ޗެލްސީ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޔާއޯ ފެލިކްސް، ސައުދީ ޕްރޯ ލީގުގެ އަލް ނަޞްރަށް ބަދަލުވާން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ ޗެލްސީ އަށް ބަދަލުވީ 2024 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ ހަތް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. އޭގެ ފަހުން މިއަހަރުގެ ފެބްރުވަރީ މަހު ފެލިކްސް ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އޭސީ މިލާނަށް ވެސް ބަދަލުވެފަ އެވެ.
މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ފެލިކްސް ހޯދުމުގެ މަސައްކަތް ބެންފީކާ އިން ކުރަމުން އަންނަނިކޮށް، އަލް ނަޞްރުން ވަނީ އެ ޑީލް ހައިޖެކް ކޮށްފަ އެވެ. އެގޮތުން އަލް ނަޞްރުން ވަނީ ފެލިކްސް ހޯދުމުގެ މަޝްވަރާތައް ޗެލްސީ އާއެކު ކުރިއަށް ގެންގޮސްފަ އެވެ.
މީގެ އިތުރުން މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އަލް ނަޞްރުން ފެލިކްސް އަށް ހުށަހަޅާފައިވާ ހުށަހެޅުން، ފެލިކްްސް ވަނީ ޤަބޫލު ވެސް ކޮށްފަ އެވެ. އެހެންކަމުން މިވަގުތު އަލް ނަޞްރުން ކުރަމުން އަންނަނީ ޗެލްސީ އާއެކު މަޝްވަރާކޮށް، ނިންމަން ޖެހޭ ކަންކަން ނިންމުމުގެ މަސައްކަތް ކަމަށް ވެސް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.
އަދި ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި އަލް ނަޞްރަށް ބަދަލުވުމުގެ ގޮތުން ފުރިހަމަ ކުރަން ޖެހޭ މެޑިކަލްގެ ކަންކަން ފެލިކްސް ފުރިހަމަ ކުރާނެ ކަމަށާއި، އެއަށްފަހު އެ ކުލަބުގެ އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
ޗެލްސީ އަށް ބަދަލުވީ ފަހުން ފެލިކްސް ވަނީ އެ ކުލަބަށް ކުޅެދިން 20 މެޗުގައި ހަތް ލަނޑު ޖަހައިފަ އެވެ. އޭގެ ފަހުން އޭސީ މިލާނަށް ބަދަލުވެ އޭނާ ވަނީ އެ ކުލަބަށް 21 މެޗު ކުޅެދީ ތިން ލަނޑު ޖަހައިފަ އެވެ. ބެންފީކާ އިން ސީނިއާ ކެރިއަރު ފެށި ފެލިކްސް ވަނީ ޗެލްސީ އާއި އޭސީ މިލާންގެ އިތުރުން، އެތުލެޓިކޯ މެޑްރިޑު އަދި ބާސެލޯނާ އަށް ވެސް ކުޅެފަ އެވެ.
ފެލިކްސް އަކީ ޕޯޗުގަލްގެ ޤައުމީ ޓީމުގައި ވެސް ހިމެނޭ ކުޅުންތެރިޔެކެވެ. ޕޯޗުގަލްގެ ޤައުމީ ޓީމަށް އޭނާ ވަނީ 45 މެޗު ކުޅެދީ ނުވަ ލަނޑު ޖަހައިފަ އެވެ. ޕޯޗުގަލް އާއެކު އޭނާ ވަނީ ޔުއެފާ ނޭޝަންސް ލީގު ދެ ފަހަރު ކާމިޔާބު ކޮށްފަ އެވެ.
އަލް ނަޞްރުން ފެލިކްސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ޤައުމީ ޓީމުގައި ފެލިކްސް އާއެކު ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ކުޅެމުން އަންނަނީ އެ ކުލަބަށެވެ. ބައެއް މީޑިއާ ތަކުން ބުނެފައިވާ ގޮތުގައި އަލް ނަޞްރުން ފެލިކްސް ހޯދުމުގެ ރޮނާލްޑޯގެ ދައުރު އެބަ އޮތެވެ.