ނިރުބަވެރި އިޒްރޭލުން ޣައްޒާއަށް އަރައި، ޣައްޒާގެ ނިކަމެތި އާންމުން މަރަމުންދާއިރު ދުނިޔޭގެ އެކި ގައުމުތަކުން އަންނަނީ އެ ގައުމަކުން ކުރެވެން އޮތް ކަމެއް ކުރަމުންނެވެ. ބައެއް ގައުމުތަކުން ވަނީ ގުޅުން ކަނޑާލާފައެވެ. ބައެއް ގައުމުތަކުން ވަނީ ވިޔަފާރި ހުއްޓާލާފައެވެ. އަދި އަނެއްބައި ގައުމުތަކުން ވަނީ އިޒްރޭލުގެ ރައްޔިތުންނަށް އެ ޤައުމަކަށް ނުވަދެވޭ ގޮތް ހަދާފައެވެ. ގައުމުތަކުން މި ކަންކަން ކުރަނީ ކުރެވެން އޮތް އެންމެ އަވަހަކަށެވެ. ނަމަވެސް މި ސަރުކާރުން ޕޯޑިއަމްތަކުގައި ދައްކާ ވާހަކައެއް ފިޔަވައި މިހާތަނަށް އެކަމަށް އަމަލީ ސިފައެއް ނުގެނެއެވެ.
ސަރުކާރަށް މިވީ 6 ދުވަސްތެރޭގައި ވެސް ސަރުކާރަށް ސްޓޭންޑެއް ނުނެގެއެވެ. މިކަމުގެ އަޑީގައި މުޅިން އެހެން އެޖެންޑާއެއް އޮތީއެވެ. އަދިވެސް ބުނަމުންދަނީ އިޒްރޭލު ޕަސްޕޯޓް މަނާކުރާނެކަމާއި، އެއީ ސަރުކާރުގެ ސްޓޭންޑް ކަމަށެވެ. އަދި އެކަން ކުރާނެކަމަށް ސަރުކާރަށް ބުނަން ނުކެރި މަޖިލިސް ބޮލަށް އެކަން އަނެއްކާ ވެސް ވަނީ ޖަހާފައެވެ.
ސަރުކާރުގެ ތަރުޖަމާނު ހީނާ އެއިރު ވިދާޅުވީ އައު ރައްޔިތުންގެ މަޖިލިސް ހުވާކުރަން ވާއިރަށް ކުރެވޭނެ ކަންތައްތަކަކީ ކޮބައިތޯ ބަލަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ތަންކޮޅެއް ބޮޑަށް ދިރާސާކޮށް، އިންޑެޕްތްކޮށް މަޝްވަރާކުރަންޖެހޭ ހުރިހާ ފަރާތްތަކާއި މަޝްވަރާކުރުމަށްފަހު ފަލަސްތީނުގެ ހައްގުގައި ނަގަންޖެހުނު ކޮންމެ ސްޓޭންޑެއް ނަގާނެ ކަމަށެވެ. އަދި ނަގާ ކޮންމެ ސްޓޭންޑަކީ ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ނަގާނެ ސްޓޭންޑެއް ކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތަކަކީ އަދި ނަގަންޖެހޭ ސްޓޭންޑްތަކަކީ ކޮބައިތޯ، އެކަންކަމާއި ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ކަމާއިބެހޭ ފަރާތްތަކާ އެކީގައި މަޝްވަރާކުރަމުންދާ ކަމަށެވެ. އެހެންކަމުން އައު މަޖިލިސް ހުވާ ކުރަންވާއިރަށް އެހިސާބަށް ދެވޭނެކަމަށް ހީނާ ވިދާޅުވިއެވެ.
ދުވަސްތައް ގުނަމުންގޮސް މަޖިލިސްވެސް ހުވާކޮށްފިއެވެ. އެންމެ ފަހުން ސުޕަރ މެޖޯރިޓީ ދިނީމަ މަޖިލީހުގެ ސަރުކާރު ތަމްސީލުކުރާ ޕީޖީ ގްރޫއްޕުން ބުނީ ދިވެހިން ލަދުގަންނަވާލި ހުތުރު ވާހަކައެކެވެ. 20 ވަނަ މަޖިލީހުގެ މެންބަރުން ހުވާކުރުމަށްފަހު މަޖިލީހުގައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމުގެ މައްސަލައާއި ގުޅޭގޮތުން ކުރި ސުވާލަށް ސީދާ ސާފު ޖަވާބެއް ނުދީ އެއީ ދެގައުމެއްގެ ދެމެދުގައި ހިނގަމުންދާ ދާހިލީ މައްސަލައެއްގެ ގޮތަށް ވަނީ ސިފަކޮށްފައެވެ.
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ އިޒްރޭލުގެ މައްސަލައަކީ އެކަމުގެ މާބޮޑު މައުލޫމާތެއް ރައްޔިތުންގެ މަޖިލީހުން ލިބިފައިވާ ކަމަކަށް ނުވާތީ އެކަމުގައި މިވަގުތު މާބޮޑު އެއްޗެއް ދެންނެވޭކަށް ނެތް ކަމަށެވެ.
ދެން ސަރުކާރުން މިކަމުގައި މާބޮޑެތި މަސައްކަތްތަކެއް ނުކޮށް އެންމެ ފަހުން ކެބިނެޓުން ނިންމީވެސް ގާނޫނަށް އިސްލާހު ގެންނާށެވެ. ސަރުކާރުން ބަހަނާއަކަށް ދައްކަނީ ގާނޫނެވެ. ސަރުކާރުން ބުނަނީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި ގާނޫނުތަކަށް ގެންނަޖެހޭ އިސްލާހުތައް ގެނައުމަށްޓަކައި ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ. އަދި އެކަން ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށާއި، އެ ކޮމިޓީގައި ހިމެނެނީ ހޯމް މިނިސްޓަރު އަލީ އިހުސާން އާއި، ފޮރިން މިނިސްޓަރ ޣައްސާން މައުމޫން، އެޓަރނީ ޖެނެރަލް މުހައްމަދު އުޝާމް، އިކޮނަމިކް މިނިސްޓަރ މުހައްމަދު ސައީދު، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލްއެވެ.
ޕާސްޕޯޓް މަނާކުރުމަށް މަޖިލީހަށް ވަނީ ބިލެއް ވެސް ހުށަހަޅާފައެވެ. ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން، ރާއްޖެއަށް އެތެރެވާ މީހުންނާއި އެތެރެ ނުވެވޭ މީހުން ކަނޑައެޅުމުގެ ބާރު ލިބިގެންވެއެވެ. ނަމަވެސް މިހާތަނަށް ވެސް ރައީސް އެކަމެއް ނުކުރައްވައެވެ. ދައްކަނީ އަދިވެސް ބަހަނާއެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ދިފާއުކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނު ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ވަނީ ހުށަހެޅިފައެވެ. ޕާސްޕޯޓް މަނާކުރުމަށް ޕެޓިޝަން ވެސް ވަނީ ހުށަހެޅިފައެވެ.
ނަމަވެސް ސަރުކާރަށް 6 މަސް ވެގެން ދިޔައިރުވެސް ނިރުބަވެރި އިޒްރޭލުން ޣައްޒާގެ ރައްޔިތުންނަށް ޖައްސަމުންދާ ހާލާއި ގުޅޭގޮތުން އެއްވެސް އާރެއް ބާރެއް ނެތް ދެ މަޖިލީހެއްގައި ވާހަކަދެއްކުން ފިޔަވައި އެއްވެސް ކަމެއް ނުކުރެއެވެ. ދިވެހިން ބޭނުންވަނީ ރާއްޖެއިން މިކަމުގައި ނަމޫނާ ދެއްކުމަށެވެ. ނަމަވެސް އިޒްރޭލާ އެންމެ ގާތް އެމެރިކާ، ޖަރުމަނު ފަދަ ބޮޑެތި ގައުމުތަކުން ކޮންޓްރޯލް ކުރާ އދ. އާއި، ޣައްޒާގެ މައްސަލައިގައި ހަނު ތިބި އަރަބިން ހިމެނޭ ޖަމިއްޔާއެއްގައި މި ވާހަކަ ދެއްކުން ފިޔަވައި އެއްވެސް އިތުރުކަމެއް މި ސަރުކާރުން ނުކުރެއެވެ.