ކ. މާލެ
|
1 ޖޫން 2024 | ހޮނިހިރު 10:07
އަލް ޙިލާލް އިން ކިންގް ކަޕްގެ ތަށި އުފުލާލަނީ
އަލް ޙިލާލް އިން ކިންގް ކަޕްގެ ތަށި އުފުލާލަނީ
ރޮއިޓާސް
ކިންގް ކަފް އޮފް ޗެމްޕިއަންސް
ޕެނަލްޓީގައި މޮޅުވެ އަލް ޙިލާލުން ކިންގް ކަޕް ކާމިޔާބު ކޮށްފި
މިއީ މި ސީޒަންގައި އަލް ޙިލާލް އިން ކާމިޔާބު ކުރި ތިން ވަނަ ތަށި

ސައުދީ ކިންގް ކަޕް އޮފް ޗެމްޕިއަންސްގެ ފައިނަލްގައި އަލް ނަސްރު ބަލިކޮށް، އަލް ޙިލާލް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން އެއްވަރުވެގެންނެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ އަލް ޙިލާލް އިން ކާމިޔާބު ކުރީ 5-4 އިންނެވެ.

މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި އަލް ޙިލާލް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ އެލެކްސެންޑާ މިޓްރޮވިޗް އެވެ. މެޗުން އަލް ނަސްރު ސަލާމަތްކޮށްދިނީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، އައިމަން ޔަހްޔާ ލަނޑު ޖަހައިގެންނެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަަލްޓީގައި އަލް ޙިލާލުން ވަނީ ހަތް ޕެނަލްޓީގެ ތެރެއިން ފަސް ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. އަލް ޙިލާލްގެ ރުބެން ނެވޭސް އަދި ސަލީމް އަލް ދައުސާރީގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.

ހަތް ޕެނަލްޓީގެ ތެރެއިން އަލް ނަސްރަށް ކާމިޔާބު ކުރެވުނީ ހަތަރު ޕެނަލްޓީ އެވެ. ނާކާމިޔާބުވީ އަލެކްސް ޓެލޭސް، ނާސިރު އަލް ހަސަން އަދި މިޝާރީ އަލް ނެމާރުގެ ޕެނަލްޓީ އެވެ. މީގެ ތެރެއިން ނާސިރު އަދި ނެމާރުގެ ޕެނަލްޓީ އަލް ޙިލާލްގެ ކީޕަރު ޔާސީން ބޯނޯ ވަނީ މަތަކޮށްފަ އެވެ.

މިއީ މި ސީޒަންގައި އަލް ޙިލާލް އިން ކާމިޔާބު ކުރި ތިން ވަނަ ތައްޓެވެ. ކިންގް ކަޕްގެ އިތުރުން އެ ޓީމުން ވަނީ ސައުދީ ޕްރޯ ލީގު އަދި ސައުދީ ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް