ކ. މާލެ
|
27 މެއި 2024 | ހޯމަ 08:46
ގަލޮޅު ރަސްމީ ދަނޑުގެ ލައިޓުތައް ރަނގަޅު ކުރުމުގެ މަސައްކަތުގެ ތެރެއިން
ގަލޮޅު ރަސްމީ ދަނޑުގެ ލައިޓުތައް ރަނގަޅު ކުރުމުގެ މަސައްކަތުގެ ތެރެއިން
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ގަލޮޅު ދަނޑުގެ ލައިޓުތައް ރަނގަޅު ކުރުމުގެ މަސައްކަތް ފަށައިފި
އަންނަ ޖޫން މަހުގެ ކުރީ ކޮޅު ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ކުޅިވަރު ވުޒާރާ އިން މައުލޫމާދު ދެއްވާ

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގެ ލައިޓުތަކަށް ދިމާވެފައިވާ މައްސަލަ ޙައްލު ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އިން ވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެ މަސައްކަތް ސިފައިންގެ ވެލްފެއާ ޕްރައިވެޓް ލިމިޓެޑް (ސިވެކް)އާ ހަވާލުކޮށްފަ އެވެ. މަސައްކަތުގެ ޖުމުލަ އަގަކީ، 3،985،745.79 (ތިން މިލިއަން ނުވަ ލައްކަ އަށްޑިހަ ފަސްހާސް ހަތް ސަތޭކަ ސާޅީސް ފަސް ރުފިޔާ، ހަތްދިހަ ނުވަ ލާރި) އެވެ.

އެ އެއްބަސްވުމުގެ ދަށުން ކުރާ މަސައްކަތުގެ ތެރޭގައި ލައިޓުތަކުގެ މިހާރުގެ ޙާލަތު ބެލުމަށްފަހު، ބަދަލު ކުރަން ޖެހޭ ލައިޓުތައް ބަދަލު ކުރުން ހިމެނެ އެވެ. މީގެ އިތުރުން މުޅި ލައިޓު ސިސްޓަމްގެ ވަޔަރިން ބަދަލު ކުރުމާއި، ލައިޓިން ސިސްޓަމްގެ އެހެނިހެން މަރާމާތުތައް ކުރުން ވެސް ހިމެނެ އެވެ.

ދަނޑުގެ ލައިޓިން މަރާމާތުކުރުމުގެ މަސައްކަތުގައި ފުރަތަމަ ކުރިއަށް ގެންގޮސްފައި ވަނީ ލައިޓުތަކަށް ލިބިފައިވާ ގެއްލުންތައް ބަލައި، އެކަންތައްތައް ދެނެގަތުމުގެ މަސައްކަތެވެ. އޭގެ ފަހުން މިހާރު ވަނީ ލައިޓުތައް މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ފަށައިފަ އެވެ.

ގަލޮޅު ދަނޑުގެ ލައިޓިން ސިސްޓަމް ހުރީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އެކަމުގެ ސަބަބުން ގިނަ ބޮކިތަކެއް ނުދިއްލެ އެވެ. އަދި އެކަށީގެންވާ ވަރަށް ކަރަންޓު ލޯޑު ނުހިފެހެއްޓޭތީވެ، ރޭގަނޑު ކުޅޭ މެޗުތައް ހިނގަމުން ދަނިކޮށް ދަނޑުގެ ބޮކިތައް ނިވި، ދަނޑު އަނދިރިވުމުގެ މައްސަލަ ގާތްގާތުގައި އެތައް ފަހަރަކު ވަނީ ދިމާވެފަ އެވެ. އެކަމުގެ ސަބަބުން ރޭގަނޑު މެޗުތައް ކުޅެން ދަތިވެ، ހާލަތު ގޯހުން ގޯހަށް ދިއުމުން އެންމެ ފަހުން އޮތް ދެވަނަ ޑިވިޝަނުގެ ހުރިހާ މެޗެއް ކުޅެނީ ވެސް ހަވީރު އެވެ.

މީގެ އިތުރުން އޭއެފްސީ ކަޕުގައި ރާއްޖޭގެ ޓީމުތައް ކުޅެންޖެހޭ މެޗުތައް ވެސް، މަޖުބޫރުވެގެން ކުޅެފައި ވަނީ ހަވީރު އެވެ. މިކަން ކުލަބުތަކުން ވަނީ އެކި ފަހަރުތަކުގެ މަތީން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފަ އެވެ.

ދަނޑުގެ ލައިޓުތައް ރަނގަޅު ކުރުމުގެ މަސައްކަތް އަންނަ ޖޫން މަހުގެ ކުރީ ކޮޅު ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ކުޅިވަރު ވުޒާރާ އިން މައުލޫމާދު ދެއްވަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް