް
އެތުލެޓިކޯ މެޑްރިޑް
އެތުލެޓިކޯ ދޫކޮށްލަން ޑިޕާއި ނިންމައިފި
އޭނާ ފާހަގަ ކުރި ގޮތުގައި މިވަގުތު އޭނާގެ ހުރިހާ ފޯކަސްއެއް ހުރީ މި މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތަށް

ސްޕެެއިންގެ އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އައި ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއި އެ ކުލަބު ދޫކޮށްލަން ނިންމައިފި އެވެ.

ބާސެލޯނާގައި ހުރުމަށްފަހު، އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ އެތުލެޓިކޯ އަށް ބަދަލުވީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކުރީ ދެ އަހަރާ ބައިގެ އެއްބަސްވުމެއްގަ އެވެ. އެހެން ނަމަވެސް، މި ސީޒަން ނިމުމާއެކު، އޭނާ ވަނީ އެ ކުލަބު ދޫކޮށްލަން ނިންމައިފަ އެވެ.

އެތުލެޓިކޯ ދޫކޮށްލުމަށް ޑިޕާއި ނިންމީ ކުލަބުގެ އިސްވެރިންނާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު އެވެ. އެގޮތުން އެ މަޝްވަރާތަކުން ވަނީ، ދެ ފަރާތް އެއްބަސްވީ ގޮތުގެ މަތީން ޑިޕާއި ކުލަބު ދޫކޮށްލުމަށެވެ. އެތުލެޓިކޯ އިން ވަނި ޑިޕާއި އާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ނިންމައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޑިޕާއި ބުނީ، މިހާރު އޭނާ އަކީ ފްރީ އެޖެންޓެއް ކަމަށާއި، ކުރިއަށް އޮތް ސީޒަންގައި އޭނާ ބޭނުން ކުލަބަކަށް ބަދަލުވުމުގެ ފުރުސަތު މިހާރު އޮތް ކަމަށެވެ. އެހެން ނަމަވެސް، މިވަގުތު އެއްވެސް ކުލަބާއެކު މަޝްވަރާތައް ކުރިއަށް ނުދާ ކަމުގައި ޑިޕާއި ވަނީ ބުނެފަ އެވެ. އޭނާ ފާހަގަ ކުރި ގޮތުގައި މިވަގުތު އޭނާގެ ހުރިހާ ފޯކަސްއެއް ހުރީ މި މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ނެދަލެންޑްސް އާއެކު ވަރުގަދަ އަށް ތައްޔާރުވުމަށެވެ.

ބާސެލޯނާގައި ހޭދަ ކުރި ދެ ސީޒަންގައި އޭނާ ވަނީ އެ ކުލަބަށް 42 މެޗު ކުޅެދީ 14 ލަނޑު ޖަހައިފަ އެވެ. އޭގެ ފަހުން ޑިޕާއި އެތުލެޓިކޯ އަށް ބަދަލުވީއިރު، އެ ކުލަަބަށް އޭނާ ވަނީ 40 މެޗު ކުޅެދީ 13 ލަނޑު ޖަހައިފަ އެވެ. ޕީއެސްވީން ސީނިއާ ކެރިއަރު ފެށި ޑިޕާއި ވަނީ، މެންޗެސްޓަރ ޔުނައިޓެޑު އަދި ލިއޯން އަށް ވެސް ކުޅެފަ އެވެ.

ޔޫރޯ އަށް ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން އެކުލަވާލި ސްކޮޑުން ޑިޕާއި އަށް ވަނީ ފުރުސަތު ދީފަ އެވެ. ނެދަލެންޑްސްގެ ޤައުމީ ޓީމުން އޭނާ އަށް ޖާގަ ލިބުނީ، 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ޤައުމީ ޓީމަށް ކުޅެދިން 90 މެޗުން 44 ލަނޑު ޖަހައިފަ އެވެ. ނެދަލެންޑްސް އިން 2022 ވަނަ އަހަރު ޤަތަރުގައި އޮފް ފީފާ ވޯލްޑް ކަޕަށް ނެގި ޓީމުގައި ވެސް އޭނާ ހިމެނުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް